ޗައިނާ އާއި ފްރާންސް އިން ލޯންޗުކުރި ސެޓެލައިޓު މަރުކަޒު ކައިރީ ދައްކާލުމަށް ބަހައްޓާފައިވާ ރޮކެޓް މޮޑެލްތަކެއް.
ކާއިނާތު ދިރާސާ ކުރުމަށް ޗައިނާ އާއި ފްރާންސުން ސެޓެލައިޓެއް ލޯންޗުކޮށްފި
ކާއިނާތުގައި ހިނގާ އެންމެ ވަރުގަދަ ގޮވުންތައް ދެނެގަތުމުގެ އަޒުމުގައި ފްރާންސާއި ޗައިނާއިން ތަރައްގީކޮށްފައިވާ ސެޓެލައިޓެއް ލޯންޗުކޮށްފި އެވެ.
ޗައިނާ ސަރުކާރުގެ ސީސީޓީވީ އިން ރިޕޯޓްކުރި ގޮތުގައި މި ސެޓެލައިޓު ލޯންޗުކޮށްފައި ވަނީ ޗައިނީސް ލޯންގް މާޗް 2ސީ ރޮކެޓެއްގައި ޗައިނާގެ ޝީޗޭންގް ބޭހުން ހޮނިހިރު ދުވަހުގެ މެންދުރު ފަހު 3 ޖަހާކަން ހާއިރެވެ. އަދި މި ސެޓެލައިޓުގައި ފްރާންސްގެ ދެ އިންސްޓްރޫމަންޓަކާއި ޗައިނާގެ ވެސް ދެ އިންސްޓްރޫމަންޓެއް ހިމެނޭކަމަށް ސީސީޓީވީއިން ބުނެފައިވެ އެވެ.
މި ދެ ގައުމުގެ އިންޖިނިއަރުން ވެގެން ތަރައްގީ ކުރި މި ސެޓެލައިޓުން، ދުނިޔެއާ ހަމައަށް ވާސިލް ވުމަށް އެތައް ބިލިއަން ލައިޓް އިއާސް އެއް ހޭދަކުރި ގަމަ ރޭ ބާސްޓްތައް ދެނެގަތުމަށް މަސައްކަތް ކުރާނެ އެވެ.
ގަމާ ރޭ ބާސްޓް ތަކަކީ އަހަރުމެންގެ ސޯލާ ސިސްޓަމްގައިވާ އިރަށް ވުރެ 20 ގުނަ ބޮޑެތި ތަރިތައް ގޮވުމުން ނުކުންނަ އައްޔެވެ. މިފަދަ ގޮވުމަކުން ނުކުންނަ އަލި އެއް ބިލިއަން އިރުން ނުކުންނަ ހަކަތައިގެ މިންވަރާ އެއްވަރު ވާނެ ކަމަށް ސައިންސްވެރިން ދެކެ އެވެ.
މިފަދަ ގަމަ ރޭ ބާސްޓްތައް ދިރާސާ ކުރުމަކީ "ތާރީހް ބެލުން، އެއީ މިފަދަ އެއްޗަކުން ނުކުންނަ އަލި އަހަރުމެންނާ ހަމައަށް ވާސިލް ވާން ދިގު މުއްދަތެއް ނަގާ،" ނިއު ޔޯކްގައި ހުންނަ ފްލެޓިރޮން އިންސްޓިޓިއުޓްސް ސެންޓަ ފޮ ކޮމްޕިއުޓޭޝަނަލް އެސްޓްރޮފިސިކްސް ގެ އެސްޓްރޯފިޒިސިސްޓް އޯރޭ ގޮތުލީބް އޭއެފްޕީ އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޗައިނާ އާއި ފްރާންސް އިން ލޯންޗުކުރި މި ސެޓެލައިޓަށް ކާއިނާތުގެ ގިނަ ސިއްރުތަކެއް ދެނެގަތުމުގެ ގާބިލްކަން ލިބިފައިވެ އެވެ.
މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ޒަމާންވީ ގަމަ ރޭ ބާސްޓުތައް ހިނގާފައިވާ ކަމަށް ތާރީހް ކުރެވިފައި ވަނީ ކާއިނާތުގެ ޅަފަތުގެ ދައުރު ބިގް ބޭންގް ހިނގިތާ 630 މިލިއަން އަހަރު ފަހުން ނެވެ.
'ސްޕޭސް ވޭރިއަބްލް އޮބްޖެކްޓްސް މޮނިޓާ' ނުވަތަ އެސްވީއޯއެމްގެ ނަން ދީފައިވާ މި ސެޓެލައިޓް އޮޕަރޭޓު ކުރާނީ ދުނިޔެއާ 625 ކިލޯމީޓަރު މަތިން ނެވެ. އަދި ގަމަ ރޭ ބާސްޓް އެއް ފާހަގަ ކުރެވިއްޖެ ނަމަ މި ސެޓެލައިޓުން ދުނިޔޭގައި ތިބި ޓީމަށް ވަގުތުން އެލާޓެއް ފޮނުވާނެ އެވެ. ނަމަވެސް މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގަމަ ރޭ ބާސްޓްތަކަކީ ވަރަށް ކުރު ވަގުތު ކޮޅަކަށް އަސަރު ފެނިގެންދާ ކަމެކެވެ.
ޖައްވީ ދިރާސާތަކުގައި ޗައިނާ އާއި ހުޅަނގުގެ ގައުމަކުން އެކުގައި މަސައްކަތް ކުރުމަކީ މިހާރު މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. ވަކިން ހާއްސަކޮށް އެެމެރިކާގެ ނާސާއިން ބެއިޖިންގްއާ އެކު މަސައްކަތް ކުރުން ވޮޝިންޓަނުން 2011 ވަނަ އަހަރު މަނާ ކުރި ފަހުން ނެވެ.
ޗައިނާއިން ޖައްވީ ދާއިރާގައި ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު ޔޫރަޕާއި އޭޝިއާގެ ގިނަ ގައުމުތަކަކުން އަންނަނީ ޗައިނާއާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރަމުން ނެވެ.
ސެޓެލައިޓުތައް ލޯންޗު ކުރުމަށް ޗައިނާއިން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ގައުމުތަކުގެ ތެރޭގައި ބްރެޒިލް، މިސްރު އަދި ތައިލެންޑް ހިމެނެ އެވެ.