ޔޫރަޕުގެ ގްރީސްއަށް ދަތުރުކުރަމުން ދަނިކޮށް ފެތުނު ރެފިއުޖީންގެ ބޯޓު.

ގްރީސް

މެޑިޓެރޭނިއަން ކާރިސާގައި ޕާކިސްތާނުގެ އެތައް ސަތޭކަ ބަޔަކު މަރުވި: އޮފިޝަލުން

ގްރީސްގެ ބޭރުން މިދިޔަ ހަފްތާގައި ފެތުނު ބޯޓުގައި 750 އެއްހާ ރެފިއުޖީން ތިބި

ހަނގުރާމަ އާއި އަނިޔާވެރިކަމާއި ފަގީރުކަމުން ސަލާމަތްވުމަށް ބޭނުންވާ އެތައް ސަތޭކަ ރެފިއުޖީންނެއް ބަރުކޮށްގެން ޔޫރަޕާ ދިމާލަށް ދަތުރުކުރަނިކޮށް މިހަފްތާގައި ފެތުނު ބޯޓުގައި 300 އަށް ވުރެ ގިނަ ޕާކިސްތާނު ރައްޔިތުން ތިބިކަމަށް ޕާކިސްތާނުން ބުނެފި އެވެ.

މިކަން އާދިއްތަ ހާމަކޮށްފައި ވަނީ ޕާކިސްތާނުގެ ސެނެޓުގެ ޗެއާމަން މުހައްމަދު ސާދިގް ސަންޖްރާނީ އެވެ. އޭނާ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

"އަހަރުމެންގެ ދުއާތައް ތިބޭފުޅުންނާ އެކުވޭ، އަދި މައްޔިތުންގެ ފުރާނަތަކަށް ހެޔޮ ރަހްމަތްލައްވާތޯ އަހަރުމެން ދުއާކުރަން،" ސަންޖްރާނީ ވިދާޅުވި އެވެ. 

"ހިތާމައިން ފުރިގެންވާ މި ކާރިސާއިން މި ފާހަގަވެގެން ދަނީ ޖައްބާރު އަމަލެއް ކަމުގައިވާ އިންސާނުން ޓްރެފިކު ކުރުން ކުށްވެރިކޮށް އެކަމަށް އަވަސް ހައްލުތަކެއް އަޅަން ޖެހޭކަން."

މި ބޯޓު ފެތުމުގެ ކާރިސާގައި މަރުވެފައިވާ ޕާކިސްތާނުގެ ރައްޔިތުންގެ އަދަދު އަދި ގްރީސް އިން ޔަގީންކޮށްދީފައެއް ނުވެ އެވެ. މި ބޯޓް ފެތުމަކީ މެޑިޓެރެނިއަން ކަނޑުގައި ހިނގި "އެންމެ ހިތްދަތި ހާދިސާއަށް ވުން" އެކަށީގެންވާ ކަމަށް އީޔޫގެ ކޮމިޝަނާ ފޮ ހޯމް އެފެއާސް ޔްލްވާ ޖޮހަންސަން ވަނީ ވިދާޅުވެފަ އެވެ.

ޕާކިސްތާނު މިވަގުތު އޮތީ ފާއިތުވެ ދިޔަ އެތައް އަހަރެއްގެ ކުރިމަތިވެފައި ނުވާހާ ބޮޑު އިގްތިސާދީ ހީނަރުކަމެއްގަ އެވެ. އެހެންކަމުން ފާގަތި މުސްތަގުބަލަކަށްޓަކާ ނުރައްކާތެރި މަގުތަކުން ޔޫރަޕަށް ދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. 

ބޯޓު ފެތުމުގެ ކާރިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މިއަދަކީ ގައުމީ ހިތާމަފާޅު ކުރުމުގެ ދުވަހެއް ކަމަށް ކަނޑައަޅުއްވާފަ އެވެ. އަދި މި ހާދިސާ އެންމެ މަތީ ލެވެލްގައި ތަހްގީގު ކުރުމަށް ވެސް ޝަރީފް ވަނީ އިއްޔެ އަމުރު ކުރައްވާފަ އެވެ.

ގްރީސްގެ ބޭރުން ފެތުނު ރެފިއުޖީންގެ ބޯޓާ ގުޅޭ (ވީޑިއޯ/ޑީޑަބްލިއުނިއުސް)

ލީބިޔާ ތޮބްރޫކުން އިޓަލީއަށް ދަތުރުކުރަމުން ދިޔަ މި ބޯޓު ގްރީސްގެ ބޭރުން ފެތުމާ އެކު އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ގެއްލިފަ އެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ. ޔުނައިޓެޑް ނޭޝަންސް މައިގްރޭޝަން އެޖެންސީ (އައިއޯއެމް) އިން މައުލޫމާތު ދޭ ގޮތުގައި މި ބޯޓުގައި 750 މީހުން ތިއްބެވެ.  

ޔޫރަޕަށް ދިޔުމަށް ބޭނުންވާ މީހުން އަތުން ފައިސާ ހޯދުމަށް ފަހު، ނުތަކާ ވަރަށް ރައްކާތެރި ނޫން ބޯޓުތަކަށް މީހުން އަރުވަމުން އަންނަ ހިއުމަން ޓްރެފިކް ކުރާ މީހުންގެ އަމަލުތައް އީޔޫ ހޯމް އެފެއާސް ކޮމިޝަނަރު ޖޮހަންސަން ކުށްވެރި ކުރެއްވި އެވެ.

"އެމީހުން ރެފިއުޖީން ފޮނުވަމުން އެދަނީކީ ޔޫރަޕަކަށް ނޫން، އެ ފޮނުވަމުން ދަނީ މަރަށް. މިއީ އެމީހުން އެކުރާ ކަމަކީ، އަދި މިކަން ކޮންމެހެން ހަދާފައި ވެސް ހުއްޓަން ޖެހޭ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް