ދެކޭ ގޮތް: ގިނަ ޒުވާނުން ބުނަނީ ވޯޓު ލާނެ ކަމަށް
ރިޔާސީ އިންތިހާބެއްގެ ވޯޓަކީ ވަރަށް ކުރުން މުހިންމު ކަމެކެވެ. ގައުމުގެ ހުންގާނު ހަވާލުކުރެވޭ މީހާ ކަނޑައަޅަނީ އެ ވޯޓުންނެވެ. ރައްޔިތުންނަށް ގޮތް ނިންމަން ލިބޭ އެ ފުރުސަތުގައި، އެ ފުރުސަތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފާނެ ކަމާ މެދު ޝައްކެއް ނެތެވެ. އެކަމަކު މިހާރުގެ ބައެއް ޒުވާނުންނަށް ވޯޓަކީ އެހާ މުހިންމު ކަމަކަށް ނުވެ އެވެ.
'ދައުރު'ގެ 'ދެކޭ ގޮތް' އެޕިސޯޑުގައި މި ފަހަރު އާންމުންގެ ހިޔާލު ހޯދާލީ ވޯޓު ލުމާ ގުޅޭ ގޮތުންނެވެ. އެއީ ކިހާ މުހިންމު ކަމެއްތޯ ބެލުމުގެ ގޮތުންނެވެ. ދިމާވި ބައެއް ޒުވާނުންނަށް އެއީ މާ މުހިންމު ކަމަކަށް ނުވި ނަމަވެސް، ވާހަކަދައްކާލި ގިނަ ޒުވާނުންނަށް ވޯޓަކީ ވަރަށް ވެސް މުހިންމު ކަމެކެވެ.
"ސިޔާސީ ކަންކަމާ އެހާ އުޅޭ ހިތެއް ނުވޭ. އަސްލު ނެތް ކަމުދާ ކެންޑިޑޭޓެއް،" އިންޓަވިއުގެ ތެރެއިން ދިމާވި ޒުވާނަކު ބުންޏެވެ. ކެމެރާ ކުރިމަތީގައި އެ ވާހަކަ ބުނެލަން ނުކެރުނު ނަމަވެސް، އޭނާގެ ހިޔާލު އެކަމުގައި ސާފެވެ.
"އެހެންވީމާ ނުދަން ވޯޓުލާކަށް. ނެތް ޝައުގެއް."
އަނެއްކާވެސް އިންޓަވިއު ނެގުމުގެ ތެރެއިން ރަސްފަންނު ސަރަހައްދުން ދިމާވި ޒުވާނެކެވެ. ވޯޓުލާނަންތޯ ސުވާލު ކުރުމުން ދިިން ޖަވާބު ވަރަށް ތަފާތެވެ.
"ބައްޕަ ބުނީތީ ވޯޓު ލާން ދާނަން. އެހެން ނޫން ނަމަ.، އޮންނާނީ ގޭގައި،" އޭނާ ބުންޏެވެ.
ވޯޓުގެ މުހިންމުކަމުގެ ވާހަކަ ދައްކާނެ ޒުވާނަކާ ދިމާވޭތޯ ދުއްވަނިކޮށް ރަށްދެބައި މަގުން ދަންނަ ރަހުމަތްތެރިޔަކާ ދިމާވެއްޖެ އެވެ. އިންޓަވިއު ހިނގާ ގޮތާއި ކުރާނެ ސުވާލުތަކަށް ބުނުމުން އެ ކަމަށް އެއްބަސްވެއްޖެ އެވެ.
"އަޅުގަނޑު ވޯޓު ލަން. އަޅުގަނޑު ވޯޓު ލަނީ އެއީ ގައުމުގެ ވަލީއުލްއަމުރު އައްޔަން ކުރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކަށް ވާތީ. ކޮނޑުގައި އެޅިފައި އޮތް ވާޖިބަކަށް ވާތީ،" އޭނާ ބުންޏެވެ.
އެ ޒުވާނާގެ ހިޔާލަކީ ގިނަ ޒުވާނުންގެ ވެސް ހިޔާލެވެ. ވޯޓުލާން ޖެހެނީ އެ ގޮތް ނިންމުމުގެ ބާރު ޒުވާނުންނަށް ލިބޭތީއޭ، ވާހަކަދައްކާލި ގިނަ ޒުވާނުން ބުންޏެވެ.
ދިމާވި ދޮށީ އުމުރުގެ މީހަކު ބުނި ގޮތުގައި ވޯޓު ލާން ޖެހެނީ ގައުމު ހަމަ މަގުން ހިންގުމަށެވެ. ގިނަ މީހުންނަށް އެއީ ވަރަށް މުހިންމު ކަމަކެވެ.