ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ އާއި ނެދަލޭންޑްސްގެ ބޮޑުވަޒީރު މާކް ރޫޓާ އިއްޔެ ނެދަލެންޑްސްގައި

ޑެންމާކާއި ނެދަލޭންޑްސް އިން ޔޫކްރެއިނަށް ފައިޓާ ޖެޓު ފޯރުކޮށްދޭން އެއްބަސްވެއްޖެ

ޔޫކްރެއިނު އަސްކަރިއްޔާއިން މި ޖެޓުތައް ބޭނުންކުރަން ފަށަން އަދި މަސްތަކެއް ނަގާނެ

ނެދަލޭންޑްސް އާއި ޑެންމާކް އިން ޔޫކްރެއިނަށް އެފް-16 މަރުކާގެ ފައިޓާ ޖެޓު ފޯރުކޮށްދޭނެކަން އެ ދެ ގައުމުން ހާމަކޮށްފި އެވެ. 

ނެދަލޭންޑްސްގެ އައިންހޮވެން އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޔޫކްރެއިނުގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީ ވިދާޅުވީ "މިފަދަ ކަމަކަށް ހާލަތު ތައްޔާރު ވާއިރަށް" ނެދަލޭންޑްސް އާއި ޑެންމާކުން ޔޫކްރެއިނަށް އެފް-16 މަރުކާގެ ފައިޓާ ޖެޓު ފޯރުކޮށްދޭނެ ކަމަށް ނެދަލޭންޑްސްގެ ބޮޑުވަޒީރު މާކް ރޫޓާ ވިދާޅުވެެފައިވާ ކަމަށެވެ.

މިއީ "ތާރީހީ" އަދި މިހާތަނަށް ހެދި "އެންމެ މުހިންމު" އެއްބަސްވުން ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ. "ތަމްރީނުތަކަށް ފަހު ޔޫކްރެއިނަށް އެފް-16ތައް ފޯރުކޮށްދޭން ބުނި ފުރަތަމަ ގައުމަކީ ނެދަލޭންޑްސް. އަހަރެން ވަރަށް ޝުކުރުވެރިވަން." 

ޔޫކްރެއިނަށް ފައިޓާ ޖެޓު ފޯރުކޮށްދޭން ހުޅަނގުގެ ދެ ގައުމަކުން އެއްބަސްވި ނަމަވެސް ކީވްގެ ލަޝްކަރުން މި ހަތިޔާރުތައް ބޭނުންކުރަން ފަށަން އަދިވެސް މަސްތަކެއް ނަގާނެ އެވެ. ޑެންމާކުގެ ހާރިޖީ ވުޒާރާއިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ހަތިޔާރުތައް ޔޫކްރެއިނަށް ދިނުމަށް ފުރިހަމަ ކުރަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޔޫކްރެއިނު ޕައިލެޓުން ތަމްރީނު ކުރުން، ބޭނުންވާ ލޮޖިސްޓިކްސް އާއި އިންފްރާސްޓްރަކްޗާ ގާއިމުކުރުން އަދި ބޭނުންވާ ހުއްދަތައް ލިބުން ހިމެނެ އެވެ.

ނަމަވެސް ޔޫކްރެއިނަށް ފޯރުކޮށްދޭނެ ޖެޓުތަކުގެ އަދަދެއް މި ދެ ގައުމުން ހާމަކޮށްފައެއް ނުވެ އެވެ.

"މިވަގުތު ނެދަލޭންޑްސްގައި އެބައޮތް އެފް-16ގެ 42 ޖެޓު. މީގެ ތެރެއިން ބައެއް ޖެޓުތައް ބޭނުންވާނެ ޑެންމާކުގައި ތަމްރީނު ދިނުމަށާއި އަދި ފަހުން ރޫމޭނިއާގައި ތަމްރީނު ދިނުމަށް،" ބޮޑުވަޒީރު ރޫޓޭ ވިދާޅުވި އެވެ. ރޫޓޭ އިތުރަށް ވިދާޅުވީ ޔޫކްރެއިނުގެ އަސްކަރީ ފަރާތްތަކަށް ބަސް ދަސްކޮށްދިނުމުގެ ތަމްރީނުތަކެއް މިހާރު ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އަސްކަރީ ތަމްރީނުތައް ޑެންމާކުގައި ފެށޭނެ ކަމަށެވެ.

ޔޫކްރެއިނުގެ ޕައިލެޓުން ތަމްރީނުތައް ފައްޓާފައިވާކަން އެ ގައުމުގެ ދިފާއީ ވަޒީރު އޮލެކްސީ ރެޒްނިކޯވް ވަނީ ހޮނިހިރު ދުވަހު ކަށަވަރު ކޮށްދެއްވާފަ އެވެ.

ޔޫކްރެއިނަށް އެފް-16 ޖެޓު ފޯރުކޮށްދޭން ދެ ގައުމަކުން އެއްބަސްވުމާ ގުޅޭ (ވީޑިއޯ/ވިއޯން)

އަސްކަރީ ޖެޓު ފޯރުކޮށްދިނުމަށް ހުޅަނގުގެ ބައިވެރިންގެ ކިބައިން ކީވް އިން އެދެމުން އަންނަތާ މަސްތަކެއް ވަނީ ވެފަ އެވެ. އެފް-16 ޖެޓަކީ އެންމެ އިންޖީނަކާ އެކު، ވަޔާއި އެއްގަމުގައިވާ އަމާޒުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް