ސައުދީ އަރަބިއްޔާ އާއި އީރާނުގެ ދިދައިގެ ކުރެހުމެއް.
އީރާނާއި ސައުދީން 2 މަހުގެ ތެރޭގައި އެމްބަސީ ހުޅުވަނީ
ހާރިޖީ ގުޅުންތައް އަލުން އިއާދަކޮށް، ގިނަވެގެން ދެ މަސްދުވަހުގެ ތެރޭގައި އެމްބަސީތައް ހުޅުވުމަށް އީރާނާއި ސައުދީ އަރަބިއްޔާއިން އެއްބަސްވެއްޖެ އެވެ.
ރިޔާދާއި ތެހެރާނުން މި އެއްބަސްވުމަށް އައިސްފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގްގައި އިއްޔެ ކުރިއަށް ދިޔަ މަޝްވަރާތަކުގަ އެވެ.
އީރާނުގެ ގައުމީ ސަލަމާތާ ބެހޭ ކައުންސިލުގެ ސެކްރެޓަރީ އަލީ ޝަމްހާނީ އާއި ސައުދީގެ ގައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރު މުސާދް ބިން މުހައްމަދު އަލް-އައިބާން އާއި ޗައިނާގެ އެންމެ އިސް ހާރިޖީ އޮފިޝަލް ވޭންގް ޔީ ބޭއްވެވި މަޝްވަރާތަކުގެ ފޮޓޯތަކާއި ވީޑިއޯތައް އީރާނު ސަރުކާރުގެ މީޑިއާއިން ވަނީ ހިއްސާކޮށްފަ އެވެ.
"ނިންމުން ތަންފީޒު ކުރުމަށް ފަހު ދެ ގައުމުގެ ހާރިޖީ ވަޒީރުން ސަފީރުން އައްޔަން ކުރުމަށް ބައްދަލު ކުރާނެ،" އީރާނުގެ ދައުލަތުގެ ޓީވީ ޗެނަލުން ރިޕޯޓުކޮށްފައިވެ އެވެ.
ވޭންގް ވަނީ ދެ ގައުމަށް ވެސް މަރުހަބާ ވިދާޅުވެ، "ދެ ގައުމުން ވެސް އަމަލުކޮށްފައި ވަނީ އިހްލާސްތެރިކަމާ އެކު" ކަމަށާއި "ޗައިނާއިން މި އެއްބަސްވުމަށް ފުރިހަމައަށް ތާއީދު ކުރާ" ކަމަށް ވިދާޅުވެފަ އެވެ.
ސައުދީގެ ނޫސް އެޖެންސީން ވަނީ މި އެއްބަސްވުން ކަށަވަރުކޮށްދީ، ދެ ގައުމުން ވެސް އެއް ގައުމު އަނެއް ގައުމުގެ ސިޔާދަތަށް އިހްތިރާމުކޮށް، ދާހިލީ ކަންކަމާ ނުބެހުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން، ވެސް ރިޔާދާއި ތެހެރާނާ ދެމެދު 2001 ވަނަ އަހަރު އެއްބަސްވެފައި އޮތް ސަލާމަތީ އެއްބަސްވުމެއް ވެސް އަލުން އިއާދަކުރުމަށް ހަމަޖެހިފައިވާ ކަމަށް ސައުދީގެ މީޑިއާއިން ރިޕޯޓުކޮށްފައިވެ އެވެ.
"ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސުލްހަ އާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން" ރިޔާދާއި ތެހެރާނާއި ބެއިޖިންގް އިން ބޭނުންވާކަން ހާމަކޮށްފައިވާ ކަމަށް ސައުދީން ނެރެފައިވާ ބަޔާނެއްގައިވެ އެވެ.
މި ދެ ގައުމުގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކުރުމުގައި ޗައިނާއިން ބިނާކުރަނިވި ރޯލެއް އަދާކުރާނެ ކަމަށާއި މުހިންމު ގައުމެއްގެ ހައިސިއްޔަތުން ޒިންމާދާރުކަން ދައްކާނެ ކަމަށް ވޭންގް މި ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.
ސައުދީން އީރާނާ އެކު އޮތް ހާރިޖީ ގުޅުންތައް ކަނޑާލާފައި ވަނީ 2016 ވަނަ އަހަރު އީރާނުގައި ހިނގި މުޒާހަރާތަކެއްގައި ސައުދީ އެއްބަސީއަށް މުޒާހަރާ ކުރަމުން ދިޔަ ބަޔަކު ވަދެގަތުމާ އެކު އެވެ. މި މުޒާހަރާ ހިންގާފައި ވަނީ އީރާނުގެ މުހިންމު ޝީއީ އިލްމުވެރިއެއްގެ މައްޗަށް ސައުދީން މަރުގެ ހުކުމް އޭގެ ދުވަސްކޮޅެއް ކުރިން ތަންފީޒު ކުރުމާ ވިދިގެންނެވެ.
މެދު އިރުމަތީގައި ހިނގަމުން އަންނަ އެކިއެކި ހަމަނުޖެހުންތަކުގައި ރިޔާދާއި ތެހެރާނުން ތާއީދު ކުރަމުން އަންނަނީ އިދިކޮޅު ފަރާތްތަކަށެވެ. މީގެ ތެރޭގައި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް ތެހެރާނުން އެހީތެރިވަމުން އަންނަ އިރު، ޔަމަނުގެ ސަރުކާރަށް ތާއީދު ކުރާ ކޯލިޝަންގައި ރިޔާދުން އަންނަނީ އަސްކަރީ އިސް ރޯލެއް އަދާކުރަމުންނެވެ.
އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވަނީ މިދިޔަ މަހު ޗައިނާއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ވަނީ މިދިޔަ ޑިސެމްބަރު މަހު ސައުދީއަށް ވަޑައިގެންފަ އެވެ.
ސައުދީން ގިނަ އަދަދަކަށް ތެޔޮ ގަންނަމުން އަންނަ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެ އެވެ.