ކެސްޕާސްކީ ލެބްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޔޫޖީން ކެސްޕާސްކީ.

ރަޝިޔާ ގުޅުންތަކާ ހެދި އެމެރިކާއިން ކެސްޕާސްކީ ސޮފްޓްވެއާ މަނާކޮށްފި

ކެސްޕާސްކީ މަނާކުރީ އެމެރިކާ ރައްޔިތުންގެ ޒާތީ މައުލޫމާތު އެއްކޮށް ހަތިޔާރެއްގެ ގޮތަށް ބޭނުންކޮށްފާނެ ކަމުގެ ބިރަށް

ރަޝިއާގެ ކެސްޕާސްކީ ކުންފުންޏާއި ރަޝިޔާ ސަރުކާރާ ގުޅުންތަކެއް ހުރިކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ ކުންފުނީގެ އެންޓި ވައިރަސް ސޮފްޓްވެއާ މަނާކުރަން ނިންމާފައިވާ ކަމަށް އެމެރިކާއިން އިއުލާނުކޮށްފި އެވެ.

މޮސްކޯއިން މި ކުންފުނީގެ މައްޗަށް ހިންގާ ނުފޫޒާ ގުޅިގެން އެމެރިކާގެ އުމްރާނީ ތަރައްގީއަށާއި ހިދުމަތްތަކަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް ހޯދިފައިވާ ކަމަށް އެމެރިކާގެ ކޮމާސް ސެކްރެޓަރީ ޖީނާ ރައިމަންޑޯ އިއްޔެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފިޔަވަޅު އަޅަން މަޖުބޫރުވީ އެމެރިކާ ރައްޔިތުންގެ ޒާތީ މައުލޫމާތުތައް އެއްކޮށް އެ މައުލޫމާތުތައް ހަތިޔާރެއްގެ ގޮތަށް ބޭނުން ކުރުމުގެ ގާބިލުކަން ރަޝިޔާއަށް އޮތުމުން ކަމަށެވެ.

"މިއަށް ފަހު ކެސްޕާސްކީ އިން، އެހެން ކަންކަން ވެސް ހިމެނޭ ގޮތަށް، އެމެރިކާގައި ސޮފްޓްވެއާއެއް ނުވިއްކޭނެ. އަދި ވިއްކާފައިވާ ސޮފްޓްވެއާތަކަށް އަޕްޑޭޓެއް ވެސް ނުދެވޭނެ،" ކޮމާސް ޑިޕާޓްމަންޓް އިން ބުންޏެވެ.

އެމެރިކާގެ މިފިޔަވަޅާ ދެކޮޅަށް ގާނޫނީ ގޮތުން ލިބޭ ހުރިހާ ހައްގެއް ބޭނުން ކުރާނެ ކަމަށާއި، އެމެރިކާގެ ސަލާމަތަށް ނުރައްކާވާ ކަހަލަ ކަމެއް ނުކުރާކަމަށް ވެސް ކެސްޕާސްކީ އިން ބުންޏެވެ.

އެމެރިކާގެ ރެގިއުލޭޓަރުން ކެސްޕާސްކީއަށް ނުރައްކަލުގެ ލެންސަކުން ބަލަމުން އަންނަތާ އަހަރުތަކެއް ވަނީ ވެފަ އެވެ. އެގޮތުން ރަޝިޔާގެ ޖާސޫސީ އިދާރާތަކާ ގުޅުން އޮތް ކަމުގެ ތުހުމަތުތަކާ އެކު ވޮޝިންޓަންގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓްގައި ކެސްޕާސްކީ އެންޓިވައިރަސް ބޭނުން ކުރުން 2017ގައި ވަނީ މަނާކޮށްފަ އެވެ.

ކެސްޕާސްކީގެ މައި އޮފީސް ހުންނަނީ މޮސްކޯގައި ކަމަށް ވީ ނަމަވެސް ތަފާތު 31 ގައުމުގައި އެ ކުންފުނީގެ އޮފީސްތައް ހުރެ އެވެ. އެ ކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު 400 މިލިއަނަށް އަރަ އެވެ. އަދި 200 ގައުމެއްގެ 270،000 އެއްހާ ވިޔަފާރި ކަސްޓަމަރުން ވެސް އެ ކުންފުނީގެ އުފެއްދުންތައް ބޭނުން ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް