މޮލްޑޯވާގައި ކުރިއަށް ދިޔަ އެއްވުން.
ޔޫރަޕާ ގުޅުމަށް ތާއީދުކޮށް މޮލްޑޯވާގައި ގިނަ ބަޔަކު އެއްވުމެއް ބާއްވައިފި
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ތާއީދުކުރާކަން ދެއްކުމަށް މޮލްޑޯވާގެ ވެރިރަށް ޗިސިނައުގައި އެތައް ހާސް ބަޔަކު އެއްވުމެއް ބާއްވައިފި އެވެ.
އީޔޫއާ ގުޅުމަށް މޮލްޑޯވާގައި ތާއީދު އޮތްކަން ދެއްކެވުމަށް އެގައުމުގެ ރައީސް އިންތިޒާމު ކުރި މި އެއްވުމުގައި 75،000 އެއްހާ އާންމުން ބައިވެރިވެފައިވާ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
މޮލްޑޯވާގައި މިހާރު ހުންނެވި ޔޫރަޕަށް ތާއީދު ކުރައްވާ ރައީސް ވަނީ ރަޝިޔާއަށް ތާއީދުކުރާ އެގައުމުގެ އިދިކޮޅު ސޯ ޕާޓީއަށް ކްރެމްލިން އިން އެހީތެރިކަން ފޯރުކޮށްދީ ގައުމުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރަމުން އަންނަކަމަށް ތުހުމަތު ކުރައްވާފަ އެވެ.
"އަހަރުމެން ބޭނުމެއް ނޫން ޔޫރަޕުން ބޭރުގައި އޮންނާކަަށް އިތުރަކަށް،" އީޔޫގެ މެމްބަރަކަށް 2030 ވަނަ އަހަރު މޮލްޑޯވާ ވެގެންދާނޭ ކަމަށް ވައުދުވަމުން ރައީސް ސަންދޫ އެއްވެފައި ތިބި އާންމުންނާ މުހާތަބުކޮށް ވިދާޅުވި އެވެ.
އަދި އީޔޫގެ ދިދަތަކާއި ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ގިނަ އަދަދަކަށް އާންމުން ތިބި މި އެއްވުމަށް މުހާތަބުކޮށް ރައީސް ސަންދޫ ވިދާޅުވީ މޮލްޑޯވާ "ކްރެމްލިން އިން ބްލެކްމެއިލް ވާކަށް ނޭދޭ" ކަމަށެވެ.
ރަޝިޔާއިން ބޭރުގެ އޭޖެންޓުން ބޭނުންކޮށް މޮލްޑޯވާގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިނުގެ ޖާސޫސީ ވުޒާރާތަކުން ވަނީ ފަޅާއަރުވާލައިފަ އެވެ. އަދި މި ތުހުމަތާ ގުޅިގެން މޮލްޑޯވާގެ ސަރުކާރުން ވަނީ ތަހްގީގެއް ހިންގާ އެގައުމުގައި ތިބި ރަޝިޔާއަށް ތާއީދުކުރާ އިދިކޮޅު ފަރާތްތަކުން މުޒާހަރާތަކެއް ހިންގާ ސަރުކާރު ވައްޓާލަމުން ރާވަމުން ދިޔަ ކަން ހޯދިފައިވާ ކަން ކަށަވަރު ކޮށްދީފަ އެވެ.
ރަޝިޔާގެ ހާރިޖީ ވުޒާރާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ޔޫކްރެއިނެކޭ އެއްގޮތަށް މޮލްޑޯވާ އަކީ ވެސް ކުރީގެ ރޫސީވިލާތް ރޫޅުމުން އުފެދުނު މިނިވަން ގައުމެކެވެ. އަދި ކުރީގެ ރޫސީވިލާތަށް ނިސްބަތްވި އެެހެން މިނިވަން ގައުމެއް ކަމުގައިވާ ޖޯޖިޔާގެ ބޮޑު ސަރަހައްދެއް ރަޝިޔާގެ އަތް ދަށުގައި މިވަގުތު އޮތް ފަދައިން މޮލްޑޯވާގެ ސަރަހައްދެއް ވެސް މިވަގުތު އޮތީ ރަޝިޔާގެ އަތްދަށުގަ އެވެ.
ގާތްގަނޑަކަށް 2.6 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މޮލްޑޯވާ އިން ޔޫރަަޕާ ގުޅުމަށް ފޯމުލާފައި ވަނީ މިދިޔަ އަހަރު ޔޫކްރެއިނާ ވެސް އެކު އެވެ. އަދި އީޔޫއިން ވަނީ މި ދެގައުމަށް ކެންޑިޑޭޓުގެ ދަރަޖަ ދީފަ އެވެ.