ޗެންނާއީގައި ހުންނަ ފޮކްސްކޮން ފެކްޓަރީ ބޭރުގައި ވަޒީފާ ހޯދާ ބަޔަކު ވަޒީފާ ދޭ އޭޖެންޓަކާ ވާހަކަ ދައްކަނީ.

ފޮކްސްކޮން

އައިފޯން ފެކްޓަރީގައި ވަޒީފާ ދޭ މިންގަނޑުތައް އިންޑިއާ ސަރުކާރުން ބަލަނީ

ކައިވެނި ކޮށްގެން އުޅޭ އަންހެނުންނަށް ފޮކްސްކޮން އިން ވަޒީފާ ނުދޭ ކަމަށް ރޮއިޓާސް އިން ވަނީ ތުހުމަތުކޮށްފައި

އެޕަލްގެ ސަޕްލަޔަރު ފޮކްސްކޮން އިން އައިފޯން ތައްޔާރު ކުރާ ކާރުހާނާގެ ބައެއް ކަހަލަ ވަޒީފާތައް ކައިވެނި ކޮށްގެން އުޅޭ އަންހެނުންނަށް ނުދޭކަމުގެ ތުހުމަތުތަކާ ގުޅިގެން ތަމިލް ނާޑޫ ސަރުކާރުން މިކަމާ ބެހޭ ތަފްސީލީ ރިޕޯޓެއް ހުށައެޅުމަށް އިންޑިއާގެ މައި ސަރުކާރުން އަންގައިފި އެވެ.

ކައިވެނި ކޮށްގެން އުޅޭ އަންހެނުންގެ އާއިލީ ޒިންމާތައް ކައިވެނި ނުކުރާ އަންހެނުންނަށް ވުރެ ބޮޑު ކަމަށް ބުނެ އެފަދަ ފަރާތްތަކަށް ޗެންނާއީ ކައިރީގައި ހުންނަ އައިފޯން ކާރުހާނާއިން ވަޒީފާ ނުދޭކަމަށް ތުހުމަތުކޮށް ރޮއިޓާސް އިން ވަނީ ރިޕޯޓެއް ޝާއިއުކޮށްފަ އެވެ.

އިންޑިއާގެ ވަޒީފާއާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ގާނޫނުގައިވާ ގޮތުން "ވަޒީފާ ދިނުމުގައި ފިރިހެނުންނާއި އަންހެނުންނާ ތަފާތެއް ނުކުރެވޭނެ" އެވެ.

ރޮއިޓާސްގެ ރިޕޯޓާ ގުޅިގެން ތަމިލް ނާޑޫ ސްޓޭޓްގެ ސަރުކާރުން އަދި އެޕަލް އިން ވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ފޮކްސްކޮން އިން ތަމިލް ނާޑޫ ސްޓޭޓުގައި ފުރަތަމަ ކާރުހާނާއެއް ގާއިމް ކުރީ 2017ގަ އެވެ. އެ ފަހުން އެ ކުންފުނިން އަންނަނީ އިންޑިއާގެ އޮޕަރޭޝަންތައް ހަލުވިކަމާ އެކު ފުޅާކުރަމުންނެވެ. މިދިޔަ އަހަރު އެ ކުންފުނިން އައިފޯން 15ގެ މޮޑެލްތައް ތަމިލް ނާޑޫގައި ތައްޔާރު ކުރަން ފައްޓައި ގޫގުލްގެ ޕިކްސެލް ސްމާޓްފޯނު ވެސް އެ ސްޓޭޓުގައި ތައްޔާރު ކުރުމަށް ފޮކްސްކޮން އިން ވަނީ ގޫގުލްއާ އެކު އެއްބަސްވުމެއް ހަދާފަ އެވެ.

ފޮކްސްކޮންގެ ކާރުހާނާތަކުން ވަޒީފާ ހޯދުމަށް އެތައް ހާސް އާންމުންނެއް މަސައްކަތް ކުރަމުން އަންނަ އިރު ވަޒީފާ ދިނުމުގައި ތަފާތު ކުރާ ކަމުގެ ތުހުމަތުތަކަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ފޮކްސްކޮން އިން ވަޒީފާ ދިނުމުގައި ތަފާތު ކުރާކަން ހޯދާފައި ވަނީ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ވަޒީފާ ދޭ އޭޖެންސީތަކާ ވާހަކަ ދެއްކުމަށް ފަހު ކަމަށް ރޮއިޓާސް އިން ބުނެފައި ވެ އެވެ.

ކައިވެނި ކޮށްގެން އުޅޭ އަންހެނުންނަށް ކާރުހާނާއިން ވަޒީފާ ނުދެނީ "އާއިލީ މަސްއޫލިއްޔަތުތަކާއި މާބަނޑުވުމާއި އަދި ވަޒީފާއަށް ގިނައިން ސަލާން ބުނުން" ފަދަ ސަބަބުތަކާ ހެދި ކަމަށް ވަޒީފާ ދޭ އެޖެންސީތަކާއި ފޮކްސްކޮންގެ ވަޒީފާއާ ބެހޭ ޑިޕާޓްމަންޓުން ބުނެފައިވާ ކަމަށް ރޮއިޓާސްގެ ރިޕޯޓުގައި ތުހުމަތުކޮށްފައި ވެ އެވެ.

ފޮކްސްކޮން އިން ވަޒީފާ ދިނުމުގައި އަންހެނުންނާ މެދު ތަފާތު ކުރުމާ ގުޅޭ (ވީޑިއޯ/އެންޑީޓީވީ)

މުވައްޒަފުންނާ ގުޅޭ މައްސަލަތައް ފޮކްސްކޮންގެ އެކި ކާރުހާނާތަކުގައި ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.

ޗައިނާގައި ހުންނަ ފޮކްސްކޮންގެ ކާރުހާނާއެއްގައި ވަގުތީ މަސައްކަތު މީހުން ލައްވާ ގިނަ ވަގުތު މަސައްކަތް ކުރުވައި އެ މީހުންނަށް އެކަށީގެންވާ އުޖޫރައެއް ނުދޭ ކަމަށް، 2018 ވަނަ އަހަރު، އެމެެރިކާގެ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕަކުން ތުހުމަތު ކުރި އެވެ. 

އަދި ޗައިނާގައި ހުންނަ އައިފޯން ފެކްޓަރީއެއްގެ މުވައްޒަފުންނަށް މުސާރަ ނުދީގެން 2022ގައި ބޮޑެތި މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައި ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް