ޔޫކްރެއިނުގެ ބަނދަރަކަށް ގޮވާން ބަރުކަން ގާތް ކުރި އަރޯޔަތު ބޯޓު.

ޔޫކްރެއިން

ޔޫކްރެއިނުން އާ މަގެއް ބޭނުންކޮށް ގޮވާން ބޭރުކުރަނީ

މިއީ ރަޝިޔާއާ އެކު ހެދި އެއްބަސްވުން ނިމުމަކަށް އައި ފަހުން ޔޫކްރެއިނުން ބްލެކް ސީ ކަނޑުން ކާބޯތަކެތި ބޭރުކުރާ ފުރަތަމަ ފަހަރު
17 ސެޕްޓެމްބަރު 2023

ބްލެކް ސީ ކަނޑުގެ އާ މަގަކުން ދަތުރުކޮށް ދެ ބޯޓެއް ގޮވާން ބަރުކުރުމަށް ޔޫކްރެއިނަށް ބަނދަރުކޮށްފައިވާ ކަމަށް ޔޫކްރެއިނުގެ އިދާރާތަކުން ބުނެފި އެވެ.

މި ދެ ބޯޓު ޔޫކްރެއިނުގެ ޗޯރްނޮމޮސްކްއަށް ބަނދަރުކޮށްފައި ވަނީ ހޮނިހިރު ދުވަހު އެވެ. ދުނިޔޭގެ މާކެޓުތަކަށް ފޯރުކޮށްދިނުމަށް 20،000 ޓަނުގެ ހުތް މި ދެ ބޯޓަށް ލޯޑު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރަޝިޔާއާ އެކު ހަދާފައި އޮތް ގޮވާމާ ބެހޭ ޑީލު ހުއްޓުމަކަށް އައި ފަހުން ޔޫކްރެއިނުގެ ބަނދަރަކަށް ގާތް ކުރި މިއީ ފުރަތަމަ އާންމު ބޯޓުތަކެވެ. މިހާތަނަށް ޗޯރްނޮމޮސްކް ބަނދަރު ބޭނުންކުރަމުން އައިސްފައި ވަނީ ޔޫކްރެއިނުން ފުރާ ބޯޓުތަކަށް އެކަންޏެވެ.

ޔޫކްރެއިނުގެ ބޮޑުވަޒީރުގެ ނާއިބު އޮލެކްސަންޑާ ކުބްރަކޯވް ވިދާޅުވި ގޮތުގައި، އަރޯޔަތު އާއި ރެސީލިއެންޓް އެފްރިކާގެ ނަންދެވިފައިވާ މި ދެ ބޯޓު ދަތުރުކުރަމުން އަންނަނީ ޕަލާއުގެ ދިދައިގެ ދަށުން ނެވެ. އަދި މި ބޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަނީ ޔޫކްރެއިނު، ތުރުކީ، އަޒަބައިޖާން އަދި މިސުރު ފަޅުވެރިންނެވެ.

އަދި މި ބޯޓުތަކުން މިސުރަށާއި އިޒްރޭލަށް ހުތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޔޫކްރެއިނުގެ އެގްރިކަލްޗާ މިނިސްޓްރީން ބުނެ އެވެ.

ބްލެކް ސީ ކަނޑުގެ ހުޅަނގު ފަރާތުން ޔޫކްރެއިނުގެ ޗޯރްނޮމޮސްކްއަށް މެރިޓައިމް ކޮރިޑޯއެއް ކީވް އިން ކަނޑައަޅާފައި ވަނީ އދ. އާއި ތުރުކީ އިން އިސްވެ ހުރެ ރަޝިޔާ އާއި ޔޫކްރެއިނާ ދެމެދު ހެދި ގޮވާމާ ބެހޭ ޑީލު ހުއްޓުމަކަށް އައުމާ ގުޅިގެން ނެވެ.

ގޮވާމާ ބެހޭ ޑީލު އާކޮށްފައި ނުވަނީ އެއްބަސްވެވިފައިވާ ގޮތަށް ރަޝިޔާގެ އުފެއްދުންތައް އެކްސްޕޯޓު ކުރެވެމުން ނުދާތީ ކަމަށް މޮސްކޯއިން އޭރު ބުނެފައިވެ އެވެ.

ޔޫކްރެއިނުން ގޮވާން ބަރުކުރުމަށް ދެ ބޯޓެއް ގާތް ކުރުމާ ގުޅޭ (ވީޑިއޯ/ވިއޯން)

ރަޝިޔާއިން ޔޫކްރެއިނު ހަނގުރާމަ ފެށުމާ އެކު ދުނިޔެއަށް ގިނަ އަދަދަކަށް ސަންފްލަވާ އޮއިލް، ބާލީ، މެއިޒް އަދި ހުތް ސަޕްލައި ކުރަމުން އަންނަ ޔޫކްރެއިނުގެ ބަނދަރުތައް ބަންދުވެ އެތައް މިލިއަން ޓަނެއްގެ ކާބޯތަކެތި ތާށިވި އެވެ.

އަދި މިއާ އެކު ކާބޯތަކެތީގެ އަގުތައް ދުނިޔޭގައި އުފުލިގެން ދިޔަ އެވެ. ވަކިން ހާއްސަކޮށް އެފްރިކާއަށާއި މެދު އިރުމަތީގެ ގައުމުތަކަށް މީގެ އަސަރު ވަރަށް ބޮޑަށް ކުރި އެވެ. މީގެ ތެރެއިން އަފްގާނިސްތާނު، ޔަމަނު، ސޫދާން އަދި އިތިއޮޕިއާ ފަދަ ގައުމުތައް މިހާރު ވެސް އޮތީ އިންސާނީ އެހީތެރިކަމަށް ވަރަށް ބޮޑަށް ޖެހިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް