ޔުގާންޑާ

ޔުގާންޑާ

ޔުގާންޑާގައި ސްކޫލަކަށް ހަމަލާދީ 40 މީހަކު މަރާލައިފި

ރަހުމުކުޑަ މި އަމަލުގައި ދަރިވަރުން ކޮށާލާ އަންދާލާފައިވޭ

އިސްލާމިކް ސްޓޭޓާ ގުޅުން އޮންނަ ކަމަށް ބެލެވޭ ގްރޫޕަކުން ހުޅަނގު ޔުގާންޑާގައި ހުންނަ ސްކޫލަކަށް ހަމަލާދީ 40 ވަރަކަށް މީހުން މަރާލައިފި އެވެ. 

މި ހަމަލާގައި ގިނައިން މަރުވެފައި ވަނީ ސްކޫލުގެ ދަރިންވަރުން ނެވެ. އެމްޕޮންޑްވޭގައި ހުންނަ ލުހުބިރިހާ ސެކަންޑަރީ ސްކޫލަށް ދިން މި ހަމަލާގައި ޒަހަމްވި އަށް މީހަކު މިވަގުތު އޮތީ ކްރިޓިކަލް ހާލުގަ އެވެ. 

ހުކުރު ދުވަހު މި ހަމަލާދީފައިވާ ކަމަށް ގަބޫލު ކުރެވިފައި ވަނީ ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) އަށް ނިސްބަތްވާ ދަ އެލައިޑް ޑެމޮކްރެޓިކް ފޯސަސް (އޭޑީއެފް) ގްރޫޕުން ނެވެ. 

ޔުގާންޑާގެ ގައުމީ ފުލުހުންގެ ތަރުޖަމާނު ފްރެޑް އެނަންގާ ވިދާޅުވީ މަރުވި ގިނަ މީހުންގެ ހަށިތައް މިހާރު ބްވޭރާ ހޮސްޕިޓަލަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. 

ހުޅަނގުގެ ޔުގާންޑާގެ ކަސެސޭ ޑިސްޓްރިކްޓުގައި ހުންނަ ސްކޫލަށް މި ހަމަލާދީފައި ވަނީ ރޭ 1130 ހާއިރު އެވެ. މި ސްކޫލުގައި 60 އެއްހާ މީހުން ކިޔަވަމުން އަންނަ އިރު މީގެތެރެއިން ގިނަ ދަރިވަރުން ދިރިއުޅެމުން ގެންދަނީ ވެސް އެ ސްކޫލުގަ އެވެ. 

މި ހަމަލާގައި އޭޑީއެފް ހަނގުރާމަވެރިން ވަނީ ދަރިވަރުން ތިބޭ ޑޯމިޓަރީއެއްގައި ހުޅުޖަދާ އަންދާލާ، އެ ސްކޫލުގައި ހުންނަ ގުދަނެއް ލޫޓުވާލާފަ އެވެ. އަދި ސްކޫލުގެ ބައެއް ފިރިހެން ދަރިވަރުންގެ ގަޔަށް ވަޅިޖަހާ ކޮށާލާ ނުވަތަ ދިރިތިއްބާ އަންދާލާފައިވާ ކަމަށް ވެސް އެނަންގާ ވިދާޅުވި އެވެ. އަދި މީގެ އިތުރުން ވެސް ބައެއް އަންހެން ދަރިވަރުން ރަހީނުކޮށް ގެންގޮސްފައިވާ ކަމަށް ވެސް ޔުގާންޑާ އަސްކަރިއްޔާގެ މޭޖާ ޖެނެރަލް ޑިކް އޯލަމް މީޑިއާއަށް މައުލޫމާތު ދެއްވި އެވެ. 

ޔުގާންޑާގެ އަސްކަރިއްޔާއިން މިހާރު އަންނަނީ މި ހަނގުރާމަވެރިން ހޯދުމުގެ މަސައްކަތް ކުރަމުން ނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޑީއެފްގެ މި މީހުން މިހާރު މިސްރާބު ޖަހާފައި ތިބީ ޑީއާރްސީގައި އޮންނަ އެފްރިކާގެ އެންމެ ޒަމާންވީ އަދި އެންމެ ބޮޑު ގުދުރަތީ ޖަންގައްޔާ ދިމާލަށެވެ. 

މި ޖަންގައްޔަކީ އޭޑީއެފް ފަދަ ގިނަ ހަނގުރާމަވެރި ގްރޫޕުތަކުން ފިލާތިބުމަށް ބޭނުން ކުރަމުން އަންނަ ނިވާފަތްގަނޑެކެވެ. 

"ރަހީނުކުރި ފަރާތްތައް ސަލާމަތްކޮށް މި ގްރޫޕު ނައްތާލުމަށް އަހަރުމެންގެ ބާރުތަކުން އަންނަނީ މަސައްކަތް ކުރަމުން،" ޓުވިޓާގައި ފީލިކްސް ކުލަޔިގްޔޭ ވިދާޅުވި އެވެ. މި ގްރޫޕު ހޯދުމަށް ޔުގާންޑާގެ އަސްކަރިއްޔާއިން އަންނަނީ މަތިންދާ ބޯޓުތައް ވެސް ބޭނުން ކުރަމުން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް