މި ޑީލާ އެކު އިލެކްޓްރިކް ވެހިކަލް ޓެކްނޮލޮޖީ ހިއްސާ ކުރުމަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ގާއިމް ކުރާނެ.
ވޮކްސްވާގަން އިން ރިވިއަންގައި 5 ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީ
އިލެކްޓްރިކް އުޅަނދާ ބެހޭ ސިނާއަތުގައި ޓެސްލާއާ ވާދަކުރަމުން އަންނަ އެމެރިކާގެ ރިވިއަން ކުންފުނީގައި 5 ބިލިއަން ޑޮލަރާ ހަމައަށް އިންވެސްޓް ކުރުމަށް ޖަރުމަނުވިލާތުގެ ކާރު އުފައްދާ ވޮކްސްވާގަން އިން ނިންމައިފި އެވެ.
މި އެއްބަސްވުމާ އެކު ދެ ކުންފުނީގެ ދެމެދުގައި ޓެކްނޮލޮޖީ ހިއްސާ ކުރުމަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދާނެ އެވެ.
މި ޑީލު އިއުލާނު ކޮށްފައި މިވަނީ އިލެކްޓްރިކް އުޅަނދު އުފައްދާ ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ އަދި ހުޅަނގުގެ ގައުމުތަކުން ޗައިނާގެ އިލެކްޓްރިކް އުޅަނދާ ބެހޭ އިމްޕޯޓުތަކަށް ޑިއުޓީތައް ބޮޑުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ރިވިއަންއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެ ކުންފުނީގައި ފުރަތަމަ 1 ބިލިއަން ޑޮލަރު އަދި 2026 ގެ ކުރިން އިތުރު 4 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ވޮކްސްވާގަން އިން ވަނީ ބުނެފަ އެވެ.
މީގެ 15 އަހަރު ކުރިން 2009ގައި އުފެދުނު ރިވިއަން ކުންފުންޏަށް މިހާތަނަށް އަދި އެއްވެސް ކުއާޓަރެއްގައި ފައިދާއެއް ވެފައެއް ނުވެ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ކުންފުންޏަށް ވެފައި ވަނީ 1.5 ބިލިއަން ޑޮލަރުގެ ގެއްލުމެކެވެ.
ކާރު އުފައްދާ ސިނާއަތުގައި ޒަމާންތަކެއް ވަންދެން ވަރުގަދަ ލަގަބެއް ހިފަހައްޓަމުން އަންނަ ވޮކްސްވާގަން ފަދަ ކުންފުނިތަކަށް ޓެސްލާ އާއި ޗައިނާގެ ބީވައިޑީ ފަދަ އިލެކްޓްރިކް އުޅަނދު އުފައްދާ ކުންފުނިތަކުން ގެންދަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތި ކުރުވަމުންނެވެ.
އިލެކްޓްރިކް މާކެޓުގައި ފައި ވިއްދާލުމަށް ވޮކްސްވާގަން އިން ވެސް މަސައްކަތް ކުރަމުން އަންނަ އިރު ރިވިއަންއާ އެކު ހެދި ޑީލުގެ ދަށުން، އެ ކުންފުނިން މިހާރު އުފައްދާފައިވާ ސޮފްޓްވެއާތައް ބޭނުން ކުރުމުގެ ފުރުސަތު ވޮކްސްވާގަން އަށް ލިބިގެން ދެ އެވެ.
އެމެރިކާ ސަރުކާރުން މިފަހުން ވަނީ ޗައިނާއިން އިމްޕޯޓު ކުރާ އިލެކްޓްރިކް ވެހިކަލްތަކުގެ ޑިއުޓީ %25 އިން %100 އަށް ބޮޑުކޮށްފަ އެވެ. އަދި ޔޫރަޕިއަން ޔޫނިއަން އިން ވެސް ވަނީ ޗައިނާގެ މިފަދަ އިމްޕޯޓުތަކުގެ ޑިއުޓީ މިފަހުން %38އާ ހަމައަށް ބޮޑުކޮށްފަ އެވެ.