
މި މައްސަލައިގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމައުގައި ޕޯލެންޑަށް ލިބިފައިވާ ޝަރަފަށް އުނިކަން ލިބެމުން އަންނަ ކަމަށް ތޯމާސް ގްރޮޑްޒްކީ ވަނީ ވިދާޅުވެފައި.
ފައިސާއަށް ވިސާ ޖެހުމުގެ ހިޔާނާތަކާ އެކު ޕޯލެންޑު ސަރުކާރު ހޫނު ފެނަށް
ފައިސާއަށް ވިސާ ޖަހާދެމުން އަންނަ މައްސަލައާ ގުޅޭ ގޮތުން ޕޯލެންޑުގެ ސަރުކާރަށް އެނގޭ މައުލޫމާތުތައް ހާމަކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ ރައީސް ތޯމާސް ގްރޮޑްޒްކީ ގޮވާލައްވައިފި އެވެ.
ގްރޮޑްޒްކީ ވިދާޅުވީ މި މައްސަލައިގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި ޕޯލެންޑަށް ލިބިފައިވާ ޒިންމާދާރު ޑިމޮކްރެޓިކް ގައުމެއްގެ ލަގަބަށް އުނިކަން ލިބެމުން އަންނަ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ޕޯލެންޑު ސަރުކާރުން އަދި ހާމަކޮށްފައި ވަނީ މަދު ތަފްސީލުތަކެކެވެ. ނަމަވެސް އެގައުމަށް ހިޖުރަކުރުމަށް ބޭނުންވާ މީހުން ހުށައަޅާފައިވާ ވިސާ އެޕްލިކޭޝަންތައް އަވަސް ކުރުމަށް 5،000 ޑޮލަރާ ހަމައަށް ޗާޖު ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.
މިހާތަނަށް މި ހިޔާނާތުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލިފައިވީ ނަމަވެސް މިއިން އެއްވެސް މީހަކީ ސަރުކާރު މުވައްޒަފެއް ނޫނެވެ. އަދި މި ތުހުމަތުތަކާ ގުޅިގެން ޕޯލެންޑުގެ ހާރިޖީ ވަޒީރުގެ ނާއިބު ޕިއޮތޯރް ވަވްރްޒީކް ވަނީ މިދިޔަ ހަފްތާގައި މަގާމުން ވަކިކޮށްފަ އެވެ. އޭނާ މަގާމުން ދުރުކޮށްފައި ވަނީ ޕޯލެންޑުގެ އެންޓި ކޮރަޕްޝަން ބިއުރޯއިން ހާރިޖީ ވުޒާރާ ބަލާފާސްކޮށް އޮޑިޓު ކުރިތާ އެއް ދުވަސް ފަހުން ނެވެ. ވަވްރްޒީކްގެ އިތުރުން ހާރިޖީ ވުޒާރާގެ ގާނޫނީ ހިދުމަތްތަކާ ބެހޭ ޑިރެކްޓަރު ވެސް ވަނީ ވަކިކޮށްފަ އެވެ.
މި އޮޑިޓާ ގުޅިގެން ވިސާ އެޕްލިކޭޝަންތައް ނަގާ ބަލަހައްޓަމުން ގެންދާ ޕްރައިވެޓް ކުންފުނިތަކަށް ދީފައިވާ ކޮންޓްރެކްޓުތައް އުވާލާނެ ކަމަށް ޕޯލެންޑުގެ ހާރިޖީ ވުޒާރާއިން ވަނީ ބުނެފަ އެވެ.
ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށް އާންމު އުސޫލުތަކާ ހިލާފަށް އޭޝިއާ އާއި އެފްރިކާގެ 250،000 އެއްހާ މީހުންނަށް ވިސާ ދޫކޮށްފައިވާ ކަމަށް ސަރުކާރާ އިދިކޮޅު މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް މި ތުހުމަތައް ދޮގުކޮށް މި އަދަދު ހުރީ ސަތޭކަގެ އަދަދުތަކުން ކަމަށް ޕޯލެންޑު ސަރުކާރުން ވަނީ ބުނެފަ އެވެ.
"ޕޯލެންޑުގެ ވިސާ ބޭނުންވާ އެފްރިކާގައި ހުރި ކޮންމެ މީހަކު ވެސް އަހަރުމެންގެ އެމްބަސީގައި ހުންނަ ވަކި ހާއްސަ ކައުންޓަރަށް ގޮސް ތަފްސީލުތައް ފޯމުގައި ލިޔެލާ ވިސާއެއް ގަނެލާ އެހެރަ ދަނީ ނުކުމެގެން. ޕީއައިއެސް [ސަރުކާރު ހިންގާ މައި ޕާޓީ]ގެ ހިޖުރަކުރުމާ ބެހޭ ސިޔާސަތު،" އެކްސްގައި ޕޯލެންޑުގެ މައި އިދިކޮޅު ޕާޓީގެ ލީޑަރު ޑޮނަލްޑް ޓަސްކު ލިޔުއްވާފައިވެ އެވެ.
ޓަސްކް އަށް ރައްދު ދެއްވާ ބޮޑުވަޒީރު މަތިއުސް މޮރަވިއެކީ ވިދާޅުވީ ޓަސްކު އުޅުއްވަނީ ސަރުކާރު ހިންގާ ޕާޓީއަށް މައްސަލަތައް ކުރިމަތި ކުރުވަން ކަމަށާއި ޓަސްކު ސިފަކުރައްވާފައިވާހާ ބޮޑު މައްސަލައެއް ނެތް ކަމަށެވެ.
މަޖިލީހުގެ ރައީސް ގްރޮޑްޒްކީ އިތުރަށް ވިދާޅުވި ގޮތުގައި މިއީ 21 ވަނަ ގަރުނުގައި ޕޯލެންޑުގައި ފެންމަތިވި އެންމެ ބޮޑު ހިޔާނާތެވެ. "ސަރުކާރުގެ އެންމެ މަތީ ފަންތީގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ، އަހަރުމެން އެންމެން ސީދާ ނުރައްކަލަކަށް ވެއްޓިފައި މިވަނީ." އޭނާ ވިދާޅުވި އެވެ.
ކޮމެންޓް