
އައިސީސީގެ މެމްބަރު 120 ގައުމުން އެއްވެސް ގައުމަކަށް ޕޫޓިން ވަޑައިގަންނަވައިފި ނަމަ ހައްޔަރު ކުރުމުގެ ފުރުސަތު އެބައޮތް.
ޕޫޓިން ހައްޔަރުކުރުމަށް ނެރުނު އަމުރަށް ބައިޑަން މަރުހަބާ ވިދާޅުވެއްޖެ
ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން ހައްޔަރު ކުރުމަށް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓު (އައިސީސީ) އިން ނެރެފައިވާ އަމުރަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ އައިސީސީ އިން ރައީސް ޕޫޓިންގެ މައްޗަށް އުފުލާފައިވާ ޔޫކްރެއިންގައި ހަނގުރާމައިގެ ކުށްތައް ހިންގުމުގަައި ބައިވެރިވުމުގެ ދައުވާގައި ޕޫޓިން ކުށްވެރިވާކަން ވަރަށް ސާފުކަމަށެވެ.
"ޕޫޓީން ހަނގުރާމައިގެ ކުށްތައް ހިންގިކަން އެއީ ވަރަށް ސާފުކަމެއް،" ބައިޑަން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
ޕޫޓިންގެ މައްޗަށް އުފުލާފައިވާ ދައުވާގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރަޝިޔާގެ އުދުވާން ފެށުނު ފަހުން ޔޫކްރެއިންގެ ކުޑަކުދިން ރަޝިޔާއަށް ގާނޫނާ ހިލާފަށް ބަދަލުކުރި މައްސަލަ އެވެ.
އެކަމަކު މި ތުހުމަތުތައް ރަޝިޔާގެ ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.
ޕޫޓިން ހައްޔަރު ކުރުމަށް އައިސީސީން ނެރެފައިވާ އަމުރާ އެކު ވެސް މާބޮޑު ކަމެއް ވާނޭކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ގައުމެއްގެ ސަރުކާރުގެ އެއްބާރުލުމާ ނުލާ އެގައުމެއްގެ ރައްޔިތެއް ހައްޔަރުކުރުމުގެ ބާރެއް އައިސީސީ އަކަށް ނޯވެ އެވެ. އަދި ރަޝިޔާ އަކީ އައިސީސީގެ މެމްބަރެއް ވެސް ނޫނެވެ. އެހެންކަމުން ނެދަލެންޑްސްގެ ދަ ހޭގުގައި ހުންނަ މި ކޯޓުގެ ބާރެއް ރަޝިޔާގެ މައްޗަށް ނުހިނގަ އެވެ.
ނަމަވެސް މި އަމުރާ އެކު ބޭރު ގައުމުތަކަށް ދަތުރުކުރެއްވުން ފަދަ ކަންކަމަށް ރައީސް ޕޫޓިން އަށް ދަތިތަކާ ކުރިމަތިވާނެ އެވެ. އެ އަމުރާ އެކު، އައިސީސީގެ މެމްބަރު ގައުމުތަކުގެ ގޮތުގައި ހިމެނޭ 123 ގައުމަކުން ކޮންމެ ގައުމަކަށް ޕޫޓިން ވަޑައިގަތް ނަމަވެސް، ޕޫޓިން ހައްޔަރު ކުރުމުގެ ބާރު އެ ގައުމުތަކަށް ލިބިދެ އެވެ.
ޕޫޓިން ވެވަޑައިގެންފައި މި ވަނީ އައިސީސީއިން ހައްޔަރު ކުރުމަށް އަމުރުނެރުނު ތިން ވަނަ ރައީސަށެވެ.
ބައިޑަން ވިދާޅުވާ ގޮތުގައި މިހާރު ކުރިއަށް ދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން ހަނގުރާމައިގެ ކުށްތައް ހިންގާފައިވާކަން އެމެރިކާއަށް ވަނީ ހޯދިފަ އެވެ.
މި ޖަރީމާތަކުގައި ބައިވެރިވާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެކަމަށް އެމެރިކާގެ ނާއިބު ރައީސް ކަމާލާ ހެރިސް ވެސް ވަނީ މިިދިޔަ މަހު ވިދާޅުވެފަ އެވެ.
މޮސްކޯގެ ބާރުތަކުން ޔޫކްރެއިން ކުޑަކުދިން މޮސްކޯގެ ބާރުގެ ދަށުގައިވާ ތަންތަނަށް ގަދަކަމުން ބަދަލު ކުރުމަކީ ހަނގުރާމައިގެ ކުށެއް ކަމަށް އދ. އިން މިހަފްތާގައި ނެރެފައިވާ ރިޕޯޓެއްގައި ވެސް ފާހަގަކޮށްފައި ވެއެވެ.
ކޮމެންޓް