އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ސިއްހީ ވުޒާރާއިން ވަނީ ކޮވިޑުގެ އާ ރާޅެއް ފެތުރިގެން ހިނގައިދާނެތީ އިންޒާރު ދީފައި.

ކޮވިޑް-19

ވަރަށް ބޮޑަށް ބަދަލުވެފައިވާ ކޮވިޑު ވޭރިއަންޓެއް ފެނިއްެޖެ

ހަފްތާއެއް ތެރޭ 4 ގައުމެއްގެ 6 މީހެއްގެ ފަރާތުން މި ވޭރިއަންޓު ވަނީ ފެނިފައި

ވަރަށް ބޮޑަށް މިއުޓޭޓުވެފައިވާ ކޮވިޑުގެ އާ ވޭރިއަންޓެއް ފެނި ގައުމުތަކެއްގެ ސައިންސްވެރިން މި ވޭރިއަންޓާ ބެހޭ އިތުރު މައުލޫމާތު ވީހާވެސް އަވަހަކަށް ހޯދުމަށް މަސައްކަތް ކުރަން ފައްޓައިފި އެވެ.

އެމެރިކާގެ ސިއޭޓްލްގެ ފްރެޑް ހަޗިންސަން ކެންސާ ސެންޓާގައި ވައިރަލް އިވޮލިއުޝަން ދިރާސާކުރައްވާ ޑރ. ޖެސީ ބްލޫމް ވިދާޅުވިގޮތުގައި އޮމިކްރޮންގެ ބީއޭ.2 ސަބްވޭރިއަންޓާ އަޅާބަލާއިރު، އަލަށް ފެނުނު ވޭރިއަންޓުގެ ޕްރޮޓީންގައި 30 އަށް ވުރެ ގިނަ އެމީނޯ އެސިޑު ބަދަލުތައް ހުރިކަން ވަނީ ފާހަގަ ކުރެވިފަ އެވެ. ސޯޝަލް މީޑިއާގައި 'ޕިރޯލާ'ގެ ނަން ކިޔަމުން އަންނަ މި ވޭރިއަންޓަށް ސައިންސްވެރިން ދީފައިވާ ކޯޑަކީ ބީއޭ.86.2 އެވެ.

"އިވޮލިއުޝަނަރީ ގޮތުން އަޅާބަލާ ނަމަ މިއީ އޮރިޖިނަލް އޮމިކްރޮން އިން ވެސް ފެނުނު ފަދަ މިންވަރުގެ ބަދަލެއް،" ބްލޫމް އޭނާ މަސައްކަތް ކުރައްވާ ލެބޯޓްރީގެ ވެބްސައިޓުގައި ލިޔުއްވާފައިވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އަލަށް ފެނުނު މި ވޭރިއަންޓް "މޮނިޓަރިން"ގެ ހާލަތަށް ބުރާސްފަތި ދުވަހު ގިންތިކޮށްފަ އެވެ. މިއާ އެކު އެކި ގައުމުތަކުން ކޮރޯނާވައިރަސްގެ މި ވޭރިއަންޓާ ބެހޭ އިތުރު މައުލޫމާތު ދެނެގަތުމަށް މަސައްކަތް ކުރަން ފައްޓާނެ އެވެ.

ވަކި ވޭރިއަންޓެއްގެ ސަބަބުން ބަލި މީހާއަށް ތަހައްމަލު ކުރަން ޖެހޭ އަސަރުތައް ބޮޑު ނަމަ އަދި މިހާރު ހުރި ވެކްސިންތަކަށާއި ބޭހަށް ނުގުޑާ ވޭރިއަންޓެއް ފާހަގަ ކުރެވިއްޖެ ނަމަ ޑަބްލިއުއެޗްއޯއިން އެފަދަ ވޭރިއަންޓެއް، ސަމާލުކަން ދޭން ޖެހޭ ނުވަތަ ކަންބޮޑުވާން ޖެހޭ ލިސްޓުގައި ހިމަނަ އެވެ.

އަލަށް ފެނުނު ބީއޭ.86.2 ވޭރިއަންޓު މިހާތަނަށް ފެނިފައި ވަނީ އެންމެ ހަތަރު ގައުމަކުންނެވެ. ނަމަވެސް ދުނިޔޭގައި ކޮވިޑުގެ ހާލަތު މޮނިޓާ ކުރުން މިހާރު ވަރަށް ބޮޑަށް ދަށްވެެފައި އޮތުމުގެ ސަބަބުން މި ވޭރިއަންޓު އަސްލު ފެތުރިފައި އޮވެދާނެ މިންވަރާ މެދު ސައިންސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ވޭރިއަންޓު ފުރަތަމަ ފާހަގަ ކުރެވުނީ މިދިޔަ އާދިއްތަ ދުވަހު އިޒްރޭލުންނެވެ. އަދި އޭގެ ފަހުން ޑެންމާކުން ތިން ކޭސް އަދި އެމެރިކާ އާއި އިނގިރޭސިވިލާތުން ކޮންމެ ގައުމަކުން އެއް ކޭސް ވަނީ ރިޕޯޓުކޯށްފަ އެވެ.

"ތިރީހަކަށް ބަދަލު އަންނަހާ ބޮޑު މިންވަރަކަށް ކޮރޯނާ ބަދަލުވުމަކީ އާދަޔާހިލާފު ކަމެއް. އެންމެ ފަހުން މިފަދަ ބޮޑު ބަދަލެއް ފެނުނީ އޮމިކްރޮން އިން،" ޑެންމާކުގެ ސްޓެޓެންސް ސީރަމް އިންސްޓިޓިއުޓް (އެސްއެސްއައި)ގެ ސީނިއާ ރިސާޗާ މޯޓެން ރަސްމުސެން ބަޔާނެއްގައި ވިދާޅުވި އެވެ.

އެސްއެސްއައި އިން ބުނި ގޮތުގައި ޑެންމާކުގައި އާ ވޭރިއަންޓު ޖެހިފައިވާ ތިން މީހުންނަކީ ވެސް ގައުމުގެ ތަފާތު ތިން ހިސާބެއްގައި ދިރިއުޅެމުން އަންނަ، އެކަކު އަނެކަކާ ބައްދަލުވުމުގެ ފުރުސަތެއް ވެސް ނެތް މީހުންނެވެ.  

އެސްއެސްއައިގެ ސައިންސްވެރިން ބުނީ އާ ވޭރިއަންޓުގެ އަސަރުތަކާއި ބަލި ފެތުރޭ ހަލުވިމިނާ ބެހޭގޮތުން އެއްޗެއް ބުނަން އަދި މާ އަވަސް ކަމަށެވެ. އަދި މި ވޭރިއަންޓުގެ ވައިރަސް ބޮޑުކޮށް އިންސާނުންގެ އެންޓިބޮޑީސްއާ ދެކޮޅަށް ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެސްއެސްއައި އިން ބުނެ އެވެ.

ކޮވިޑުގެ އާ ވޭރިއަންޓެއް ފެނުމާ ގުޅޭ (ވީޑިއޯ/ވިއޯން)

އާ ވޭރިއަންޓާ މެދު އަދި ކަންބޮޑުވާން ނުޖެހޭ ކަމަށް އެމެރިކާގެ ސެންޓާސް ފޮ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ޑިރެކްޓަރު ޑރ. މޭންޑީ ކޮއެން ވަނީ ހުކުރު ދުވަހު ވިދާޅުވެފަ އެވެ. އަދި ކޮވިޑް-19 ވައިރަސް އަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމާ މެދު އަޅާނެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައި އޮތްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އިނގިރޭސިވިލާތުގެ ސިއްހީ ސެކިއުރިޓީ އެޖެންސީއިން ހުކުރު ދުވަހު ބުނިގޮތުގައި، ތަފާތު ހަތަރު ގައުމެއްގެ، ދަތުރުނުކުރާ ބަލިމީހުންތަކެއް ގައިން މި ވޭރިއަންޓު ފެނިފައި ވުމުން ބައިނަލްއަގްވާމީ ގޮތުން މި ވޭރިއަންޓު ފެތުރެމުންދާ ކަމަށް ލަފާކުރެވެ އެވެ. އަދި މި ބަލިމީހުން ފަރާތުން ފެނިފައި ވަނީ ދާދި އެއްކަހަލަ ސީކުއެންސްތަކެއް ކަމަށާއި މީގެ މާނައަކީ މިއީ ވަރަށް ފަހުން އުފެދުނު އަދި ވަރަށް އަވަހަށް ފެތުރެމުންދާ ވޭރިއަންޓެއް ކަމަށް ވެސް އެ އޭޖެންސީއިން ނެރެފައިވާ ރިޕޯޓުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް