ޖަޕާން

ޖަޕާން ސަރުކާރުން ފްލޮޕީ ޑިސްކް ބޭނުން ކުރުން އެންމެ ފަހުން ހުއްޓާލައިފި

އެއް ޒަމާނެއްގައި ޓެކްނޮލޮޖީގެ ވެރިރަށުގެ ގޮތުގައި ބެލި ޖަޕާންގައި އާ ޓެކްނޮލޮޖީތަކަށް މީހުން އަހުލުވެރިވުން ވަރަށް ކުޑަ އަދި އާ ޓެންނޮލޮޖީތައް ބޭނުންކުރަން އާބާދީގެ ގިނަ ބަޔަކު ދެކޮޅު ހަދާ
4 ޖުލައި 2024

އެންމެ ފަހުން ފްލޮޕީ ޑިސްކެއް ދިވެއްސަކު ލޮލުން ދުށީ ކޮން އިރަކު ހެއްޔެވެ؟ ހަމަ ޔަގީނަށް ވެސް ރާއްޖޭގައި ދިރިއުޅޭ ދިވެއްސަކު ފްލޮޕީ ޑިސްކެއް ބޭނުންކޮށްފައި ހުންނާނީ މީގެ އެތައް ޒަމާނެއް ކުރިންނެވެ.

އެކަމަކު ޖަޕާނުގެ ސަރުކާރުގެ ރަސްމީ މުއާމަލާތްތަކުގައި ހާއްސަކޮށް ލިޔެކިޔުންތައް ބަދަލުކުރުމުގައި ފްލޮޕީ ޑިސްކް ބޭނުން ކުރުމަކީ ވަރަށް އާންމު ކަމެކެވެ. އަދި އާންމުން ލިޔެކިޔުންތައް ހުށަހަޅާއިރު ފްލޮޕީ ޑިސްކުގައި ލިޔެކިޔުންތައް ހުށަހަޅަން ގަވާއިދުތަކުން އޮންނަނީ މަޖުބޫރުކޮށްފަ އެވެ. 

އެހެން ނަމަވެސް، އެ ގައުމުގެ ޑިޖިޓަލް ވަޒީރު ޓާރޯ ކޮނޯ މިއަދު އިއުލާން ކުރެއްވި ގޮތުގައި ސަރުކާރުގެ މުއާމަލާތްތަކުގައި ފްލޮޕީ ޑިސްކް ބޭނުން ކުރަން ޖެހޭ ގޮތަށް ހަދާފައިވާ 1،000 އަށް ވުރެ ގިނަ ގަވާއިދު ވަނީ މިހާރު އުވާލައިފަ އެވެ. އެ ގަވައިދުތަކަށް އަމަލުކުރުމުން ނިމުމަކަށް ގެނައީ މި މަހުގެ އެކަކުން ފެށިގެންނެވެ. 

ފްލޮޕީ ޑިސްކް ބޭނުންކުރުން ހުއްޓާލުމުގެ މަސައްކަތް ޖަޕާން ސަރުކާރުން ފެށީ 2021ވަނަ އަހަރު އެވެ. އޭގެ ގާތްގަނޑަކަށް ތިން އަހަރު ފަހުން ކޮނޯ އިއުލާން ކުރެއްވި ގޮތުގައި، "ފްލޮޕީ ޑިސްކްތައް ބޭނުން ކުރުން ހުއްޓާލުމަށް ކުރި ހަނގުރާމައިގައި މި ވަނީ އެ ގައުމަށް ކާމިޔާބު ހޯދިފަ" އެވެ.

ޖަޕާންގެ ޑިޖިޓަލް ވަޒީރު ޓާރޯ ކޮނޯ

މިނިސްޓަރުކަމަށް އައްޔަން ކުރި ފަހުން ކާނޯ ވަނީ ސަރުކާރުގެ އޮފީސްތަކުގައި މުސްކުޅި ޓެކްނޮލޮޖީ ބޭނުންކުރުން ނިމުމަކަށް ގެނައުން އަމާޒަކަށް ހަދާފަ އެވެ. ޖަޕާން ސަރުކާރުގެ އޮފީސްތަކުގައި ފެކްސް މެޝިން ބޭނުން ކުރުން ހުއްޓުވަން ވެސް އޭނާ މީގެ ކުރިން މަސައްކަތް ކުރެއްވި އެވެ. އެހެން ނަމަވެސް، ސަރުކާރުގެ މުވައްޒަފުންނާއި އާންމުންގެ ފަރާތުން ކުރިމަތިވި ދެކޮޅު ހެދުންތަކާ ހުރެ އެ މަސައްކަތަށް މަޑުޖެހުމެއް ވަނީ ގެނެސްފަ އެވެ. 

އެއް ޒަމާނެއްގައި ޓެކްނޮލޮޖީގެ ވެރިރަށުގެ ގޮތުގައި ބެލި ޖަޕާންގައި އާ ޓެކްނޮލޮޖީތަކަށް މީހުން އަހުލުވެރިވުން ވަރަށް ކުޑަ އެވެ. އަދި ކުރީގެ ގޮތްތައް ދޫކޮށް އަލަށް އަންނަ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރަން ޖަޕާންގެ އާބާދީގެ ބޮޑު ބަޔަކު ބޭނުމެއް ނުވެ އެވެ. ހާއްސަކޮށް ސަރުކާރުގެ މުވައްޒަފުންގެ މެދުގައި އެ ދެކޮޅުވެރިކަން ބޮޑެވެ. 

ސަބަބަކީ، ޖަޕާނުގެ އާބާދީގައި ދުވަސްވީ މީހުންގެ ނިސްބަތް ގިނަވުމެވެ. 

ޖަޕާންގެ ސަރުކާރުގެ އިދާރާއެއްގައި ފްލޮޕީ ޑިސްކް ބޭނުން ކުރަނީ: އެ ގައުމުގެ ސަރުކާރުގެ މައުލޫމާތު ރައްކާކުރުމާއި ޑިޖިޓަލްކޮށް ލިޔުންތައް ބަދަލުކުރުމުގައި ފްލޮޕީ ޑިސްކް ދިޔައީ ބޭނުން ކުރަމުން --

ފްލޮޕީ ޑިސްކް ބޭނުން ކުރުން ހުއްޓާލި ހަބަރާ އެކު ޖަޕާންގެ ޒުވާނުން ވަނީ އެކްސްގައި އެކަމަށް ޖޯކު ޖަހައިފަ އެވެ. އެ މީހުން ބުނެފައި ވަނީ މިކަމުން ދޭހަކޮށް ދެނީ ޖަޕާނުގެ ސަރުކާރު އަދިވެސް ވަރަށް މުސްކުޅި ކަމެވެ. އަދި ދެން ފްލޮޕީ ޑިސްކްތައް ނީލަން ފިހާރަތަކުން ގަންނަން ލިބޭނެތޯ ވެސް އެ މީހުން ސުވާލު އުފެއްދި އެވެ. 

އާންމުކޮށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ފްލޮޕީ ޑިސްކެއް މިހާރު ގަންނަން ލިބޭނީ ކުރީ ޒަމާނުގެ ތަކެތި ވިއްކާ ނީލަން ފިހާރަތަކުންނެވެ. 

ކޮނޯ ވިދާޅުވީ ޖަޕާންގެ ސަރުކާރުގެ ހިދުމަތްތައް ފަހުގެ ޒަމާނީ ޓެކްނޮލޮޖީއަށް ބަދަލު ކުރުމަކީ ފަސޭހަ މަސައްކަތެއް ނޫން ކަމަށެވެ. ޖަޕާން ޑިޖިޓަލައިޒް ކުރުމުގެ ކެމްޕޭންގެ ދަށުން ކޮނޯ އިސްވެ ހުންނަވައި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ ވަނީ އެ މަސައްކަތަށް ހާއްސަ ސަރުކާރުގެ އެޖެންސީއެއް ވެސް އުފައްދައިފަ އެވެ.

ފްލޮޕީ ޑިސްކަކީ ކޮބާ؟ 

މައުލޫމާތު ރައްކާކުރުމަށް ހަތަރެސްކަނަށް ހުންނަ ޕްލޮޕީ ޑިސްކުތައް އީޖާދުކޮށް ބޭނުން ކުރަން ފެށީ 1960ގެ ތެރޭގަ އެވެ. އެހެން ނަމަވެސް 1990ގައި މިއަށްވުރެ ވަރުގަދަ ސްޓޯރޭޖް އާލާތްތައް އީޖާދު ކުރުމާ އެކު ފްލޮޕީ ބޭނުން ކުރުމާ މީހުން ދުރަށް ދާން ފެށި އެވެ. 

އެންމެ ގިނައިން މައުލޫމާތު އެޅޭ ފްލޮޕީ ޑިސްކްތަކުގައި ވެސް ބެހެއްޓޭނީ އެންމެ 1.44 އެމްބީގެ މައުލޫމާތެވެ. އެހެންކަމުން، 32 ޖީބީގެ މައުލޫމާތު ރައްކާ ކުރެވޭނީ 22،000 އަށް ވުރެ ގިނަ ފްލޮޕީގަ އެވެ. 

ފްލޮޕީ އެންމެ ފަހުން އުފެއްދި ސޮނީން އެއްކޮށް ފްލޮޕީ ހެދުން ހުއްޓާލީ 2011 ވަނަ އަހަރު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް