ދެ ތިން ލަވައެއް

އަހުމަދު ނަސީރާ އެކު ދޯންޏެއްގައި: ޒީރޯ ޑިގްރީގެ ލަވައިގެ ދުނިޔެއަށް

މިއީ އެ ބޭފުޅެއްގެ ހުނަރުވެރިކަމާ ނުލައި 'ދޯނި' އަލްބަމްގެ އިހުސާސްތައް ފުރިހަމަނުވާނެ ފަންނާނެއްކަން ޔަގީނެވެ. މި އިންޓަވިއުގައި އަހުމަދު ކިޔައި މި ދެނީ ޒީރޯ ޑިގްރީއާ އެކު 'ދޯނި' އަލްބަމްގެ ދުނިޔެއަށް އޭނާ ކުރި ދަތުރުގެ ވާހަކަތަކެވެ.
29 އޭޕްރީލު 2024
2

ޒީރޯ ޑިގްރީގެ 'ދޯނި' އަލްބަމަކީ ދިވެހި އޮރިޖިނަލް ލަވައިގެ ދުނިޔެ ދުށް ފުރަތަމަ 'މާސްޓަޕީސް' އެވެ. އަދި މިއަދާ ހަމަ އަށް ވެސް ދިވެހި މިއުޒިކުގެ ހަގީގީ 'އެޕިޓަމީ' އަކީ މީގެ ތިރީހަކަށް އަހަރު ކުރިން ގެނެސްދިން 'ދޯނި' އަލްބަމޭ ބުނެވިދާނެ އެވެ. ސަބަބަކީ އެއާ އެއްވަރުގެ ދެވަނަ އުފެއްދުމެއް ނުވަތަ ގާތްކުރާ ވަރުގެ އެހެން މަސައްކަތެއް ވެސް އޭގެ ފަހުން މިއުޒިކްގެ އެ ޖައްވުގައި އުފެދިފައި ނެތުމެވެ.

އެކަމަކު ފްލޫނިއާ ނާޝިދު އާއި މޮހޮޖާއި އަހުމަދު ޖޯންސްގެ މައްޗަށް އެކުލެވުނު 'ޒީރޯ ޑިގްރީ އެޓޯލް'ގެ އެ މަސައްކަތް އެ ފެންވަރުގައި އުފެދުނީ ކޮންކޮން ސަބަބުތަކަކާ ލައިގެން ހެއްޔެވެ؟ އެ މީހުންގެ އަލަތު އަލްބަމުގައި ހިމެނި 10 ލަވަ، 'ޓައިމްލެސް' އުފެއްދުންތަކަކަށް ބަދަލުވެގެން ދިޔައީ ކޮން ގޮތަކަށް އެމީހުން މަސައްކަތްކޮށްގެން ހެއްޔެވެ؟

'ދޯނި' އަލްބަމްގެ އެ ޖާދޫގައި ޖެހިފައިވާ ދިވެހިންނަށް 'ޒީރޯ ޑިގްރީ'ގެ މި އާދަޔާހިލާފު ދަތުރުގެ ވާހަކަ ކިޔައިދޭން 'ދައުރު' އާއެކު މިފަހަރު ބައިވެރި ވަނީ އަލްބަމްގެ ގިނަ ލަވަތައް ލިޔުއްވި ކުޅަދާނަ ލިރިސިސްޓް އަހުމަދު ނަސީރެވެ. މިއީ އެ ބޭފުޅެއްގެ ހުނަރުވެރިކަމާ ނުލައި 'ދޯނި' އަލްބަމްގެ އިހުސާސްތައް ފުރިހަމަނުވާނެ ފަންނާނެއްކަން ޔަގީނެވެ.

އަހުމަދު ނަސީރު އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ)

އަލްބަމްގެ އެންމެ މަޝްހޫރު ލަވަތައް ކަމުގައިވާ 'އެންވަގުވީ' އާއި 'ކަޅުސޮރު' އަދި ފަށަން' އާއި 'ފަލިވަޅު'ގެ އިތުރުން 'ނަމެއް ނެތް' އަދި 'ހުސްފުލޯކު' އަކީ ވެސް އަހުމަދުގެ ލިޔުއްވުމެވެ. އަދި މި އަލްބަމްގެ މަސައްކަތް ފެށުމުގެ މާ ކުރިން ޒީރޯ ޑިގްރީ އިން ނެރުނު އެ މީހުންގެ އަލަތު ސިންގަލް، 'ރީތި ހަނދުވަރު'ގެ ކުޅަދާނަ ޅެންވެރިކަމުގެ ފަހަތުގައި ވެސް ވަނީ އަހުމަދުގެ ހުނަރުވެރިކަމެވެ.

"ރީތި ހަނދުވަރަކީ އަޅުގަނޑުގެ (މި ކެރިއަރުގެ ވެސް) ފުރަތަމަ ލަވަ. އަޅުގަނޑު އެންމެ ފުރަތަމަ ލިޔުނު ލަވަ. އަދި އެއީ މާ މޮޅު ލަވައެއް ލިޔަން ވިސްނައިގެން ނުވަތަ ކަމެއް ކުރަން ރާވައިގެން ވަކި ގޮތަކަށް ލިޔަން ވިސްނައިގެން ކުރި މަސައްކަތެއް ވެސް ނޫން،" ލަވަ ލިޔުއްވުމުގެ ތެރެއަށް ވަދެވުނު ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަހުމަދު މި އިންޓަވިއުގައި ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ލިޔުންތެރިކަމާއި ޅެންވެރިކަމުގެ ތެރެއަށް އޭނާ އަށް ވަދެވުނީ ޒީރޯ ޑިގްރީގެ ފްރޮންޓްމޭން ނާޝިދު ދިން ހިޔާލަކާ ގުޅިގެން ކަމަށެވެ.

"ދޯނި އަލްބަމްގެ މަސައްކަތް ނުރަސްމީކޮށް ފެށުނު ގޮތަކީ، އެ ދުވަސްވަރު އައި ވޯޒް ގޮއިން ތުރޫ އަ ޑިވޯސް. ދެން ބޭނުމެއް ނުވި ގޭގައި އުޅޭކަށް. ދެން އަޅުގަނޑުގެ ދިރިއުޅުން އެ ދުވަސްކޮޅު ބަދަލުކޮށްލީ ނާޝިދުމެން ގެއަށް،" އަހުމަދު ކިޔައިދެއްވި އެވެ.

އަހުމަދު ނަސީރު އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ)

"ނާޝިދަކީ އަޅުގަނޑާ ތިމާގެ ވެސް މީހެއް. ދެން އޭނަ ދިން ހިޔާލަށް އެ ގޭގައި އުޅެން ފެށީ. ދެން ނާޝިދުމެން ގޭގައި އަޅުގަނޑު ވަގުތު ހޭދަކުރަމުން ދިޔައިރު ނާޝިދުމެން ދިޔައީ ރިސޯޓް މިއުޒިކް ކުޅެން. އެގޮތަށް މިއުޒިކް ކުޅެލާފައި އެނބުރި އަންނާނީ ވަރަށް ދަންވަރު. ދެން އަޅުގަނޑާ އަނގަތަޅަން އުޅެފައި އޭނާ ދާނީ ނިދަން.

އެގޮތަށް އުޅެމުން ނާޝިދު މި ބުނަނީ، އަޅުގަނޑު ލިޔަންވީ ނޫން ހެއްޔޭ. ލަވަ ވެސް ލިޔަންވީ ނޫން ހެއްޔޭ."

އަހުމަދު ވިދާޅުވީ ނާޝިދު އޭނާ އަށް އެ ހިޔާލު ދެއްވީ އެ ދުވަސްވަރު އޭނާއަށް ކުރިމަތިވެފައިވީ ހިތާމަ އަށް ތަސައްލީއެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ދެން އެ ހިސާބުން ފެށިގެން އަޅުގަނޑު ލަވަ ލިޔަން ފެށީ އެންމެ ފުރަތަމަ ވެސް."

ޒީރޯ ޑިގްރީގެ އޮރިޖިނަލް ލަވަ އަށް ރިޔައުކޮށައިދިން ހިތްގައިމު ލަވަ 'ރީތި ހަނދުވަރު' އުފެދިގެން އައި ގޮތަކީ މި އެވެ.

އަހުމަދު ނަސީރު އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ)

އަހުމަދު ނަސީރަކީ ޒީރޯ ޑިގްރީގެ 'ދޯނި' އަލްބަމްގެ ބައެއް ލަވަތައް ލިޔުއްވި ލިރިސިސްޓެއް އެކަންޏެއް ނޫނެވެ. އެކަމަކު، އޭނާގެ ކުޅަދާނަ މަސައްކަތްތަކުގެ ތެރެއިން ހައްގު ތައުރީފުގެ މިންވަރު ފަހަރުގައި އަދިވެސް ނުލިބޭ އެންމެ އެންމެ ބޮޑު މަސައްކަތަކީ މި އެވެ.

މިނިވަން ނޫސްވެރިކަމުގެ ދާއިރާ އަކީ ވެސް އަހުމަދުގެ ހިޔާލާއި ލިޔުންތެރިކަމުގެ ހުނަރު ފާހަގަކޮށްލެވޭ ދާއިރާއެކެވެ. މީގެ އިތުރުން ކުރެހުމަކީ ވެސް އޭނާ މިހާރު ވެސް ވަރަށް ކުރާ ހިތުން ކުލަޖައްސަމުން ގެންދާ ނަލަ ދުނިޔެއެކެވެ.

ނަމަވެސް މި އިންޓަވިއުގައި އަހުމަދު ކިޔައި މި ދެނީ ޒީރޯ ޑިގްރީއާ އެކު 'ދޯނި' އަލްބަމްގެ ދުނިޔެއަށް އޭނާ ކުރި ދަތުރުގެ ވާހަކަތަކެވެ.

ކޮމެންޓް (2)

އަލީރާޖާ

3 މޭ 2024
ވަރަށް އިންޓްރެސްޓިންގް. ޝުކުރިއްޔާ.
2 0

ޢިރުޝާދު

29 އޭޕްރީލު 2024
ޥަރަށް ހޮޅި ލިއުމެއް! ޢޮއްޓަރެއްނެތް
0 5

އިތުރު އާޓިކަލް

އިތުރު އާޓިކަލް