ސޮނީން، ގޭމް އުފައްދާ ކުންފުނި ބަންޖީ ގަންނަނީ
ދުނިޔެއަށް މަޝްހޫރު ޖަޕާނުގެ ބިޔަ ޓެކްނޮލޮޖީ ކުންފުނި ސޮނީން، ވީޑިއޯ ގޭމު އުފައްދާ ކުންފުނި ބަންޖީ 3.6 ބިލިއަން އެމެރިކާ ޑޮލަރަށް ގަންނަން ނިންމައިފި އެވެ.
'ޑެސްޓިނީ' އަދި 'ހޭލޯ' ފަދަ މަޝްހޫރު ގޭމުތައް އުފައްދާފައިވާ ބަންޖީ ގަތުމުން "އެތަކެއް ބިލިއަން ކުޅުންތެރިންނަށް" ގޭމް ފޯރުކޮށް ދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސޮނީން ވަނީ ބުނެފަ އެވެ.
'ހޭލޯ'އަކީ މައިކްރޮސޮފްޓްގެ އެކްސްބޮކްސް ކޮންސޯލް ނެރުނުތާ ކުރީކޮޅު އެ ކޮންސޯލުގެ މަގުބޫލުކަން ކުޅުންތެރިންގެ މެދުގައި އުފެއްދުވި އެއް ގޭމެވެ.
"ޕްލޭސްޓޭޝަން އިތުރު ކުޅުންތެރިންނަށް ފޯރުކޮށްދިނުމަށް އަހަރެމެން ގެންގުޅޭ ސިޔާސަތުގެ ދަށުން މިއީ ވަރަށް މުހިންމު ހަރުފަތެއް،" ސޮނީ އިންޓެރެކްޓިވް އެންޓެޓެއިންމަންޓް (އެސްއައިއީ)ގެ ޗީފް އެގްޒެކެޓިވް އަދި ރައީސް ޖިމް ރަޔަން ވިދާޅުވި އެވެ.
"ސްޓޫޑިއޯއަށް ބަންޖީ ކޮމިއުނިޓީގެ މުހިންމުކަން އަހަރެމެން ދެނެގަންނަން. އަދި މިނިވަންކަމާ އެކު ކުރިޔަށް ގެންގޮސް، ފުޅާކުރަން އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނަން."
ސޮނީން އިއުލާނު ކޮށްފައިވާ މި ޑީލު ނިންމާނެ ތާރީހެއް އެ ކުންފުނިން އަދި ނުބުނެ އެވެ.
މީގެ 22 އަހަރު ކުރިން މައިކްރޮސޮފްޓުން އެކްސްބޮކްސް ފުރަތަމަ ލޯންޗު ކުރުމަށްޓަކައި ބަންޖީ ކުންފުންޏާއި އެ ކުންފުނިން އުފައްދާފައިވާ 'ހޭލޯ' ގޭމު ގަތެވެ. މައިކްރޮސޮފްޓުގެ މި އުކުޅުގެ ސަބަބުން 'ހޭލޯ'ގެ އެތައް މިިލިއަން ކޮޕީއެއް ވިކުނު އިރު، ގޭމު ކުޅޭ ފަރާތްތަކުގެ މެދުގައި އެކްސްބޮކްސް ވެސް މަގުބޫލު ވެގެންދިޔަ އެވެ.
މައިކްރޮސޮފްޓާ ބަންޖީ ވަކިވީ 2007 ވަނަ އަހަރެވެ. ނަމަވެސް 'ހޭލޯ' ގޭމުގެ ކޮންޓްރޯލު މައިކްރޮސޮފްޓުން ދޫކޮށެއް ނުލަ އެވެ.
މައިކްރޮސޮފްޓުން މިދިޔަ މަހު ވަނީ ގޭމިން ސިނާއަތުގައި އެއްބަސްވެވުނު އެންމެ ބޮޑު ޑީލުގައި، ގޭމު އުފައްދާ އެކްޓިވިޝަން ބްލިޒަޑް ކުންފުނި 68.7 ބިލިއަން އެމެރިކާ ޑޮލަރަށް ގަންނަން ނިންމައިފަ އެވެ.
ސޮނީއާ އެކު ބަންޖީން ހަދާ ޑީލުގެ ދަށުން ބަންޖީ އޮޕަރޭޓު ކުރަމުން ދާނީ މިހާރު ވެސް ކުރާ ގޮތަށް ވަކި ކުންފުންޏެއް ގޮތަށެވެ. އެމެރިކާގެ ވޮޝިންޓަންގައި އޮފީސް ހުންނަ ބަންޖީ ކުންފުނީގައި 900 މުވައްޒަފުން މަސައްކަތް ކުރެ އެވެ.