އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އަންހެން ދަރިވަރުންތަކެއް (ފޮޓޯ/ގެޓީ އިމޭޖެސް)

އަފްގާނިސްތާން

ތާލިބާނުން އަފްގާން އަންހެނުން ޔުނިވާސިޓީތަކަށް ދިޔުން މަނާކޮށްފި

ތާލިބާނުން އަންނަނީ އަންހެނުންނަށް މުޖުތަމައުގެ ގިނަ ކަންކަން މަނާކުރަމުން
21 ޑިސެމްބަރު 2022

އަފްގާނިސްތާނުގެ އަންހެނުން ޔުނިވާސިޓީތަކަށް ދިޔުން ތާލިބާނުން މަނާކޮށްފި އެވެ. 

ތާލިބާނުން މިގޮތަށް އިއުލާނުކޮށްފައި ވަނީ އެގްރޫޕުގެ މަތީ ތައުލީމާ ބެހޭ ވަޒީރު ފޮނުއްވި ސިޓީއެއްގަ އެވެ. އަދި މި އަމުރު ވަގުތުން ތަންފީޒު ކުރަން ފެށިގެން ދާއިރު އެހެން ގޮތެއް އަންގަންދެން މިގޮތަށް އަމަލުކުރުމަށް ވަޒީރު ވަނީ އަންގަވައިފަ އެވެ.

އަފްގާނިސްތާނުގެ ގިނަ ސެކަންޑަރީ ސްކޫލުތަކެއް ވެސް މިވަގުތު ވަނީ އަންހެން ދަރިވަރުންނަށް މަނާކޮށްފަ އެވެ. އަދި ތާލިބާނުންގެ މި އާ ފިޔަވަޅާ ގުޅިގެން އެގައުމުގެ އަންހެނުންނަށް ތައުލީމު ހޯދުމަށް އޮތް ފުރުސަތުތައް އިތުރަށް ހަނިވެގެންދާނެ އެވެ.

ބީބީސީއާ މައުލޫމާތު ހިއްސާކުރި ކާބުލް ޔުނިވާސިޓީގެ ދަރިވަރެއް ބުނި ގޮތުގައި މި ހަބަރު އަޑުއިވުނީއްސުރެއް އޭނާ އަންނަނީ ރޮމުން ނެވެ.

ޔުނިވާސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ހޯދުމަށް އަފްގާނިސްތާނުގެ އެތައް ހާސް އަންހެން ކުދިންނާއި އަންހެނުންނެއް ވަނީ މީގެ ތިން މަސް ކުރިން އިމްތިހާނެއް ހަދައިފަ އެވެ. ނަމަވެސް ވެޓެރިނަރީ ސައިންސް، އިންޖިނިއަރިންގް، އިގްތިސާދީ އިލްމު އަދި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ތައުލީމު ހޯދުމުގެ ފުރުސަތު ތާލިބާނުން އެމީހުންނަށް މަނާކުރި އެވެ.

އަފްގާނިސްތާނުގެ ހިންގުމާ ތާލިބާނުން މިދިޔަ އަހަރު ފަހުކޮޅު ހަވާލުވުމާ އެކު އެގައުމުގެ ޔުނިވާސިޓީތަކުގައި ވަނީ ޖިންސު ވަކިކޮށްފައިވާ ކްލާސްތައް ތައާރަފުކޮށްފަ އެވެ. އަދި ދަރިވަރުން ޔުނިވާސިޓީއަށް ވަނުމަށް ކޮންމެ ޖިންސަކަށް ތަފާތު ދޮރުތަކެއް ވެސް ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން ވެސް އަންހެން ދަރިވަރުންނަށް ކިޔަވައި ދިނުމަށް ހުއްދަދީފައި ވަނީ އަންހެން މުދައްރިސުންނަށާއި އުމުރުން ދުވަސްވީ ފިރިހެން މުދައްރިސުންނަށެވެ.

ތާލިބާނުންގެ އެންމެ ފަހު ފިޔަވަޅާ ބެހޭ ގޮތުން ބީބީސީ ނޫހާ ވާހަކަ ދެއްކި ދަރިވަރަކު ހިއްސާކުރި ގޮތުގައި އޭނާއަށް ދޭހަ ވަނީ ތާލިބާނުން އަންހެނުންނާއި އަންހެނުންނަށް ލިބިދާނެ ބާރަކާ މެދު ބިރުގަންނަނީ ކަމަށެވެ. 

"އެމީހުން އެވަނީ އަހަރެންގެ މުސްތަގުބަލަށް އޮތް ހަމަ އެކަނި ފުރުސަތު ފުނޑުފުނޑުކޮށްލާފައި،" އޭނާ ކިޔާދިނެވެ.

"އަހަރެން ހަދާނީ ކިހިނެއް؟ އަހަރެން ގަބޫލުކުރީ ތައުލީމެއް ލިބުމުން އަހަރެންގެ މުސްތަގުބަލު ބަދަލުކުރެވިދާނެ ކަމަށް. ނުވަތަ އަހަރެންގެ ހަޔާތައް އަލިކަމެއް ގެނެވިދާނެކަމަށް. އެކަމު އެވެސް އެމީހުން ފުނޑުފުނޑުކޮށްލައިފި،"

ތާލިބާނުން އަފްގާނިސްތާނު ހިންގުމާ ހަވާލުވިފަހުން އެގައުމުގެ ތައުލީމީ ދާއިރާއިން ގިނަ އަދަދެއްގެ އިލްމުވެރިންތަކެއް ވަނީ ވަކިވެފަ އެވެ.

"އަހަރުމެންގެ ބޭބެމެން، އަހަރުމެންގެ ބައްޕަމެން، މުޅި މުޖުތަމައު އަދި ސަރުކާރާ ދެކޮޅަށް ވެސް ހަނގުރާމަކުރަން މިޖެހެނޭ،" ތައުލީމު ހޯދުމަށް ހުރި ގިނަ ގޮންޖެހުންތައް  ބީބީސީ ނޫހާ އެހެން އަންހެނަކު ހިއްސާކުރި އެވެ.

"ތައުލީމު ކުރިއަށް ގެންދަން ވެސް އެހާ އުނދަގޫ ހާލަތަކަށް ކަންތައްތައް ދިޔަ. އެކަމު އޭރު ވެސް އަހަރެން ހިނިތުންވިން ޔުނިވާސިޓީ ނިންމާފައި ހުވަފެންތައް ހަގީގަތަކަށް ހެދޭނެތީ. އެކަމު މިހާރު އަހަރެން ހަދާނީ ކިހިނެއް؟" އޭނާ ކިޔާދިނެވެ.

އަފްގާނިސްތާނުގެ އިގްތިސާދުގެ ބޮޑު ބައެއް ބަރޯސާވެފައި ވަނީ ބޭރު ގައުމުތަކުން ދޭ އެހީއަށެވެ. ނަމަވެސް ތާލިބާނުން އަންހެނުންނަށް ތައުލީމު ހޯދުމުގެ ފުރުސަތު ހަނިކުރަމުން ދިޔުމާ ގުޅިގެން އެހީދޭ ގިނަ ޖަމާއަތްތަކަކުން ވަނީ ތައުލީމީ ދާއިރާއަށް ދޭ އެހީތައް ހުއްޓާލަމުން ނެވެ.

އަދި އެގައުމުގައި މިވަގުތު ކިޔަވާދެމުން އަންނަ ގިނަ މުދައްރިސުންނަކަށް އެތައް މަހެއް ވަންދެން މުސާރަ ނުލިބުމަކީ އާންމު ކަމެކެވެ.

ޔުނިވާސިޓީތައް އަންހެން ދަރިވަރުންނަށް މަނާ ކުރުމާ ގުޅޭ (ވީޑިއޯ/ ވިއޯން)

ތާލިބާނުންގެ ސަރުކާރު ބައިނަލްއަގްވާމީ މުޖުތަމައުއިން ބަލައިގަތުމަށް ހުޅަނގުގެ ގައުމުތަކުން ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި އަންހެނުންނާއި އަންހެން ކުދިންނަށް ދޭ ތައުލީމީ ހިދުމަތް ރަނގަޅުކުރުން ހިމެނެ އެވެ. 

އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާ ސަފީރުގެ ނާއިބު ރޮބާޓް ވުޑް ވަނީ ތާލިބާނުންގެ އެންމެ ފަހު ފިޔަވަޅު ކުށްވެރިކުރައްވާފަ އެވެ.

"އަފްގާން ހުރިހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމު ނުކުރަނީ ނަމަ ބައިނަލްއަގްވާމީ މުޖުތަމައުގެ ސައްހަ ބައިވެރިއަކަށް ވެވޭނެކަމަށް ތާލިބާނުން އުއްމީދުކޮށްގެން ނުވާނެ،" ވުޑް ވިދާޅުވި އެވެ.

ކާބުލްގެ ޕާކުތަކުގައި އިސްލާމީ ގާނޫނުތަަކަށް އިހުތިރާމު ނުކުރާ ކަމަށް ބުނެ ތާލިބާނުން ވަނީ މިދިޔަ މަހު ކާބުލްގެ ޕާކުތަކަށް އަންހެނުން ދިޔުން މަނާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް