ޗަންގްއީ 6 ހަނދުން ނައްޓާލާފައި ވަނީ ޖޫން މަހުގެ ކުރީ ކޮޅު.

ޖައްވީ ދިރާސާ

ހަނދުން ސާމްޕަލް ހިފައިގެން ޗައިނާގެ އުޅަނދު އެނބުރި އަތުވެއްޖެ

ޖައްވީ ދިރާސާތަކުގައި ޗައިނާއިން އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުން

ދިރާސާ ނުކުރެވޭ ހަނދުގެ ދުރު ހިސާބުން ސާމްޕަލް ހިފައިގެން ޗައިނާގެ ޖައްވީ އުޅަނދު މިއަދު އެނބުރި ދުނިޔެއަށް ޖައްސައިފި އެވެ.

ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ދިގު މިޝަންއަކަށް ފަހު، ޗައިނާގެ ޗަންގްއީ 6ގެ ނަންދީފައިވާ ޖައްވީ އުޅަނދު ޖެއްސީ މޮންގޯލިއާގެ ސަހަރާއަށެވެ.

މި އުޅަނދުން ގެނައި ސާމްޕަލްތައް ދިރާސާކޮށް ޕްލެނެޓްތައް އުފެދިފައިވާ ގޮތާ ބެހޭ ގޮތުން އުފެދިފައިވާ ބައެއް މުހިންމު ސުވާލުތަކަށް ޖަވާބު ހޯދޭނެ ކަމަށް ސައިންސްވެރިން އުއްމީދު ކުރެ އެވެ.

ހަނދުގެ ދުރު ފަރާތަށް މިހާތަނަށް ޖައްވީ އުޅަނދެއް ޖެއްސި ހަމައެކަނި ގައުމަކީ ޗައިނާ އެވެ. ޗައިނާ އިން މި ލަނޑުދަނޑި ފުރަތަމަ ހާސިލް ކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ.

ދުނިޔެއާ ދުރަށް އޮންނަ ހަނދުގެ އަނެއް ފަޅިއަށް ޖައްވީ އުޅަނދެއް ފޮނުވުމަށް ކަޑައްތު ކުރަން ޖެހޭ ރާސްތާ ދިގުވުމާއި އެ ސަރަހައްދުގައި ބޮޑެތި ކްރޭޓަރުތަކެއް ހުރުމުން މިފަދަ މިޝަންއެއް ހިންގުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ.

ސައިންސްވެރިން ހަނދުގެ މި ސަރަހައްދު ދިރާސާ ކުރުމަށް ޝައުގުވެރިވާ އަނެއް ސަަބަބަކީ އެތަނުގައި އައިސްގެ އަސަރެއް ހުރެދާނެ ކަމަށް ބެލެވޭތީ އެވެ.

ޖައްވީ ގިނަ މިޝަންތަކެއް ހަނދަށް ފޮނުވަމުން އަންނަ ޗަންގްއީ 6ގެ މިޝަން އަކީ ޗައިނާއަށް ލިބުނު ފަހުރުވެރި ބޮޑު ކާމިޔާބީއެކެވެ. ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ވަނީ ޗަންގްއީ 6 މިޝަންގެ ކޮމާންޑް ސެންޓަރުގައި ތިއްބެވި ވެރިންނަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ.

ޖައްވު އިތުރަށް ދިރާސާކޮށް، "ކާއިނާތުގެ ސިއްރުތައް ދެނެގަތުމަށް އާ އުސްމިންތަކަކަށް ވާސިލުވެވި... އިންސާނިއްޔަތަށް ފައިދާވާނެ އަދި ގައުމު އިތުރަށް ކުރި އަރައިގެން ދާނެ" ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝީ ވަނީ ވިދާޅުވެފަ އެވެ.

ޗައިންގްއީ މިޝަން ލޯންޗު ކޮށްފައި ވަނީ މޭމަހުގެ ކުރީކޮޅު އެވެ. އަދި އޭގެ ހަފްތާތަކެއް ފަހުން ވަނީ ހަނދުގެ ސައުތު ޕޯލު ކައިރީ އޮންނަ ކްރޭޓަރެއް ކައިރިއަށް ޖައްސައިފަ އެވެ. އެކު ޖުމްލަ މި މިޝަންއަށް ހޭދަވެފައި ވަނީ 53 ދުވަހެވެ. 

ޗައިނާ ސަރުކާރުގެ ސީސީޓީވީ އިން ރިޕޯޓު ކުރި ގޮތުގައި، ޗަންގްއީ 6 އިން ގެނައި ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައި ވަނީ އެ އުޅަނދު ބެއިޖިންގް އަށް ގެންދިޔުމަށް ފަހު އެވެ.

މިއީ ޗައިނާއިން ހަނދުގެ ދުރު ފަރާތަށް ފޮނުވި ދެވަނަ އަދި ހަނދަށް ޖުމްލަކޮށް ފޮނުވި ހަވަނަ މިޝަން އެވެ. 

ހަނދުން ސާމްޕަލްތައް ހިފައިގެން ޗައިނާގެ އުޅަނދު އެނބުރި އައުމާ ގުޅޭ (ވީޑިއޯ/ޔޫރޯނިއުސް)

ޖައްވީ ދިރާސާތައް ކުރުމުގައި އެމެރިކާ އާއި ރަޝިޔާއާ އަރާ ހަމަކުރުމަށް ޗައިނާ ސަރުކާރުން ވަނީ ފާއިތުވެދިޔަ 10 ވަރަކަށް އަހަރު މި ދާއިރާއަށް ގިނަ ވަސީލަތްތަކެއް ފޯރުކޮށްދީފަ އެވެ. 

އަދި 2030 ގެ ކުރިން ހަނދަށް އިންސާނުން ފޮނުވާ އަދި އެ ފަހުން ހަނދުގައި ބޭސްއެއް ހެދުމަށް ޗައިނާއިން ވަނީ އަމާޒު ހިފާފަ އެވެ.

އެމެރިކާއިން ވެސް އަންނަނީ 2026 ވަނަ އަހަރު ހަނދަށް އެސްޓްރޮނޯޓުން ފޮނުވަން ތައްޔާރުވަމުން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް