ޖަރުމަނުގައި އުފައްދާ ލެޕަޑް މަރުކާގެ ޓޭންކެއް (ފޮޓޯ/އަލްޖަޒީރާ)

ނޭޓޯގެ ބައިވެރިންނަށް އެއްގަލަކަށް ނޭރުމުން ޔޫކްރެއިންއަށް ލެޕަޑް ޓޭންކުތައް ނުފޮނުވާ ގޮތަށް

މިކަމާ ދެބަސްވަނީ ހަމައެކަނި ޖަރުމަނުން ނޫން ކަމަށް އެ ގައުމުން ވަނީ ބުނެފައި

އެމެރިކާ އާއި އެ ގައުމުގެ އެކުވެރި ގައުމުތަކަށް އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެން، ޖަރުމަނުން އުފައްދާ ލެޕަޑް މަރުކާގެ ޓޭންކު ޔޫކްރެއިނަށް ފޮނުވުން ފެއިލުވެއްޖެ އެވެ.

ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ބާއްވަމުން ގެންދާ ސިލްސިލާ ކޮންފަރެންސްތަކުން ކޮންފަރެންސެއް، ޖަރުމަނުވިލާތުގައި އޮންނަ އެމެރިކާގެ އަސްކަރީ ވައިގެ ބަނދަރު ރަމްސްޓެއިންގައި ހުކުރު ދުވަހު ވަނީ ބާއްވާފަ އެވެ. މި ބައްދަލުވުމުގައި، ނޭޓޯގެ ގައުމުތައް ހިމެނޭ ގޮތަށް 50 ގައުމެއްގެ ދިފާއީ ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޖަރުމަނުވިލާތުން އުފައްދާ ލެޕަޑް 2 މަރުކާގެ ޓޭންކުތައް ފޮނުވުމުގެ ހުއްދަ ދިނުމަށް ޔޫރަޕުގެ ލީޑަރުން ވަނީ މި ބައްދަލުވުމުގައި އަނެއްކާވެސް ޖަރުމަނު ސަރުކާރަށް ބާރު އަޅުއްވާފަ އެވެ. ނަމަވެސް މިކަމާ ބެހޭގޮތުން ވަކި ގޮތެއް ނިންމިފައެއް ނުވެ އެވެ.

މިކަމުގައި އެއްބަސްވުމަކަށް ނާދެވުމުން ދައްކުވައިދެނީ، މިފަދަ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދިނުމާ މެދު ނޭޓޯގެ ބައިވެރިންގެ މެދުގައި ހިޔާލުތަފާތުވުން އިތުރުވަމުންދާކަން ކަމުގައި ވަނީ ބެލެވިފަ އެވެ.

ޔޫކްރެއިނަށް ލެޕަޑް ޓޭންކު ފޯރުކޮށްދިނުމަށް އޮތް ހުރަހަކީ ހަމައެކަނި ބާލިން ކަމަށް ކުރެވޭ ތުހުމަތުތައް ޖަރުމަަނުގެ ދިފާއީ ވަޒީރު ބޮރިސް ޕިސްޓޯރިއަސް ވަނީ ދޮގު ކުރައްވާފަ އެވެ. ހުރިހާ ގައުމެއްގެ މެދުގައި މިކަމާ މެދު އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ މިކަން ވަރަށް އަވަހަށް ހައްލު ކުރެވިދާނެކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ފޯރުކޮށް ދިނުމަށާއި، ފޯރުކޮށްނުދިނުމަށް ވެސް ރަނގަޅު ސަބަބުތަކެއް އެބަހުރި. އަދި ގާތްގަނޑަކަށް އަހަރެއްހާ ދުވަހަށް ކުރިއަށް ގޮސްފައިވާ މި ހަނގުރާމައިގެ ހުރިހާ ކަމަކަށް ވިސްނާފައި މިކަމުގެ ފައިދާތަކާއި ގެއްލުންތަކަށް ވަރަށް ފަރުވާތެރިކަމާ އެކު ބަލަން ޖެހޭ،" އިތުރު ތަފްސީލެއް ނުދެއްވާ ޕިސްޓޯރިއަސް ވިދާޅުވި އެވެ.

ރަޝިޔާއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި މުހިންމު ރޯލެއް އަދާކުރާނެ ކަމަށް ޔޫކްރެއިނުން ބުނަމުންދާ ޓޭންކުތައް ފޯރުކޮށްދިނުމަށް ޖަރުމަނުގެ ސަރުކާރުގެ މައްޗަަށް އޮތް ޕްރެޝަރު ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

"ޖަރުމަނު ފިޔަވާ އެހެން ހުރިހާ ގައުމެއް އެއްގަލަކަށް އަރާފައިވާ ކަމަށް" ބުނާ ބުނުމަކީ "ގޯހެއް" ކަމަށް ޕިސްޓޯރިއަސް ވިދާޅުވި އެވެ. "އަހަރެން ހުށައަޅާފައިވާ ހިޔާލަށް ތާއީދު ކުރާ ބައިވަރު އެހެން ބައިވެރިން ވެސް އެބަތިބި."

ލެޕަޑް ޓޭންކުތައް ފޮނުވުމާ މެދު އަދި ވަކި ގޮތެއް ނިންމިފައި ނުވި ނަމަވެސް "އަހަރެމެން ވަރަށް އަވަހަށް ވަކި ގޮތެއް ނިންމާނަން" ކަމަށް ޕިސްޓޯރިއަސް ވިދާޅުވި އެވެ.

"ކުރު މުސްތަގުބަލެއްގައި ގޮތެއް ނިންމޭނެކަން އަހަރެންނަށް ޔަގީން. އެކަމަކު... އެ ނިމޭނެ ކޮޅެއް އަހަންނަކަށް ނޭނގެ."

ޔޫކްރެއިނަށް ލެޕަޑް ޓޭންކު ފޯރުކޮށްދިނުމަށް އެއްބަސްވުމަކަށް ނާދެވުމާ ގުޅޭ (ވީޑިއޯ/އަލްޖަޒީރާ)

ޔޫކްރެއިނަށް ލެޕަޑް ޓޭންކު ފޯރުކޮށްދިނުމުގެ ހިޔާލު ކަމުދާ އެއް ސަބަބު ކަމުގައި ބެލެވިފައި ވަނީ މި ވައްތަރުގެ ޓޭންކުތައް ބޭނުން ކުރަމުން އަންނަ ގައުމުތައް އިތުރުވުމެވެ. މިހެން ވުމުގެ ސަބަބުން، އެއް ގައުމަކުން މާ ގިނަ އަދަދަކަށް ފޯރުކޮށްނުދީ ގިނަ ގައުމުތަކަކުން ޔޫކްރެއިނަށް މަދު މިންވަރަކަށް ޓޭންކުތައް ފޯރުކޮށްދީގެން ވެސް ފަރުޖައްސާލެވޭނެ އެވެ.

ނަމަވެސް ޖަރުމަނުގައި އުފައްދާ މި ޓޭންކުތައް ގެންގުޅެމުން އަންނަ ގައުމުތަކުން އެހެން ގައުމަކަށް ފޮނުވުމުގެ ކުރިން ބާލިންގެ ހުއްދަ ހޯދަން ޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް