އީރާނުގެ ވެރިރަށް ތެހްރާނުގެ މަގެއްގައި ނަގާފައިވާ ފޮޓޯއެއް.
ބުރުގާ ނާޅާ އަންހެނުން ދެނެގަތުމަށް އީރާނު ފުލުހުން ކެމެެރާ ބޭނުންކުރަން ފަށަނީ
ބުރުގާ ނާޅާ އުޅޭ އަންހެނުން ދެނެގަނެ އެމީހުންނަށް ފިޔަވަޅު އެޅުމަށް، އާންމުން އެއްވެ އުޅޭ ތަންތަނުގަ އާއި އާންމު ބައެއް މަގުތަކުގައި އީރާނުގެ ފުލުހުން ކެމެރާ ހަރުކުރަން ނިންމައިފި އެވެ.
ބުރުގާ ނާޅާ މިގޮތަށް އުޅޭ ކަމަށް ދެނެގަނެވޭ އަންހެނުންނަށް "އިންޒާރުގެ މެސެޖެއް" ފޮނުވުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އީރާނުގެ ފުލުހުން އިއްޔެ ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މި ފިޔަވަޅުތަކުގެ ބޭނުމަކީ "ބުރުގާއާ ބެހޭ ގާނޫނާ" ދެކޮޅަށް ކުރަމުންދާ އިހްތިޖާޖުތައް މަދުކޮށް، ގައުމުގެ ރޫހާނީ ތަސައްވުރާއި ހަލަބޮލިކަން އިތުރުވިޔަ ނުދިނުމެވެ.
އީރާނުގެ ފުލުހުން މި ފިޔަވަޅުތައް އިއުލާނުކޮށްފައި މިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން، ބުރުގާއާ ބެހޭ ގާނޫނު ތަންފީޒު ކުރުމުގައި ސަރުކާރުން ލުއިތަކެއް ދީފައި ވަނިކޮށް ދީނީ އިލްމުވެރިންގެ ޕްރެޝަރު ސަރުކާރަށް ބޮޑުވެފައި ވަނިކޮށެވެ.
އީރާނުގެ ގިނަ އަންހެނުން ބުރުގާ އެޅުމާ ދެކޮޅު ހަދަން ފަށާފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހު "މޯރާލިޓީ ފުލުހުން"ގެ ބެލުމުގެ ދަށުގައި ހުރި 22 އަހަރުގެ މަހްސާ އަމީނީ ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެނެވެ. މަހްސާގެ މަރާ ގުޅިގެން ސަރުކާރާ ދެކޮޅަށް އެތައް ހަފްތާތަކެއް ވަންދެން ގިނަ މުޒާހަރާތަކެއް ކުރި އެވެ.
އީރާނުގެ ސަރުކާރުން މަރުގެ ހުކުމްތައް ތަންފީޒު ކުރަން ފެށި ފަހުން މި މުޒާހަރާތަކަށް މިހާރު ނިމުން އައިސްފައިވީ ނަމަވެސް އާންމު ތަންތަނުގައި ބުރުގާ ނާޅާ އުޅޭ އަންހެނުން އަދިވެސް ގިނަ އަދަދަކަށް ދަނީ ފެންނަމުންނެވެ.
އީރާނުގެ ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި، އާންމު ތަންތަނަށް އެއްވެ އުޅުމުގެ އުސޫލުތަކާ ކަސްޓަމަރުން ހިލާފުވެފައިވޭތޯ ބެލުމަށް ވިޔަފާރިތަކުގެ ވެރިންނަށް ވަނީ އަންގައިފަ އެވެ.
އިރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބަށް ފަހު ތަންފީޒުކުރަން ފެށި ގާނޫނުތަކުގައިވާ ގޮތުން އަންހެނުން ބުރުގާ އަޅައި ގަޔަށް ދޫ ހެދުން ލާން މަޖުބޫރުވެ އެވެ. މި ގާނޫނުތަކާ ހިލާފުވާ މީހުން ސަރުކާރުން ޖޫރިމަނާކޮށް ހައްޔަރު ކުރަމުންދާ އިރު، އާންމުންގެ ފާޑުކިޔުމާ ގިނަ ފަހަރަށް ކުރިމަތިލާން ޖެހެ އެވެ.