އޯކްލެންޑުގައި ފެންބޮޑުވެފައި.

ނިއު ޒީލެންޑް

ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ނިއު ޒީލެންޑުގެ އޯކްލެންޑުގައި އިމަޖެންސީ އިއުލާނުކޮށްފި

މިއަހަރުގެ ޖަނަވަރީ މަހާއި ފެބްރުއަރީ މަހު ވެސް އޯކްލެންޑުގައި ފެންބޮޑުވެފައިވޭ

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ނިއު ޒީލެންޑުގެ އެންމެ ބޮޑު ސިޓީ އޯކްލެންޑުގައި އިމަޖެންސީ އިއުލާނުކޮށްފި އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގޭގޭގެ ބިންގަރާސްތަކަށާއި ޕާކުކޮށްފައިވާ ކާރުތަކަަށް ފެންވަދެފައިވާ އިރު، ގަސްތައް ލުހިގެން ވެއްޓި ރޭލުގެ ހިދުމަތްތަކަށް ވެސް އޯކްލެންޑުގައި ވަނީ ބުރޫ އަރާފަ އެވެ.

އޯކްލެންޑު މޭޔަރުގެ ނާއިބު ޑެސްލީ ސިމްޕްސަން ރިޕޯޓަރުންނަށް މައުލޫމާތު ދެއްވިގޮތުގައި އިމަޖެންސީ ހާލަތު އިއުލާނުކޮށްފައި ވަނީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން އިމަޖެންސީ ހިދުމަތްތެރީން ނެރުމަށެވެ. އަދި ފެންބޮޑުވުމުގެ ހާލަތު ސިމްޕްސަން ސިފަކުރައްވާފައި ވަނީ "ބަދަލުވަމުން އަންނަ އިމަޖެންސީ ހާލަތެއް"ގެ ގޮތުގަ އެވެ.

އޯކްލެންޑުގެ އުތުރުގައި ހުންނަ ހޮހޮޅައަކަށް ކޭމްޕު ގޮސްގެން އުޅެނިކޮށް އެތަނުގެ ތެރެއަށް ފެންގަނޑު ވަދެގަތުމާ އެކު ގެއްލުނު ހައި ސްކޫލް ދަރިވަރަކު ހޯދުމުގެ މަސައްކަތް ވެސް ސަލާމަތީ ހިދުމަތްތަކުން މިހާރު އަންނަނީ ކުރަމުން ނެވެ.

މިއަހަރުގެ ޖަނަވަރީ މަހު ވެސް އޯކްލެންޑަށް ރެކޯޑު މިންވަރަކަށް ވާރޭ ވެހިފައިވެ އެވެ. އަދި ޖެހިގެން އައި ފެބްރުއަރީ މަހު އެ ސަރަހައްދަށް ތޫފާނެއް ވެސް ވަނީ އަރާފަ އެވެ. އަދި މިހާރު ކުރަމުން މިދާ ވިއްސާރަ ބުދަ ދުވަހުގެ ރެޔާ ހަމައަށް ކުރިޔަށް ދާނޭ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރިލް މަހާ ހަމައަށް އޯކްލެންޑަށް ވަނީ އަހަރަކު އެވްރެޖްކޮށް ވެހޭ ވާރޭގެ %90 ވެހިފަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް އެންމެ ގަޑިއިރެއް ތެރޭގައި 35 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ނިއު ޒީލެންޑުގެ މިޓިއޮރޮލޮޖިކަލް ސާވިސްގެ ޖޯޖީނާ ގްރިފިތުސް ވިދާޅުވި އެވެ.

ނިއު ޒީލެންޑަށް މިހާރު ކުރަމުންދާ ވިއްސާރައިގެ މަންޒަރުތައް (ވީޑިއޯ/ނިއުސްހަބް)

އޯކްލެންޑަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން މަޖުބޫރު ނޫން ދަތުރުތައް ނުކުރުމަށާއި ފެންބޮޑުވެފައިވާ މަގުތައް ބޭނުން ނުކުރުމަށް ވުޒާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

ހުސްވި ފެބްރުއަރީ މަހު ނިއު ޒީލެންޑަށް ކުރިމަތިވި 'ގެބްރިއެލް' ތޫފާނުގެ ސަބަބުން އެގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބި 11 މީހަކު މަރުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް