އިނގިރޭސިވިލާތުގެ ސްކައުޓުން ވަނީ ހޮނިހިރު ދުވަހު ވެރިރަށް ސޯލްއަށް ބަދަލު ކުރެވިފައި
ބޯމަތިވަމުން އަންނަ ތޫފާނަކާ އެކު ސްކައުޓުން ކޭމްޕުން ނުކުންނަން ފަށައިފި
ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ ސްކައުޓް ޖަމްބޮރީގައި ބައިވެރިވަމުން އަންނަ ހުރިހާ ސްކައުޓުން ބޯމަތިވަމުން އަންނަ ތޫފާނަކާ ގުޅިގެން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ފައްޓައިފި އެވެ.
ހޫނު ގަދަވުމުގެ ސަބަބުންނާއި ސާފުތާހިރުކަން ދަށްވުމާ ގުޅިގެން އިނގިރޭސިވިލާތް ފަދަ ގިނަ ގައުމުތަކަކުން ވަނީ މި ޖަމްބޮރީއިން މި ހަފްތާ ބަންދުގައި ވަކިވެފަ އެވެ. މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިނގިރޭސިވިލާތުގެ ސްކައުޓުންގެ ޗީފް އެގްޒެކެޓިވް ވިދާޅުވީ މި އިވެންޓު އިންތިޒާމް ކުރި ފަރާތްތަކުން މާޔޫސްކަން ގެނުވާފައިވާ ކަމަށާއި އިނގިރޭސި ސްކައުޓް ހަރަކާތްތައް އެތައް އަހަރެއް ފަހަތަށް ގޮސްފައިވާ ކަމަށެވެ.
އަދި މި ކޭމްޕަކީ ސިއްހީ ނުރައްކަލެއް ކަމަށް ވެސް އޭނާ ވަނީ ބީބީސީއާ ހިއްސާ ކުރައްވާފަ އެވެ.
އިނގިރޭސި ވަފުދުގެ އިތުރުން މި ކޭމްޕުން ވަކިވި އެހެން ގައުމުތަކުގެ ތެރޭގައި އެމެރިކާ އަދި ސިންގަޕޫރުގެ ވަފުދު ވެސް ހިމެނެ އެވެ.
ގާތްގަނޑަކަށް 40،000 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވާ މިފަހަރުގެ ވޯލްޑް ސްކައުޓު ޖަމްބޮރީ ފެށުމާ އެކު ވެސް ގިނަ މައްސަލަތަކެއް އައީ ފެންމަތިވަމުން ނެވެ. މީގެ ތެރޭގައި ހޫނު ގަދަވެގެން އެތައް ސަތޭކަ ކުދިންނެއް ސިއްހީ ފަރުވާ ހޯދަން ޖެހުން ހިމެނެ އެވެ.
މި އިވެންޓު ކުރިއަށް ގެންދަން ރައްކާތެރި ނޫންކަމަށް ކޮރެއާގެ ސަރުކާރުން މިއަދު އަންގާފައިވާ ކަމަށް ވޯލްޑް ސްކައުޓް ޖަމްބޮރީ އިންތިޒާމް ކުރި ފަރާތްތަކުން މިއަދު ވަނީ ހާމަކޮށްފަ އެވެ. ވޯލްޑް އޯގަނައިޒޭޝަން ފޮ ސްކައުޓް މޫވްމަންޓްސް އަދި އެކި ގައުމުތަކުގެ ވަފުދުތަކުން ހިއްސާކޮށްފައިވާ ކަންބޮޑުވުންތައް އަޑުއަހާފައިވާ ކަމަށް ކޮރެއާ ސަރުކާރުން ވަނީ ބުނެފަ އެވެ.
ސްކައުޓު ޖަމްބޮރީ ބާއްވަމުން އަންނަ ސަރަހައްދަށް ބޯމަތިވާން އުޅޭ ތޫފާނާ އެކު ގާތްގަނޑަކަށް 36،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޮރެއާގެ ޑިޒާސްޓާ އަދި ސޭފްޓި މެނޭޖްމަންޓުގެ ނާއިބު ވަޒީރު ކިމް ސުންގް-ހޯ ވިދާޅުވި އެވެ.
އިވެންޓު "އަދި ވެސް ކުރިއަށް ދަނީ" އެކަމު "ގުދުރަތީ ކާރިސާއާ ގުޅިގެން ބާއްވާތަން ބަދަލު ވަނީ،" އޭނާ ވިދާޅުވެފައިވެ އެވެ.
ސްކައުޓު ޖަމްބޮރީ ކޭމްޕްސައިޓުން މީހުންް ހުސްކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 10 އިން ފެށިގެން ނެވެ.
ހާނޫންގެ ނަންދެވިފައިވާ ތޫފާން މިހާރު ޖަޕާނުން ދެކުނު ކޮރެއާއަށް މިސްރާބު ޖަހާފައި ވާއިރު، ކޮރެއާގެ ދެކުނު ޖިއޮއްލާ ޕްރޮވިންސަށް ލައްވާލާނެ ކަމަށް ބެލެވެނީ ބުރާސްފަތި ދުވަހު އެވެ. މި ތޫފާނާ ގުޅިގެން ޖަޕާނުގައި ވެސް ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހުނު އިރު، ގިނަ ބަޔަކަށް ކަރަންޓުގެ ހިދުމަތް ވެސް ކެނޑިފައިވެ އެވެ.