ކިޝިނާއު އެއާޕޯޓަކީ މޮލްޑޯވާގެ މައި އެއާޕޯޓު

މޮލްޑޯވާ

މޮލްޑޯވާގެ މައި އެއާޕޯޓުގައި ބަޑިޖަހައި ދެ މީހަކު މަރާލައިފި

ރަޝިޔާއިން ބަގާވާތެއް ހިންގަފާނެތީ މޮލްޑޯވާއަށް ހާސްކަން ވެރިވެފައި އޮންނަތާ މަސްތަކެއް ވެއްޖެ

މޮލްޑޯވާގެ ކިޝިނާއު އިންޓަނޭޝަނަލް އެއާޕޯޓުގައި މީހަކު ބަޑިޖަހައި ދެ މީހަކު މަރާލާފައިވާ ކަމަށް އެ ގައުމުގެ ދާހިލީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފި އެވެ. 

މި ހަމަލާ ދިން މީހާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި މި ހަމަލާދިނީ ބޭރު ގައުމަކަށް ނިސްބަތްވާ އެ މީހާ މޮލްޑޯވާއަށް އެތެރެވާން ހުއްދަ ނުދިނުމުންނެވެ.

މި ހަމަލާގައި މަރުވެފައި ވަނީ ބޯޑަރު ގާޑަކާއި އެއާޕޯޓުގެ ސަލާމަތީ އޮފިޝަލެއް ކަމަށާއި އިތުރު އެކަކަށް އަނިޔާވެފައިވާ ކަމަށް މޮލްޑޯވާގެ ރައީސް މައިއާ ސަންދު ވިދާޅުވި އެވެ.

މޮލްޑޯވާގެ ބޮޑުވަޒީރު ޑޮރިން ރިސިއަން ވިދާޅުވިގޮތުގައި މި ހަމަލާދީފައި ވަނީ އުމުރުުން 43 އަހަރުގެ ތަޖިކިސްތާނު މީހެކެވެ. 

ސަރުކާރުގެ ތަރުޖަމާނު ޑެނިއެލް ވޯޑާ މޮލްޑޯވަން ޓީވީއަށް ވިދާޅުވީ ތުރުކީއިން އައި މި މީހާ މޮލްޑޯވާއަށް ވަނުން މަނާކޮށް އެއާޕޯޓުގެ ހާއްސަ ތަނަކަށް ބަދަލުކުރަނިކޮށް ބޯޑަރު ފުލުހުންގެ މީހެއްގެ އަތުގައި އޮތް ބަޑި ޖަހައިގަނެ ދެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލީ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެއާޕޯޓުން ފަސިންޖަރުން ހުސްކޮށްފައި ވާއިރު، އެއާޕޯޓުގެ ފްލައިޓު އޮޕަރޭޝަންތައް ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. ކިޝިނާއު އެއާޕޯޓަކީ މޮލްޑޯވާގެ އެންމެ ބޮޑު އެއާޕޯޓެވެ.

މޮލްޑޯވާގައި އޮތް ޔޫރަޕާ ރަހުމަތްތެރި ސަރުކާރު ބަގާވާތް ކޮށްގެން ވައްޓާލުމަށް ރަޝިޔާއިން ރާވަމުންދާ ކަމަށް ރައީސް ސަންދު މި އަހަރުގެ ކުރީކޮޅު ތުހުމަތު ކުރެއްވުމާ ގުޅިގެން އެ ގައުމަށް ހާސްކަން ވެރިވެފައި އޮންނަތާ މަސްތަކެއް ވަނީ ވެފަ އެވެ. 

ރަޝިޔާގެ ކްރެމްލިން އިން ވަނީ ސަންދުގެ މި ތުހުމަތު ދޮގުކޮށްފަ އެވެ. ކުރީގެ ރޫސީވިލާތަށް ނިސްބަތްވި އަދި ޔޫކްރެއިނާ ޖެހިގެން އޮންނަ މޮލްޑޯވާގެ އާބާދީގައި 2.6 މިލިއަން މީހުން ތިބި އިރު، އެ ގައުމުން މިދިޔަ އަހަރު ވަނީ ޔޫރަޕާ ގުޅުމަށް ފޯމުލާ ކެންޑިޑޭޓެއްގެ ދަރަޖަ ހޯދާފަ އެވެ.

ކުރީގެ ރޫސީވިލާތަށް ނިސްބަތްވި ޔޫކްރެއިނާއި ޖޯޖިޔާ އެކޭ އެއްގޮތަށް މޮލްޑޯވާގައި ވެސް، ރަޝިޔާއިން ހިފައި ސިފައިން ބައިތިއްބާފައިވާ ސަރަހައްދެއް އޮވެ އެވެ. 

އިރުމަތީ ޔޫރަޕުގެ ޗާޓު

ކިޝިނައު އެއާޕޯޓުގެ ހަމަލާގައި ހުކުރު ދުވަހު މަރުވި މީހުންގެ އާއިލާތަކަށް ސަންދު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި ގައުމުގެ ހުރިހާ ސަރަހައްދެއްގައި ސަލާމަތީ ބާރުތައް އެލާޓަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް