މި ކާރިސާގައި އެތައް ބަޔަކު ވަނީ ހޮސްޕިޓަލަށް ގެންދެވިފައި.

ވިއެޓްނާމް

ވިއެޓްނާމުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 56 މީހަކު މަރުވެއްޖެ

ކުޑަދޮރުތަކުގައި ތޭރި ޖަހާފައި ހުރުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ސަލާމަތް ނުވެވިފައި
14 ސެޕްޓެމްބަރު 2023

ވިއެޓްނާމުގެ ވެރިރަށް ހަނޯއީގެ އެޕާޓްމަންޓް ބްލޮކެއްގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 56 މީހަކު މަރުވެ، އެތައް ބަޔަކު ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ ހާދިސާގައި 37 ވަރަކަށް މީހުންނަށް އަނިޔާވެފައިވާ އިރު، މަރުވެފައިވާ 39 މީހަކީ ކޮންބައެއްކަން ވަނީ ދެނެގަނެވިފަ އެވެ.

ބާރު ސްޕީޑުގައި ތަރައްގީވަމުން އަންނަ ހަނޯއީގައި އަލަށް ހަދަމުން އަންނަ ގިނަ އިމާރާތްތަކަކީ އަލިފާނާ ގުޅޭ ސަލާމަތީ މިންގަނޑުތަކަށް ފެތޭ ތަންތަނެއް ނޫނެވެ. އަދި މި އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާރާތުގެ ވެރިފަރާތް ފުލުހުން މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.

ފާއިތުވެ ދިޔަ 20 ވަރަކަށް އަހަރުގެ ތެރޭގައި ހަނޯއީގެ އާބާދީ ވަނީ ތިން ގުނަ އިތުރުވެ، 5.25 މިލިއަނަށް އަރައިފަ އެވެ.

ފުރުތަމަ ހުޅުހިފާފައި ވަނީ އިމާރާތުގެ ގަރާޖުގައި ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ރިޕޯޓު ކުރަމުން.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާރު ދިރާސާ ކުރަމުން އަންނަ އިރު، ފުރަތަމަ ހުޅުހިފާފައި ހުރީ އިމާރާތުގެ ތިރީގައި ހުރި ގަރާޖުގައި ކަމަށް މަންޒަރު ދުށް ބައެއް މީހުން ވަނީ ބުނެފަ އެވެ.

މި އިމާރާތުން ސަލާމަތްވި ބައެއް މީހުން ކިޔައިދިން ގޮތުގައި އެމީހުންނަށް ރޭގަނޑު 11 ޖަހާކަން ހާއިރު ބާރު އަޑުފަށްގަނޑެއް ވަނީ އިވިފަ އެވެ. އަދި އެއަށް ފަހު އިމާރާތުގެ އެތެރޭގައި ކަޅު ދުންތަކެއް ވަނީ ފެތުރެން ފަށައިފަ އެވެ.

އެއް އާއިލާއަކުން ހިއްސާކުރި ގޮތުގައި އެމީހުން ސަލާމަތް ވެފައި ވަނީ ކުޑަދޮރުގައި ހުރި ދަގަނޑު ޖާލިތައް ހަލާކުކޮށްލާ ހަރުގަނޑެއް ބޭނުންކޮށް ޖެހިގެން ހުރި އިމާރާތަށް ވަދެގެން ނެވެ.

އިމާރާތުގައި ދިރިއުޅުނު މީހުންގެ އާއިލާ މީހުން އެމީހުންނާ ބެހޭ ހަބަރެއް ލިބޭތޯ މަޑުކޮށްލައިގެން.

"އަހަންނަށް އިވުނު ގިނަ ބަޔަކު އެހީއަށް ގޮވި އަޑު. އަހަރުމެންނަށް މާ ބޮޑު އެހީއެއް ނުވެވުނު،" އެ ސަރަހައްދުގައި އުޅޭ ހޯއާ ކިޔާ އަންހެނަކު އޭއެފްޕީ ނޫހަށް ކިޔާދިނެވެ.

"އެ އިމާރާތް ހުންނަނީ ވަރަށް ބޮޑަށް ބެދިފައި. ސަލާމާތް ވެވޭނެ ގޮތެއް ނެތް. މީހަކަށް ނުކުމެވޭނެ ހަމައެއް ގޮތެއް ވެސް ނެތް."

އެހެން މީހަކު އޭއެފްޕީ ނިއުސް އެޖެންސީއަށް ކިޔައިދިން ގޮތުގައި އޭނާއަށް ވަނީ މަތީ ފްލޯއަކުން ކުޑަ ފިރިހެން ކުއްޖަކު ސަލާމަތް ކުރުމަށް ބޭރަށް އެއްލާލާ މަންޒަރު ފެނިފަ އެވެ.

"މުޅި ތާ އޮތީ ދުން. އަހަންނަކަށް ނޭނގެ އެކުއްޖާ ސަލާމަތްވި ކަމެއް. އެކަމު އޭނާ ހިފުމަށް މީހުން ތިބީ ގޮދަޑިއެއް ހިފަހައްޓައިގެން ތިރީގައި،" އޭނާ ކިޔާދިނެވެ.

މި ކާރިސާ ހިނގި އިމާރާތުގައި ދިރިއުޅޭ މީހުންނާ ބެހޭ ހަބަރު ހޯދުމަށް އެތައް ސަތޭކަ ބަޔަކު ވަނީ މޯޗަރީ ދޮށަށް އެއްވެފަ އެވެ.

"އަހަރެންގެ އަންހެން ދަރިފުޅު ވަނީ މަރުވެފައި. އޭނާ ހުރީ އޭނާ މަަންމަ ކައިރީ." އެކަކު ކިޔާދިނެވެ. އަދި އޭނާގެ އަންހެނުން ވީތަނެއް ވެސް އަދި ނޭނގޭ ކަމަށް އޭނާ ބުންޏެވެ. 

މޯޗަރީ ބޭރުގައި އިން އެހެން މީހަކު ކިޔާދިން ގޮތުގައި އޭނާގެ "މުޅި އާއިލާ ވަނީ މަރުވެފަ" އެވެ. އެއީ "އަހަރުމެންގެ ކުދިންނާއި، މާމަދަރިން،" އޭނާ ބުންޏެވެ.

މި ހާދިސާ ހިނގި އިމާރާތުގައި އަލިފާނާ ބެހޭ ސަލާމަތީ މިންގަނޑުތައް ނެތުމުގެ ސަބަބުން ފުލުހުން ހައްޔަރުކޮށްފައި ވަނީ އިމާރާތުގެ ވެރިފަރާތް ންގީމް މިންހް އެވެ. އަދި ތަހްގީގެއް މިހާރު ކުރިއަށް ދަމުން އަންނަކަމަށް ވެސް ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

އިމާރާތުގެ ކުޑަދޮރުތަކުގައި ޖާލި ޖަހާފައި ހުރުމުގެ ސަބަބުން މީހުންނަށް ސަލާމަތް ވުމުގެ ފުރުސަތު ވަނީ ގެއްލިފައި.

މި ހާދިސާގެ ސަބަބުން މި ސަރަހައްދުގައި ހަލުވިކަމާ އެކު ބާރު ބޮޑުވަމުން އަންނަ ސިޓީތަކުގައި އަލިފާނުން ސަލާމަތްތެރިވުމާ ގުޅޭ މިންގަނޑުތައް ބެލެހެއްޓެމުން އަންނަ ދޯދިޔާ މިންވަރު ވަނީ ފާހަގަވެގެން ގޮސްފަ އެވެ. 

މިދިޔަ އަހަރު ދެކުނު ވިއެޓްނާމުގެ ކަރޯކޭ ކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 33 މީހަކު ވަނީ މަރުވެފަ އެވެ. އެ ކްލަބުގެ ކުޑަދޮރުތައް ހުރީ ރާނާ ބަންދުކޮށްފަ އެވެ.

މިފަދަ ގިނަ ހާދިސާތަކެއް ތައިލެންޑު ފަދަ މި ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް އަންނަނީ ހިނގަމުން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް