
އެމެރިކާގެ ބިލިއަނަރު އީލޮން މަސްކު
ޓައިވާން ސަރުކާރުން މަސްކަށް: ޓައިވާނު އޮތީ ވިއްކަން ޖަހާފައެއް ނޫން
ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް އެމެރިކާގެ ބިލިއަނަރު އީލޮން މަސްކު ވިދާޅުވުމާ ގުޅިގެން، ޓައިވާނު "އޮތީ ވިއްކަން ޖަހާފައި ނޫން" ކަމަށް ބުނެ، ޓައިވާނު ސަރުކާރުން މަސްކަށް ރައްދު ދީފި އެވެ.
"އަޑުއައްސަވާ، ޓައިވާނަކީ ޕީއާރްސީ (ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ)ގެ ބައެއް ނޫން އަދި ވިއްކަން ޖަހާފައެއް ނޫން އޮތީ،" ޓައިވާނުގެ ހާރިޖީ ވަޒީރު ޖޯސެފް ވޫ އެކްސް ޕްލެޓްފޯމުގައި ލިޔުއްވާފައި ވެ އެވެ.
މިހަފްތާގައި އޮތް ވިޔަފާރި ބައްދަލުވުމެއްގައި މަސްކު ވަނީ ޓައިވާނާއި އެމެރިކާގެ ހަވާއީ އަކީ އެއްކަހަލަ ދެ ތަން ކަމަށް ސިފަކުރައްވައި ޓައިވާނަކީ ޗައިނާގެ "މުހިންމު ބައެއް" ކަމަށް ވިދާޅުވެފަ އެވެ.
ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ބެއިޖިންގް އިން ދައުވާ ކުރަމުންދާ އިރު، ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޗައިނާ އާއި ޓައިވާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
މި ހަފްތާގައި ވެސް ޗައިނާއިން ވަނީ ޓައިވާނު ވަށާ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި ތަމްރީނުތަކުގައި ޗައިނާގެ 40 އަސްކަރީ މަތިންދާބޯޓާއި 10 މަނަވަރު ބޭނުންކޮށްފައިވާ ކަމަށް ޓައިވާނުން ބުނެފައި ވެ އެވެ.
ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ސިފަކުރައްވައި މަސްކު ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ޗައިނާ އާއި ޓައިވާނާ ދެމެދުގައި އޮތް ނުތަނަވަސްކަމަށް ލުޔެއް ހޯދުމަށް ޓައިވާނުން ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް ބެއިޖިންގް އަށް ދިނުމަށް ވިދާޅުވެ މަސްކު ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް ހިޔާލުފާޅު ކުރައްވާފަ އެވެ.
އަދި އެފަހުން ފައިނޭންޝަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި، ދެ ސަރުކާރު ވެސް ހިތްހަމަޖެހޭ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މަސްކު ވިދާޅުވެފައި ވެ އެވެ.
ޗައިނާ އިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްކުގެ ވާހަކަތަކަށް ތައުރީފު ކުރައްވާފައި ވާއިރު، ޓައިވާނު ސަފީރު ވަނީ އެ ވާހަކަތައް ކުށްވެރިކުރައްވާފަ އެވެ.
މިނިވަންކަމަކީ "ވިއްކަން ހުރި އެއްޗެއް" ނޫން ކަމަށާއި، މަސްކުގެ އެކްސް ޕްލެޓްފޯމު ޗައިނާ ރައްޔިތުންނަށް ހުޅުވާލަން ބެއިޖިންގް ސަރުކާރުގައި މަސްކުއަށް އަހަން ކެރިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޓައިވާނުގެ ހާރިޖީ ވަޒީރު ވޫ ވަނީ ވިދާޅުވެފަ އެވެ.
މަސްކުގެ އިލެކްޓްރިކް އުޅަނދު އުފައްދާ ޓެސްލާ ކުންފުނީގެ ބޮޑު ކާރުހާނާއެއް ޗައިނާގެ ޝަންހާއީގައި ހުރެ އެވެ. އަދި މަސްކު ވަނީ މިދިޔަ މޭ މަހު ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި އެ ގައުމުގެ އޮފިޝަލުންނާ ބައްދަލުކުރައްވާފަ އެވެ. ޗައިނާގައި އޮތް ޓެސްލާގެ ވިޔަފާރި ފުޅާކުރުމަށް މަސްކު ވާހަކަ ދެއްކެވި ކަމަށް ޗައިނާގެ ހާރިޖީ ވުޒާރާ އިން އޭރު ބުނެފައި ވެ އެވެ.
އެމެރިކާ އާއި ޗައިނާއާ ދެމެދު ގުޅުން ހީނަރުވަމުންދިޔުމުގެ ސަބަބުން، މަސްކު ޗައިނާއަށް ކުރެއްވި އެ ދަތުރަށް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވެ އެވެ.
ވޮޝިންޓަން އާއި ބެއިޖިންގްއާ ދެމެދު އެންމެ މަތީ ފެންވަރުގައި މަޝްވަރާތައް ކުރަމުން އައި ނަމަވެސް އެކި މައްސަލަތަކުގައި މި ދެ ގައުމުގެ ހިޔާލު ހުރީ ވަރަށް ތަފާތު ބޮޑުކޮށެވެ. ވަކިން ހާއްސަކޮށް، ޓައިވާނާ ދެކޮޅަށް ޗައިނާ އިން އުދުވާނެއް ހިންގައިފި ނަމަ ޓައިވާނަށް އެހީތެރިވާން އަންނާނޭ ކަމަށް އެމެރިކާއިން ވަނީ އިންޒާރު ދީފަ އެވެ.
ކޮމެންޓް