ކަންޔޭ ވެސްޓު (ފޮޓޯ/ރޮއިޓާސް)
ކަންޔޭ ވެސްޓު ރިޔާސީ އިންތިހާބަށް ކުރިމަތިލާނެކަން އިއުލާންކޮށްފި
ފާއިތުވެދިޔަ މަސްތަކުގައި އަހްލާގީ މައްސަލަތަކެއްގައި ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން އަމާޒު ވެފައިވާ އެމެރިކާގެ މިއުޒީޝަން ކަންޔޭ ވެސްޓު 2024 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލާނޭކަން އިއުލާނު ކޮށްފި އެވެ.
ގާނޫނީ ގޮތުން 'ޔޭ' އަށް ނަން ބަދަލުކޮށްފައިވާ ވެސްޓު ވަނީ 2024 ވަނަ އަހަރުގެ އިންތިހާބަށް އޭނާ ފަށާ ކެމްޕެއިންގައި ބޭނުންކުރާނޭ ލޯގޯ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.
އަދި އޭނާގެ ރަނިންމޭޓަކަށް ވުމަށް އެމެެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސްޓު ވަނީ ދައުވަތު ދީފަ އެވެ. ނަމަވެސް މި ދައުވަތާ ގުޅިގެން ޓްރަމްޕު ހުންނެވީ "ވަރަށް ކަންބޮޑުވެވަޑައިގެންފައި" ކަމަށް ވެސްޓު ބުންޏެވެ.
"ޓްރަމްޕު ވަނީ ކޯފާވެވަޑައިގެން އަހަންނާ ދިމާލަށް ކަލޭ ބަލިވާނެ ކަމަށް ވިދާޅުވެފައި. ތާރީހުގައި ވެސް އެއްވެސް މީހަކަށް މިގޮތަށް ކާމިޔާބު ލިބުނުތޯ ވެސް ސުވާލު ކުރި،" ވެސްޓު ވީޑިއޯއެއްގައި ބުނެ އެވެ.
ވެސްޓު ވަނީ 2020 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަކޮށްފަ އެވެ. އެފަހަރު އޭނާއަށް ލިބުނީ އެންމެ 70،000 ވޯޓެވެ.
ރިޔާސީ އިންތިހާބަށް ވެސްޓު ކުރިމަތިލާފައި މިވަނީ އޭނާއާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ފާއިތުވެދިޔަ މަސްތަކުގައި މީޑިއާގެ ސަމާލުކަމަށް އައިސްފައި ވަނިކޮށެވެ.
އެގޮތުން އެމެރިކާގައި ކަޅު ނަސްލުގެ މީހުންނާ މެދު ނަސްލީ ގޮތުން ގެންގުޅެމުންދާ ތަފާތު ކުރުންތަކާ ދެކޮޅަށް މަޝްހޫރުވެގެން ދިޔަ 'ބްލެކް ލައިވްސް މެޓާ' ހަރަކާތަށް ގޮންޖަހައި ވެސްޓު ވަނީ މިފަހުން ދޮން ނަސްލުގެ މީހުންނަށް ތާއީދުކޮށް 'ވައިޓް ލައިވްސް މެޓާ' ޖަހާފައިވާ ޓީޝާޓެއް ލައިގެން ޕެރިސްގެ ފެޝަން ޝޯއަކަށް ގޮސްފަ އެވެ. 'ވައިޓް ލައިވްސް މެޓާ' އަކީ އެެމެރިކާގައި ހައްދުފަހަނަޅާފައި ތިބި ދޮން ނަސްލުގެ މީހުން 2015 ވަނަ އަހަރު ބޭނުން ކުރަން ފެށި ޝިއާރެކެވެ.
ވެސްޓުގެ މި އަމަލާ ގުޅިގެން އަދި އެއަށް ފަހު އޭނާ ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ގެޕް، އެޑިޑާސް، ބަލެންސިއާގާ ފަދަ ކުންފުނިތަކުން ވަނީ އޭނާއާ އެކު މަސައްކަތް ކުރުން ހުއްޓާލާފަ އެވެ.