މައިކްރޮސޮފްޓް އާއި އޯޕެންއޭއައިއާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ ދަ ސެންޓާ ފޮ އިންވެސްޓިގޭޓިވް ރިޕޯޓިންގް އިން.

ހަބަރުފަތުރާ މީޑިއާއަކުން އޯޕެންއޭއައި އާއި މައިކްރޮސޮފްޓްއާ ދެކޮޅަށް ދައުވާކޮށްފި

ހަބަރުފަތުރާ ގިނަ މީޑިއާތަކަކުން ވަނީ ކޮޕީރައިޓް މައްސަލަތަކުގައި އޯޕެންއޭއައިއާ ދެކޮޅަށް ދައުވާ އުފުލާފައި

ކޮޕީރައިޓް ގާނޫނާ ހިލާފުވެފައިވާކަމަށް ތުހުމަތުކޮށް އޯޕެންއޭއައި ކުންފުންޏާއި އެ ކުންފުންޏަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން އަންނަ މައިކްރޮސޮފްޓް ކުންފުނި ގޮވައިގެން އަނެއްކާވެސް ހަބަރުފަތުރާ އިދާރާއަކުން ކޯޓަށް ހިނގައްޖެ އެވެ.

ހުއްދަ ނެތި ކޮންޓެންޓު ބޭނުންކުރާ ކަމަށް ތުހުމަތުކޮށް މި ދެ ކުންފުންޏާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ މަދާ ޖޯންސް އާއި ރިވީލް މަޖައްލާތައް ޝާއިއު ކުރަމުން އަންނަ ދަ ސެންޓާ ފޮ އިންވެސްޓިގޭޓިވް ރިޕޯޓިން (ސީއައިއާރް) އިންނެވެ.

"އޯޕެންއޭއައި އާއި މައިކްރޮސޮފްޓް އިން ވަނީ އަހަރެމެންގެ ކޮންޓެންޓުތައް އެމީހުންގެ އުފެއްދުންތައް ވަރުގަދަކުރުމަށް ބޭނުންކޮށްފައި. އެކަމަކު އަހަރެމެންގެ ކޮންޓެންޓް ލައިސެންސް ކުރާ އެހެން ތަންތަނާ ހިލާފަށް އެމީހުން އަހަރެމެންގެ ހުއްދައަކަށް އެދިފައެއް ނުވޭ އަދި ބަދަލެއް ދޭން ހުށައަޅާފައެއް ވެސް ނުވޭ،" ސީއައިއާރް އިން އިއްޔެ ނެރުނު ބަޔާނެއްގައި ވެ އެވެ.

"މިގޮތަށް ހިލޭ އެއްޗެހި ދަމައިގަތުމަކީ ބޭއިންސާފު އަމަލެއް އެކަންޏެއް ނޫން، އެއީ ކޮޕީރައިޓްއާ ހިލާފުވުން ވެސް މެ. ސީއައިއާރްގައި ވިޔަސް އަދި އެހެން ކޮންމެ ތަނެއްގައި ވިޔަސް ނޫސްވެރިންގެ މަސައްކަތްތަކަކީ އަގުހުރި އެއްޗެއް. އަދި އޯޕެންއޭއައި އަށާއި މައިކްރޮސޮފްޓް އަށް މިކަން އެނގޭނެ."

ނިއު ޔޯކްގެ ފެޑެރަލް ކޯޓަކަށް ހުށައެޅި މި މައްސަލައިގައި ސީއައިއާރް އިން އެދިފައި ވަނީ ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި އޯޕެއެންއޭއައި އާއި މައިކްރޮސޮފްޓްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނިޒާމުތަކުން ސީއައިއާރްގެ ކޮޕީރައިޓް މެޓީރިއަލްތައް ފޮހެލުމުގެ އަމުރަކަށެވެ.

އޯޕެންއޭއައިގެ ޗެޓްޖީޕީޓީ ޗެޓްބޮޓް މަސައްކަތް ކުރާ ގޮތަކީ އިންޓަނެޓުން ލިބެން ހުރި ގިނަ މައުލޫމާތުތަކެއް ނަގައިގަނެ، ބޭނުން ކުރާ ފަރާތްތަކުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށް އެ މައުލޫމާތުތަކެއް ބޭނުން ކުރުމެވެ.

ސީއައިއާރްގެ އިތުރުން ދަ ނިއު ޔޯކް ޓައިމްސް، ދި އިންޓަސެޕްޓް، ނިއު ޔޯކް ޑެއިލީ ނިއުސް، ދަ ޝިކާގޯ ޓްރިބިއުން އަދި ދަ ޑެންވާ ޕޯސްޓް އިން ވެސް ވަނީ އޯޕެންއޭއައި އާއި މައިކްރޮސޮފްޓާ ދެކޮޅަށް މިފަދަ މައްސަލަތައް ކޯޓަށް ވައްދާފަ އެވެ.

މީގެ އިތުރުން، މަޝްހޫރު ފޮތް ލިޔުންތެރިން ކަމުގައިވާ ޖޮނަތަން ފްރެންޒެން، ޖޯން ގްރިޝަމް އަދި ޖޯޖް އާރްއާރް މާޓިން ވެސް ވަނީ އެ މީހުންގެ ފޮތްތައް ހުއްދަ ނެތި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ކޮޕީރައިޓް ދައުވާތަކެއް އޯޕެންއޭއައިއާ ދެކޮޅަށް ކޯޓަށް ވައްދާފަ އެވެ.

ނިއު ޔޯކް ޓައިމްސް އިން އޯޕެންއޭއައި އާއި މައިކްރޮސޮފްޓްގެ މައްޗަށް ދައުވާ ކުރުމާ ގުޅޭ (ވީޑިއޯ/ސީއެންބީސީ ޓެލެވިޝަން)

ޗެޓްޖީޕީޓީ މަގްބޫލުވެގެން ދިޔުމާ ގުޅިގެން، ހަބަރުފަތުރާ މީޑިއާތަކުން އެ ހިދުމަތާ ދެކޮޅަށް ކަންބޮޑުވުންތައް ފާޅުކޮށްފައިވީ ނަމަވެސް ދަ ފައިނޭންޝަލް ޓައިމްސް، ނިއުސް ކޯ، ޕޮލިޓިކޯ އަދި ލެ މޮންޑޭ ފަދަ މީޑިއާތަކުން ވަނީ އޯޕެންއޭއައިއާ އެކު ކޮންޓެންޓް ހިއްސާ ކުރުމަށް އެއްބަސްވުންތަކެއް ހަދާފަ އެވެ. އަދި އިއްޔެ ޓައިމް މީޑިއާ އިން ވެސް ވަނީ އޯޕެންއޭއައިއާ އެކު މިފަދަ އެއްބަސްވުމަކަށް ގޮސްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް