ޖުޕިޓާގެ ހަނދު ޔޫރޮޕާގެ ދިރާސާތަކަށް ނާސާގެ އުޅަނދު ޔޫރޮޕާ ކްލިޕާ ހިފައިގެން އިއްޔެ ރޮކެޓް ނައްޓާލަނީ

ޖައްވީ ދިރާސާ

ޖުޕިޓާގެ ހަނދު ޔޫރޮޕާގައި ދިރުމެއް ވެދާނެތަ؟ ނާސާގެ އުޅަނދު އެ ފުރީ ޖަވާބު ހޯދަން

ޔޫރޮޕާގެ ގަނޑުފެނުގެ ބޯ ފަށަލައިގެ އަޑީގައި ދުނިޔޭގެ ކަނޑުތަކަށް ވުރެ ބޮޑު ކަނޑުގެ ސަރަހައްދެއް އޮތް ކަމަށް ބެލެވޭ. ސައިންސްވެރިން ލަފާކުރަނީ އެއީ ދިރުން އުފެދެން ވެސް އެކަށީގެންވާ މާހައުލެއް ކަމަށް
15 އޮކްޓޯބަރު 2024

ދުނިޔެއާ 628 މިލިއަން ކިލޯމީޓަރު ދުރުގައި ދައުރުވަމުން އެދާ ޖުޕިޓާގެ ހަނދު ޔޫރޮޕާއަށް ސައިންސްވެރިންގެ ސަމާލުކަން ލިބުނުތާ ކިތައްމެ އަހަރެކެވެ.

އެންމެ ފުރަތަމަ 1970ގެ އަހަރުތަކުގަ އެވެ. އެމެރިކާގެ ހަނަފަސް ހިސާބުގަނޑެއް ކަމަށްވާ އަރިޒޯނާގައި ހުރި ޓެލެސްކޯޕަކުން ސައިންސްވެރިންނަށް ފެނުނީ ޔޫރޮޕާގައި ގަނޑުފެން ހުރި ތަނެވެ.

އޭގެ ފަހުން ވޮޔަޖާ 1 އާއި 2 އުޅަނދުން އެ ހަނދުގެ ފުރަތަމަ ފޮޓޯތައް ދުނިޔެއަށް ފޮނުވި އެވެ. ނާސާގެ ގެލީލިއޯ 1995ގައި ޔޫރޮޕާއާ ކައިރިން ދަތުރުކަރަމުން ނެގީ އޭރަށް ލިބުނު އެންމެ ސާފު، ހަނދުގެ މަތީ ފަށަލައިގެ ރެނދުތައް ވެސް ފެންނަ، ފޮޓޯތަކެވެ.

ޖުޕިޓާގެ ހަނދު ޔޫރޮޕާ: ގަނޑު ފެނުގެ ބޯ ފަށަލައިގެ އަޑީގައި ލޮނުފެނުގެ ބިޔަ ކަނޑެއް ހިމެނޭކަމުގެ ހެކިތައް ވަނީ ފެނިފައި

ސައިންސްވެރިން ހައިރާންވި އެވެ. ރަތާއި މުށި ކުލައިގެ އެ ރެނދުތަކުން ހަނދުގެ މަތީ ފަށަލަ އޮތީ ފުރިފަ އެވެ. އެ ރެނދުތަކުގެ އެތެރޭގައި ލޮނާއި ސަލްފާގެ ބައިތައް ހިމެނޭ ކަން ސައިންސްވެރިންނަށް އެނގުނެވެ. މިއީ ދިރުމެއް އުފެދެން މުހިންމު ބައިތަކެއް ވެސް މެ އެވެ.

ޖައްވުގައި އޮތް ހަބުލް ޓެލެސްކޯޕުން ނެގި ބައެއް ފޮޓޯތަކުން ދައްކައިދިނީ ހަނދުގެ މަތީ ފަށަލައަށް ވުރެ 160 ކިލޯމީޓަރު މައްޗަށް ބުރައިގެން ގޮސްފައި ހުރި ކަމަށް ބެލެވޭ ފެނުގެ ރޮނގުތަކެވެ.

މި ހުރިހާ ހެކިތަކެއް އެއްކޮށްލުމުން ސައިންސްވެރިންގެ ހިތުގައި އުފެދުނު ސުވާލަކީ، ޔޫރޮޕާގެ ގަނޑުފެންތަކުގެ އަޑީގައި ދިރުމެއް ވެދާނެ ހެއްޔެވެ؟

ދުނިޔެ ނޫން އެހެން ތަނެއްގައި ދިރުމެއް އުފެދިފައި ވޭތޯ ބެލުމަކީ އިލްމުވެރިންގެ ހާއްސަ ޝައުގެކެވެ.

ޔޫރޮޕާ ކްލިޕާ ތައްޔާރުކުރުމުގެ އެންމެ ފަހު މަސައްކަތުގައި

އެމެރިކާގެ ފްލޮރިޑާގައި ހުރި ނާސާގެ ހާއްސަ މަރުކަޒުން އިއްޔެ އެ އުދުއްސާނީ ޔޫރޮޕާ ކްލިޕާ އެވެ. މިއީ އެ ހަނދުގައި ދިރުމެއްވޭތޯ ކުރެވޭ ސުވާލުގެ ޖަވާބު ހޯދަން ހިންގާ އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއުގެ އެންމެ މުހިންމު ބަ އެވެ.

ޔޫރޮޕާގައި ފޮރުވިފައި ހުރި ސިއްރުތައް ދެނެގަންނަން ޔޫރޮޕާ ކްލިޕާ ކުރާ 1.8 ބިލިއަން ކިލޯމީޓަރުގެ ދިގު ދަތުރަށް ފަހު އެ ހިސާބަށް ދެވޭނީ 2030ގަ އެވެ.

ރޭޑިއޭޝަން މަތީ ސަރަހައްދެއް

ޔޫރޮޕާގެ ގަނޑުފެނުގެ ފަށަލައިގެ ބޯމިނުގައި 25 ކިލޯމީޓަރު ހުންނާނެ ކަމަށް ލަފާކުރެ އެވެ. ލޮނުގެ ބިޔަ ކަނޑު ދެމިގެން ދަނީ އޭގެ އަޑީގަ އެވެ. އެކަމަކު ޔޫރޮޕާގެ ޖައްވީ ސަރަހައްދު އޮތީ ރޭޑިއޭޝަނުން ފުރިފަ އެވެ. އެހެންކަމުން އެ ހިސާބަށް އުޅަނދެއް ފޮނުވާ ނަމަ ރޭޑިއޭޝަންގެ ހޫނުން ސަލާމަތްވުމަކީ ފުރަތަމަ މަސައްކަތެވެ.

ގަނޑުފެންތަކުގެ އެތެރޭގެ ސިއްރުތައް ދެނެގަނެވޭނެ ފަދަ ބާރު ލިބިގެންވާ ލޭޒާގެ އާލާތް ކްލިޕާއަށް ޑިޒައިންކޮށްދެއްވި ކޯނެލް ޔުނިވަސިޓީގެ އާތު އެންޑް އެޓްފޮސްފެރިކް ސައިންސްގެ ޕްރޮފެސަރު ބްރިޓްނީ ޝުމިޒް ވިދާޅުވި ގޮތުގައި ރޭޑިއޭޝަނަކީ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

ހިޔާލީ މި ކުރެހުމުން އެ ދައްކައިދެނީ ބިޔަ ޕްލެނެޓް ޖުޕިޓާ އާއި އޭގެ އެއް ހަނދު ޔޫރޮޕާ އަދި ޔޫރޮޕާގެ ދިރާސާތަކަށް ނަސާއިން އިއްޔެ ފޮނުވާލި އުޅަނދު ޔޫރޮޕާ ކްލިޕާ

މިއީ ޔޫރޮޕާ ނިސްބަތްވާ ބިޔަ ޕްލެނެޓް ޖުޕިޓާއިން ބޭރުކުރާ ރޭޑިއޭޝަންގެ އަސަރެވެ.

ޔޫރޮޕާގެ މަތިން 50 ފަހަރު ކްލިޕާ ހުރަސްކުރާނެ އެވެ. އެއިން ކޮންމެ ފަހަރަކު އެ ވަދެވެނީ، ބްރިޓްނީ ވިދާޅުވި ގޮތުގައި، އާންމު އެކްސްރޭއެއްގެ 1 މިލިއަން އެކްސްރޭގައި ހިމެނޭ ރޭޑިއޭޝަންގެ ތެރެއަށެވެ.

"ރޭޑިއޭޝަނުން ސަލާމަތްކުރަން އުޅަނދުގެ ގިނަ އާލާތް ހުންނާނީ ހާއްސަ ފޮއްޓެއްގެ ތެރޭގައި،" ބްރިޓްނީ ވިދާޅުވި އެވެ.

ޔޫރޮޕާ ކްލިޕާއަކީ ޕްލެނެޓަކާ ދިމާއަށް ފޮނުވަން މިހާތަނަށް އުފެއްދި އެންމެ ބޮޑު އުޅަނދެވެ.

ދުނިޔޭގެ ދިރުންތަކާ އެއްކަހަލަ ދިރުމެއް ނޫން

ޔޫރޮޕާއަކީ ދުނިޔެ ނަގާފައި އަހަރެމެންގެ އިރުގެ ނިޒާމުގައި ހިމެނޭ ދިރުމެއް ވުން އެންމެ އެކަށީގެންވާ މާހައުލެވެ. އެކަމަކު ދިރުމެއް ކަމަށް ސައިންސްވެރިން އެ ބުނަނީ އިންސާނުންނާއި ޖަނަވާރުން ކަހަލަ ދިރުމެއްގެ ވާހަކައެއް ނޫނެވެ. ހަމަ ލޮލަށް ނުފެންނަ ވަރުގެ ކުދިކުދި ދިރުންތަކެވެ.

ރޭޑިއޭޝަންގެ ބާރު ގަދަވުމާ އެކު ޔޫރޮޕާގެ އެންމެ މަތީ ފަށަލާގައި ދިރުމެއް އުފެދުން އެކަށީގެންނެއްނުވެ އެވެ. އެހެންކަމުން ސައިންސްވެރިން އުއްމީދުކުރަނީ ގަނޑުފެންތަކުގެ އަޑީގައި އޮތް ކަނޑުގައި ކޮންމެވެސް ދިރުމެއް ވެދާނެ ކަމަށެވެ.

ޔޫރޮޕާގެ ގަނޑުފެނުގެ މަތީ ފަށަލާގައި ބޮޑެތި ރެނދުތައް ހުރުމުގެ ސަބަބަކީ ވެސް އަޑީގައި އޮތް ކަނޑެވެ. އެ ކަނޑުގައި އުފެދޭ ރާޅުތަކުގެ ސަބަބުން ގަނޑުފެންގަނޑުގައި ރެނދުލަނީ އެވެ.

ކްލިޕާ އުޅަނދުން ވަރަށް ގިނަ އާ މައުލޫމާތު ލިބޭނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެއީ މީގެ ހަ އަހަރު ފަހުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް