މުސްލިމުންނާ މެދު ނަފުރަތު އުފެދޭ ވާހަކަތައް ދައްކާ މުސްލިމު ދަރިވަރެއް ގައިގައި ޖެހުމަށް އަމުރުކުރި ޓީޗަރު

އިންޑިއާ

މުސްލިމު ކުއްޖާގެ ގައިގާ ތެޅި ހާދިސާ ހިނގި ސްކޫލް ބަންދުކޮށްފި

މި ހާދިސާގައި ކުށްވެރިވާ ޓީޗަރު ވަނީ އޭނާގެ އަމަލުތަކާ މެދު ލަދު ނުގަންނަކަމަށް ބުނެފައި

އިންޑިއާގެ އުއްތަރް ޕްރަދޭޝް ސްޓޭޓްގެ ޕްރައިވެޓް ސްކޫލެއްގައި މުސްލިމް ދަރިވަރެއް ގައިގައި ޖެހުމަށް އެހެން ދަރިވަރުންނަށް ޓީޗަރެއް އެންގުމާ ގުޅިގެން އެ ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން އެ ސްކޫލެއް ބަންދުކޮށްފި އެވެ.

ނޭހާ ޕަބްލިކް ސްކޫލް ބަންދުކޮށްފައި ވަނީ "ތައުލީމާ ބެހޭ ޑިޕާޓްމަންޓްގެ މިންގަނޑުތަކަށް ނުފެތޭތީ" ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. އަދި މި ސްކޫލުގެ ދަރިވަރުން ސަރުކާރު ސްކޫލަކަށް ނުވަތަ އެ ސަރަހައްދުގައި ހުންނަ ކައިރި އެހެން ސްކޫލުތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ނޭހާ ޕަބްލިކް ސްކޫލުގައި ހިނގި ހާދިސާގެ ވީޑިއޯ ވައިރަލް ވެގެން ގޮސްފައިވާ އިރު، މި ކަމުގައި ކުށްވެރިވާ ޓީޗަރު ޓްރިޕްތާ ޓްޔާގީ ވަނީ އެންޑީޓީވީ ހަބަރު ޗެނަލަށް ދިން އިންޓަވިއުއެއްގައި އޭނާގެ އަމަލުތަކާ މެދު "ލަދުވެތި ނުވާ" ކަމަށް ބުނެފަ އެވެ. އަދި މިއީ އެ ސްކޫލުގެ ކުދިން "ކޮންޓްރޯލު ކޮށް" އަދި "މައިތިރި ކުރުމަށް" ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެ ދަރިވަރު ގައިގައި ޓީޗަރު ބުނެގެން އެހެން ކުދިން ތަޅާހަދާފައި ވަނީ ގުނަކުރާ ތާވަލު ނޭނގުމުގެ ސަބަބުން ކަމަށް އެ ކުއްޖާގެ އާއިލާއިން ވަނީ ބުނެފަ އެވެ.

"އޭނާގެ ބުރަކަށީގައި ޖަހާ... އޭނާގެ މޫނު އެއޮށް ރަތް ވަނީ، އެހެންވީމާ މިހާރު ބުރަކަށީގަ ތަޅާ،" ވައިރަލް ވެފައިވާ ވީޑިއޯގައި ޓީޗަރު އަމުރު ކުރާ އަޑުއިވެ އެވެ.

އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ވަނީ މި ހާދިސާ މުޒައްފަރްނަގަރްގެ ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް އެ ކުއްޖާ ސްކޫލުން ވަކިކޮށް ސްކޫލާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް އެޅުމަށް އޭނާގެ ބައްޕަ އަދި މަސައްކަތް ކޮށްފައެއް ނުވެ އެވެ. 

ނަމަވެސް ޓީޗަރާ މެދު ފިޔަވަޅު އެޅުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ގޮވާލަމުން ނެވެ. އަދި އޭނާއާ ދެކޮޅަށް ފުލުހުން މައްސަލައެއް ހުޅުވާފައިވީ ނަމަވެސް އޭނާ އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.

ވުޒާރާތަކުން މި ހާދިސާ ތަހްގީގު ކުރަމުން އަންނަ ކަމަށް ތައުލީމާ ބެހޭ އޮފިސަރު ޝުބާމް ޝުކްލާ ވަނީ އާދިއްތަ ދުވަހު ވިދާޅުވެފަ އެވެ. އަދި އިންޑިއަން އެކްސްޕްރެސް ނޫހަށް ނަން ނުޖެހުމަށް އެދި މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ހާދިސާ ހިނގި ސްކޫލުގައި ބޮތްކެއް އަދި ފަންކާއެއް ވެސް ނުހުރެ އެވެ. އަދި އެކި ކުލާސްތައް ހިންގުމަށް ވަކިވަކި ސެކްޝަންތަކެއް ވެސް ހަދާފައެއް ނެތެވެ.

މުސްލިމު ކުއްޖާ ގައިގާ ތެޅި ހާދިސާ ހިނގި ސްކޫލު ބަންދުކޮށްފި (ވީޑިއޯ/ސީއެންއެން)

މި ހާދިސާއާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނަ އިރު، މިއީ "ނަފުރަތުގެ ކުށެއް" ކަމަށް އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ ސިފަކުރަމުން ނެވެ. އަދި އިންޑިއާގެ އެކި ކަންކޮޅުތަކުގައި ފެންނަމުންދާ ދީނީ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ވެރިކަން ކުރަމުން އަންނަ ބީޖޭޕީ ޕާޓީކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް