ޕޯލެންޑުން ވަނީ މިގް-29 މަރުކާގެ ހަތަރު ޖެޓު ޔޫކްރެއިނަށް ފޯރުކޮށްދޭނެކަމަށް ބުނެފައި.

ޔޫކްރެއިނަށް ފޯރުކޮށްދޭ ޖެޓުތައް ވައްޓާލާނެ ކަމުގެ އިންޒާރު ރަޝިޔާއިން ދީފި

ނޭޓޯގެ އިތުރު ގައުމުތަކުން ވެސް ޖެޓުތައް ފޯރުކޮށްދޭނެ ކަމަށް މިހާރު ވަނީ ބެެލެވިފައި

ދެ ގައުމަކުން ޔޫކްރެއިނަށް ފައިޓާ ޖެޓުތައް ފޯރުކޮށްދޭނެ ކަމަށް ބުނެފައި ވަނިކޮށް، ޔޫކްރެއިނަށް މިގޮތަށް ފޯރުކޮށްދޭ ޖެޓުތައް ވައްޓާލާނޭ ކަމުގެ އިންޒާރު ރަޝިޔާއިން ދީފި އެވެ. 

ޕޯލެންޑުން ޔޫކްރެއިނަށް ހަތަރު ފައިޓާ ޖެޓު މަތިންދާބޯޓު ފޯރުކޮށްދޭން ނިންމާފައިވާކަން ބުރާސްފަތި ދުވަހު އިއުލާނުކޮށްފައި ވަނިކޮށް ސްލޮވާކިއާއިން ވެސް ވަނީ ހުކުރު ދުވަހު ޔޫކްރެއިނަށް ފައިޓާ ޖެޓު ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ. 

އެންމެ ފަހުގެ ޒަމާނީ ޖެޓުތައް ފޯރުކޮށްދޭން ޔޫކްރެއިނުން ވަނީ ހުޅަނގުގެ ބައިވެރިން ކައިރިން އެދިފަ އެވެ. ނަމަވެސް މިފަދަ ޖެޓުތަކަށް ޕައިލެޓުން ތަމްރީނު ކުރަން ނަގާ މުއްދަތު ދިގުވުމުގެ ސަބަބުން ކުރު މުސްތަގުބަލުގައި މިފަދަ ފުރުސަތެއްގެ ބޭނުން ކީވް އަށް ހިފޭފަކަށެއް ނެތެވެ. 

ޕޯލެންޑާއި ސްލޮވާކިއާގެ އިތުރުން ވެސް ޔޫކްރެއިނަށް ރޫސީވިލާތުގެ ޒަމާނުގެ ފައިޓާ ޖެޓު މޮޑެލެއް ކަމުގައިވާ މިގް-29 ފޮނުވުމަށް ނޭޓޯގެ އެހެން ގައުމުތަކުން ވެސް އަންނަނީ ވިސްނަމުން ނެވެ. މި މޮޑެލްގެ ޖެޓުތައް ދުއްވަން މިހާރު ވެސް ޔޫކްރެއިނުގެ ޕައިލެޓުންނަށް އެނގެ އެވެ. 

ޕޯލެންޑާއި ސްލޮވާކިއާގެ އިއުލާނާ ގުޅިގެން ވާހަކަ ދައްކަވަމުން ކްރެމްލިންގެ ތަރުޖަމާނު ޑިމީޓްރީ ޕެސްކޯވް ވިދާޅުވީ މިފަދަ ޖެޓުތައް ފޯރުކޮށްދިނުމަކުން ވެސް "ހާއްސަ އަސްކަރީ އޮޕަރޭޝަނުން" ނުކުންނާނެ އާހިރުގެ ނަތީޖާ ބަދަލު ނުވާނެ ކަމަށެވެ. 

އަދި މިކަމުން ޔޫކްރެއިނަށާއި ޔޫކްރެއިނުގެ ރައްޔިތުންނަށް ލިބޭނީ އިތުރު އަނިޔާއާއި ހިތާމަވެރިކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޯލެންޑާއި ސްލޮވާކިއާއިން ކީވް އަށް ޖެޓުތައް ފޯރުކޮށްދޭން ނިންމި ނިންމުން ފެނިގެން ގޮސްފައި ވަނީ ޔޫކްރެއިނަށް ލިބުނު ކާމިޔާބެއް ކަމަށެވެ. ކީވްއަށް އެންމެ ފަހުގެ ޒަމާނީ ޖެޓުތައް ފޯރުކޮށްދިނުމަށް ހުޅަނގުގެ ބާރުތަކުން އަދިވެސް ޖެހިލުންވެ އެވެ. އަދި ހުޅަނގުން މިވަގުތަށް ސަމާލުކަން ދީފައި ވަނީ އެއްގަމުގައި ހިނގަމުން އަންނަ ހަނގުރާމައިން ކީވްގެ ފައުޖުތަކަށް ކުރިއެރުންތައް ހޯދައި ދިނުމަށެވެ. 

ޕޯލެންޑާއި ސްލޮވާކިއާއިން ޔޫކްރެއިނަށް ފައިޓާ ޖެޓުތައް ފޯރުކޮށްދޭން ނިންމުމާ ގުޅޭ (ވީޑިއޯ/ޑީޑަބްލިއު ނިއުސް)

ޕޯލެންޑުން ޔޫކްރެއިނަށް ފޯރުކޮށްދޭން ވައުދުވެފައިވާ ހަތަރު ޖެޓުގެ އިތުރުން ސްލޮވާކިއާއިން ފޯރުކޮށްދޭން ވައުދުވެފައި ވަނީ 13 ޖެޓެވެ. އަދި ޔޫކްރެއިނުގެ ޕައިލެޓުންނަށް ދުއްވަން އެނގޭ އިތުރު ޖެޓުތައް ނޭޓޯގެ ގައުމުތަކުން ފޯރުކޮށްދޭން ފަށާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. މިއީ ޔޫކްރެއިނަށް އަސްކަރީ ޓޭންކުތައް ފޯރުކޮށްދޭން ނިންމުމަށް ވެސް ކަންކަން ހިނގާފައިވާ ގޮތެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް