އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު

ޓެކްނޮލޮޖީ

ބްލޮކުކޮށްފައިވާ ޓްރަމްޕުގެ ޔޫޓިއުބް އެކައުންޓު ވެސް ދޫކޮށްލައިފި

ޓުވިޓާ އާއި މެޓައިން ވެސް ވަނީ ޓްރަމްޕުގެ އެކައުންޓުތައް މިފަހުން ދޫކޮށްލާފައި

ސަސްޕެންޑުކޮށްފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޔޫޓިއުބް އެކައުންޓުގެ ސަސްޕެންޝަން ދެ އަހަރަށް ފަހު އުވާލައިފި އެވެ.

އަލްފަބެޓު ކުންފުނީގެ ދަށުން ހިންގަމުން އަންނަ ޔޫޓިއުބުން މިގޮތަށް ފިޔަވަޅު އަޅާފައި މިވަނީ ފޭސްބުކް އާއި އިންސްޓަގްރާމް ހިންގަމުން އަންނަ މެޓަ އާއި އީލޮން މަސްކު ހިންގަވަމުން އަންނަ ޓުވިޓާއިން ވެސް ޓްރަމްޕުގެ އެކައުންޓުތައް މިފަހުން ދޫކޮށްލާފައި ވަނިކޮށެވެ. 

ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދެމުން އަންނަ ކަމަށް ތުހުމަތުކޮށް ޔޫޓިއުބުން ޓްރަމްޕުގެ އެކައުންޓު ސަސްޕެންޑު ކުރީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. އަދި ޓްރަމްޕުގެ އެކައުންޓު މިހާރު އޮންލައިން ކުރެވިފައިވާ ކަމަށް ޔޫޓިއުބުން ނެރެފައިވާ ބަޔާނެއްގައިވެ އެވެ. 

"މިއަދުން ފެށިގެން ޑޮނަލްޑް ޖޭ. ޓްރަމްޕުގެ ޗެނަލަށް އެޅިފައިވާ ހުރަސްތައް ވަނީ އުވާލެވިފައި އަދި އާ ކޮންޓެންޓު އަޕްލޯޑު ކުރެވޭނެ،" ޓުވިޓާގައި ޔޫޓިއުބުން ލިޔެފައިވެ އެވެ.

"މުހިންމު ގައުމީ އިންތިހާބެއްގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުން ވޯޓުދޭ އާންމުންނާ މުހާތަބު ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދިނުމާ އެކު އަސްލު ދުނިޔޭގައި ހަމަނުޖެހުން ހިންގަފާނެކަމުގެ ބިރު އޮތް މިންވަރު ވެސް އަހަރުމެން ވަނީ ވަރަށް ގާތުން ދިރާސާކޮށްފައި. ޔޫޓިއުބްގެ އެހެން ޗެނަލްތަކެކޭ އެއްފަދައިން މި ޗެނަލް ވެސް އަހަރުމެންގެ ގަވާއިދުތަކަށް ފެތޭތޯ ބަލަމުން ގެންދެވޭނެ،" ޔޫޓިއުބްގެ ބަޔާނުގައިވެ އެވެ.

ޓްރަމްޕުގެ ޔޫޓިއުބް އަދި ފޭސްބުކް އެކައުންޓުތައް ދޫކޮށްލުމާ ގުޅޭ (ވީޑިއޯ/ވިއޯން)

އިންތިހާބު އޮޅުވާލާފައިވާ ކަމަށް ޓްރަމްޕު ތުހުމަތު ކުރައްވައި، އޭނާގެ ސަޕޯޓަރުން އެމެރިކާގެ މަޖިލިސް ކުރާ ގެ ދޮށަށް އެއްވުމަށް ޓްރަމްޕު ހިތްވަރު ދެއްވުމާ ގުޅިގެން 6 ޖެނުއަރީ 2021ގައި އޭނާއަށް ތާއީދު ކުރާ އެތައް ހާސް ބަޔަކު ވަނީ މަޖިލީސް ކުރާ ގެއަށް ވަދެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފަ އެވެ. 

އަދި އެއާ އެކު ޓްރަމްޕު ކެނޑިނޭޅި ސަޕޯޓަރުންނާ ވާހަކަ ދެއްކެވުމަށް ބޭނުން ކުރައްވަމުން ގެންދެވި ސޯޝަލް މީޑިއާގެ ހުރިހާ އެކައުންޓުތަކެއް އެކި ކުންފުނިތަކުން ވަނީ އޭރު ބްލޮކު ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް