ކާންޔެ ވެސްޓު
ކާންޔޭ ވެސްޓްގެ ޑީލާ ގުޅިގެން އިންވެސްޓަރުން އެޑިޑާސް ގޮވައިން ކޯޓަށް
ކާންޔޭ ވެސްޓްއާ އެކު އެޑިޑާސް އިން ހަދާފައި އޮތް ޑީލު މިދިޔަ އަހަރު ނިންމާލުމުގެ އެތައް އަހަރެއް ކުރިން ވެސްޓުގެ މައްސަލަ ބޮޑު އަހްލާގު އެޑިޑާސްއަށް ކަނޑައެޅިގެން އެނގޭކަމަށް ބުނެ އިންވެސްޓަރުން އެޑިޑާސްއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
ވެސްޓުގެ އަހްލާގާ ގުޅިގެން ނުކުމެދާނެ މައްސަލަތަކާ ހެދި ކުންފުންޏަށް ކުރިމަތިވެދާނެ މާލީ ގެއްލުމުން ރައްކާތެރިވާނެ ފިޔަވަޅުތައް އެޑިޑާސް އިން ކުރިޔާލާ އަޅާފައި ނުވާކަމަށް އިންވެސްޓަރުން ތުހުމަތު ކުރެ އެވެ.
ކުޅިވަރު ސާމާނު އުފައްދާ އެޑިޑާސް ކުންފުނިން ވެސްޓާ އެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާފައި ވަނީ މިދިޔަ އަހަރު ޔަހޫދީންނާ ދެކޮޅަށް ވެސްޓު ދެއްކެވި ވާހަކަތަކަކާ ގުޅިގެނެވެ.
އިންވެސްޓަރުންގެ ތުހުމަތުތައް އެޑިޑާސް އިން ވަނީ ދޮގުކޮށްފަ އެވެ. އަދި ތުހުމަތުތަކުން ދިފާއުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަަމަށް އެޑިޑާސް އިން ވަނީ ބުނެފަ އެވެ.
ވެސްޓު ވަނީ އެޑިޑާސްއާ އެކު މަސައްކަތް ކޮށް 'ޔީޒީ' ބްރޭންޑުގެ ދަށުން ވަރަށް ކާމިޔާބު ބޫޓުތަކެއް ލޯންޗުކޮށް ވިއްކާފަ އެވެ. ނަމަވެސް ވެސްޓާ އެކު މަސައްކަތް ކުރުން ހުއްޓާލުމަށް ފަހު ޔީޒީ ބްރޭންޑުގެ ނުވިކޭ ސާމާނުތަކުން ލިބޭ ގެއްލުން 700 މިލިއަން ޔޫރޯއަށް އަރާފާނެ ކަމަށް އެޑިޑާސް އިން ވަނީ ފަހުން ހާމަކޮށްފަ އެވެ.
ކޯޓަށް އެޑިޑާސްގެ އިންވެސްޓަރުން ހުށައަޅާފައިވާ މައްސަލައިގައި ވެސްޓު ބައިވެރިއެއް ނުވާނެ އެވެ. އިންވެސްޓަރުންގެ ތުހުމަތުގައި ވެސްޓުގެ އަހްލާގީ މިންގަނޑާ ގުޅޭ ގޮތުން މީގެ ކުރިން ކުންފުނީގެ ބައެއް ވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެ ތެރޭގައި ކުންފުނީގެ ކުރީގެ ޗީފް އެގްޒެކެޓިވް ކެސްޕާ ރޯސްޓެޑް އާއި އެހެން ބޭފުޅުން ވެސް ހިމެނޭކަމަށް އިންވެސްޓަރުން ބުނެ އެވެ.
މީގެ އިތުރުން ވެސް 2018 ވަނަ އަހަރު އެޑިޑާސްގައި އޮތް ބައްދަލުވުމެއްގެ ތަފްސީލުތައް ވޯލް ސްޓްރީޓު ޖާނަލުން ވަނީ ޝާއިއުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ވެސްޓާ އެކު އޮތް ވިޔަފާރީގެ ގުޅުން ކެނޑިގެންދާ ހިނދު ކުންފުންޏަށް ކުރިމަތިވެދާނެ ގެއްލުމަކާ މެދު ކުންފުނީގެ އިސް ވެރިންތަކެއް މަޝްވަރާކުރައްވާފައިވެ އެވެ.
އަދި ވެސްޓުގެ "މައްސަލަ ބޮޑު އަހްލާގީ" ފެންވަރު ކުންފުނީގެ ވެރިންނަށް އެނގިހުރެ އެކަމަށް ފަރުވާލެއް ނުދިންކަމަށް ބުނާ އެޑިޑާސްގެ މުވައްޒަފުން ލިޔެފައިވާ ސިޓީއެއް ރޯލިންގް ސްޓޯން މެގަޒިންއިން ވަނީ ޝާއިއުކޮށްފަ އެވެ.
ނަމަވެސް މި ސިޓީގައި ކޮށްފައިވާ ތުހުމަތުތަކަކީ ހަގީގަތެއް ކަމެއް ނުވަތަ ނޫންކަމެއް ނޭނގޭ ކަމަށް އެޑިޑާސް އިން ވަނީ ބުނެފަ އެވެ.