ތޫފާން އިއަންއާ ގުޅިގެން ފްލޮރިޑާގައި ސުންނާފަތިވެފައިވާ މެރީނާއެއް (ފޮޓޯ/ ރޮއިޓާސް)

އިއަން: އެމެރިކާގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބާރުގަދަ އެއް ތޫފާން

މަރުވި މީހުންގެ އަދަދު މިހާތަނަށް ވަނީ 78 އަށް އަރާފައި؛ ގެއްލުންތަކަށް އިންޝުއަރެންސް ކުންފުނިތަކުން ދައްކަން ޖެހޭ ވަރު 32 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ

ތާރީހުގައި ވެސް އެމެރިކާއަށް ކުރިމަތިވި އެންމެ ވަރުގަދަ އެއް ތޫފާން އިއަންގެ ސަބަބުން މަރުވިކަން މިހާތަނަށް އެނގުނު މީހުންގެ އަދަދު 78 އަށް އަރަ އެވެ. އެއީ ފްލޮރިޑާ އިން 74 އަދި ނޯތު ކެރޮލައިނާ އިން ހަތަރު މީހުންނެވެ. 

ފްލޮރިޑާގެ ހުޅަނގު ދެކުނުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ. މިހާރު ވެސް 1،100 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާ އިރު ލީ ކައުންޓީ އިން އެކަނި 800 އަށް ވުރެ ގިނަ މީހުން ސަލާމަތްކުރަން ޖެހުނެވެ.

ބާރުމިން ފަސްވަނަ ދަރަޖައާ ގާތްކުރާ މި ތޫފާން ފްލޮރިޑާއަށް އަރައި ރެސްޓޯރަންޓުތަކާއި ވިޔަފާރިތަކާއި އާންމުންގެ ގެތައް ސުންނާފަތި ކުރަން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. ތޫފާނުގެ ބާރުމިނާ އެކު ކަރަންޓު ކެނޑި، ފްލޮރިޑާއަށް އިއްޔެ މެންދުރުފަހާ ހަމައަށް ވެސް، 771،000 އަށް ވުރެ ގިނަ ގޭގެ އާއި ވިޔަފާރިތައް އަދި އެހެނިހެން ކަސްޓަމަރުންނަށް ކަރަންޓެއް ނުލިބެ އެވެ. އަދި ނޯތު ކެރޮލައިނާގެ 7،000 ކަސްޓަމަރުންނާއި ވަޖިނިއާގެ 5،700 ކަސްޓަމަރުން ވެސް ތިބީ އަނދިރީގަ އެވެ.

އެމެރިކާއަށް ކުރިމަތިވި ތޫފާން އިއަންއާ ގުޅޭ (ވީޑިއޯ/ ސީބީއެސް އީވްނިން ނިއުސް)

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އަނބިކަނބަލުން ޖިލް ބައިޑަން އަންނަ ބުދަ ދުވަހު ފްލޮރިޑާއަށް ވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ކެރީން ޖޯން-ޕިއާ ވަނީ ޓުވީޓު ކުރައްވާފަ އެވެ. އަދި ފްލޮރިޑާއަށް ވަޑައިގަތުމުގެ ކުރިން، މިދިޔަ މަހު ތޫފާން ފިއޯނާއާ ގުޅިގެން ލިބުނު ގެއްލުންތައް ބައްލަވާލައްވަން ބައިޑަން ހޯމަ ދުވަހު ޕުއެޓޮ ރީކޯއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޖޯން-ޕިއާ ވިދާޅުވި އެވެ.

ފްލޮރިޑާގެ ލީ ކައުންޓިގައި އޮންނަ މެޓްލަޗޭ ރަށުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް މީހުން ސަލާމާތް ކުރާ ފަރާތްތަކާއި އާންމުން ގުޅިގެން އިއްޔެ ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

މެޓްލަޗޭ ރަށަށް ވަދެވެން އޮތް މަގެއް ތޫފާނާ ގުޅިގެން ފެނުއަޑީގައި (ފޮޓޯ/ އޭއެފްޕީ)

މެޓްލަޗޭގެ މައި މަގާއި ކައިރީގައިވާ ސަރަހައްދުތައް ވަނީ ކުންޏާއި، ވެހިކަލްތަކާއި އަދި ވެއްޓިފައިވާ ގަސްތަކުން ފުރިފަ އެވެ.

"އެއްވެސް މީހަކު ކިޔައެއް ނުދޭ ކިހިނެއް ކަމެއް ހަދަންވީ، އެއްވެސް މީހަކު އަދިވެސް ނުބުނޭ ކޮންތާކަށް ކަމެއް ދާންވީ،" މެޓްލަޗޭގެ ގެޔެއްގެ ހިޔަލުގައި އިށީނދެލައިގެން އިން ޗިޕް ފައްރާރް، 43، އޭއެފްޕީ އަށް ކިޔައިދިނެވެ.

"ސަރަހައްދުން އަވަހަށް ނުކުތުމަށް އަންގާފައި ވަނީ ވަރަށް ވަގުތު ކުޑަތަންވެފައި އޮއްވާ."

އެމެރިކާއިން ހިމާޔަތް ހޯދަން އައި ބަޔަކު ދަތުރި ބޯޓެއް ތޫފާން އިއަންއާ ގުޅިގެން ފެތި 16 މީހަކު ގެއްލިފައިވާ ކަމަށް އެމެރިކާގެ ކޯސްޓް ގާޑުން ވަނީ ބުނެފަ އެވެ. މި ބޯޓުން ދަތުރުކުރި ނުވަ މީހަކު ސަލާމަތްވެފައި ވާއިރު، މަރުވެފައިވާ ދެ މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.

ތޫފާން އިއަން ވަނީ ފްލޮރިޑާއަށް އެރުމަށް ފަހު އެޓްލާންޓިކު ކަނޑަށް ފައިބައި އުތުރުގައި އޮތް ސައުތު ކޮރޮލައިނާއަށް ހުކުރު ދުވަހު އަރާފަ އެވެ. ނަމަވެސް ސައުތު ކޮރޮލައިނާއަށް އެރި އިރު އިއަންގެ ބާރު ވަނީ ކެޓަގަރީ 1 އަށް ދަށްވެފަ އެވެ.  އަދި އިއްޔެއާ ހަމައަށް އައިރު ވަޖިނިއާ އަށް ދަތުރުކޮށްފައިވާ އިއަންގެ ބާރު ވަނީ މުޅިންހެން ކެނޑިފަ އެވެ.

ގެދޮރާއި އިމާރާތް ފަދަ މުދަލާ ބެހޭ ތަފާސްހިސާބުތައް ހަދާ ކޯލޮޖިކް ކުންފުނިން އަންދާޒާ ކުރާ ގޮތުގައި ތޫފާން އިއަންގެ ގަދަ ވަޔާ ހެދި ފްލޮރިޑާއަށް ލިބުނު ގެއްލުންތަކަށް އިންޝުއަރެންސް ކުންފުނިތަކުން ދައްކަން ޖެހޭ ވަރު 32 ބިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި ފެންބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ އަގު 15 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.

"މިއީ 1992 ވަނަ އަހަރު އެރި ތޫފާން އެންޑްރޫ އަށް ފަހު ފްލޮރިޑާއަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ތޫފާން،" ކޯލޮޖިކްގެ ޓޮމް ލާސަން ވިދާޅުވި އެވެ.

ތޫފާން އިއަން ނިމުމަކަށް އައި އިރު އެމެރިކާގެ ދެކުނަށް އޮތް މެކްސިކޯގެ ކަނޑުގައި އޯލީންގެ ނަންދެވިފައިވާ ތޫފާނެއް މިހާރު ދަނީ ފައްކާވަމުންނެވެ.  މިވަގުތު ކެޓަގަރީ 2ގެ މި ތޫފާން މެކްސިކޯއަށް ކުރިއަށް އޮތް މަދު ދުވަސްތަކެއް ތެރޭ އަރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. 

އިންސާނުންގެ އަމަލުތަކާ ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާ ހެދި ތޫފާންތައް ކުރިމަތިވާ މިންވަރާއި ތޫފާންތަކުގެ ބާރުމިިން އިތުރުވަމުންދާ ކަމަށް ސައިންސްވެރިން ދަނީ އިންޒާރު ދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް