އުތުރު ކޮރެއާއިން މިދިޔަ ބުދަ ދުވަހު ހްވާސޯންގް-18 އައިސީބީއެމް މިސައިލެއް ލޯންޗުކުރަނީ

އިރުމަތީ އޭޝިއާ

ޖަޕާން، ދެކުނު ކޮރެއާ އަދި އެމެރިކާއިން އަނެއްކާވެސް އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފި

މިއީ އުތުރު ކޮރެއާއިން ކުރިމަތިވެދާނެ ބިރަކަށް ތައްޔާރުވުމަށް ހިންގި ތަމްރީނުތަކެއް ކަމަށް ދެކުނުން ބުނޭ

އުތުރު ކޮރެއާއިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އެއް ޓެސްޓުކުރިތާ މަދު ދުވަސްކޮޅެއް ނުވަނީސް އެމެރިކާ، ޖަޕާން އަދި އުތުރު ކޮރެއާއިން ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

މި ތަމްރީނުތައް ހިންގާފައި ވަނީ ދެކުނު ކޮރެއާ އާއި ޖަޕާނާ ދެމެދު އޮތް ކަނޑުގަ އެވެ. މި ތަމްރީނުތަކުގައި ތިން ގައުމުގެ އެއީޖިސް ރާޑަރު ސިސްޓަމް ހަރުކޮށްފައި ހުރި އަސްކަރީ ޑިސްޓްރޯޔާ މަނަވަރުތައް ބައިވެރިވެފައިވާ ކަމަށް ދެކުނު ކޮރެއާގެ ކަނޑުގެ ލަޝްކަރުން ބުންޏެވެ. އަދި މި ތަމްރީނުތައް އަމާޒުކޮށްފައި ވަނީ ބެލިސްޓިކް މިސައިލުތައް ދެނެގަނެ އެ ހަތިޔާރުތަކުގެ ދަތުރުގެ މިސްރާބު ހޯދައި އެފަދަ މައުލޫމާތުތައް ހިއްސާ ކުރުމަށް ކަމަށް ވެސް ކޮރެއާގެ ނޭވީގެ އޮފިޝަލެއް ވިދާޅުވި އެވެ. 

އުތުރު ކޮރެއާއިން ވަނީ އެ ގައުމުގެ ދުޝްމަނުންނަށް އިންޒާރު ދީ، ނިއުކްލިއާ ހަތިޔާރު ބަރު ކުރެވޭ ހްވާސޯންގް-18 މަރުކާގެ މިސައިލެއް މިދިޔަ ބުދަ ދުވަހު ލޯންޗުކޮށްފަ އެވެ. މިއާ އެކު ސޯލް، ޓޯކިޔޯ އަދި ވޮޝިންޓަނުން ވަނީ އުތުރު ކޮރެއާގެ މި އަމަލު ކުށްވެރިކޮށް، މިއީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ދެކޮޅު އަމަލެއް ކަމަށާއި ކޮރެއާ ޕެނިންސިއުލާގެ ހަމަޖެހުމަށް ހުރަސްއެޅޭ ކަމެއް ކަމަށް ބުނެފަ އެވެ. 

މިއަދުގެ ތަމްރީނުތަކާ ބެހޭގޮތުން ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނީ "މިއީ ސަލާމަތީ ގުޅުންތައް ވަރުގަދަކޮށް، ބެލިސްޓިކް މިސައިލުތަކާ ދެކޮޅަށް އަހަރެމެންގެ އަސްކަރިއްޔާގައި ހުރި ގާބިލުކަން ވަރުގަދަ ކޮށްދިނުމަށް ލިބުނު ފުރުސަތެއް" ކަމަށެވެ.

އަދި އުތުރުގެ ނިއުކްލިއާ އަދި މިސައިލު އިންޒާރުތަކަށް ދެކުނުގެ އަސްކަރިއްޔާއިން އަދި ޖަޕާނާއި އެމެރިކާގެ އެހީތެރިކަމާ އެކު ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވެސް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާއިން މިދިޔަ މަހު ހިންގި އަސްކަރީ ތަމްރީނުތަކާ ބެހޭ (ވީޑިއޯ/ސީބީއެސް ނިއުސް)

އުތުރުގެ މިސައިލު ހަރަކާތްތަކާ ބެހޭ މައުލޫމާތުތައް އިތުރަށް ފުރިހަމަ ކުރުމަށް އެމެރިކާ އާއި އެކުވެރި ގައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ދެކުނު ކޮރެއާ އާއި ޖަޕާނުގެ ރާޑަރު ނިޒާމުތައް ވަކިވަކިން އެމެރިކާއާ ގުޅާލާފައި ހުރި ނަމަވެސް، އެ ދެ ގައުމުގެ ދެމެދުގައި ގުޅާލާފައެއް އަދި ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް