އެންވިޑިއާގެ ކޯ ފައުންޑާ އަދި ސީއީއޯ ޖެންސެން ހުއާންގް މި އަހަރުގެ މާޗު މަހު ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ
އެންވިޑިއާ ދުނިޔޭގެ އެންމެ އަގު ބޮޑު ކުންފުންޏަކަށް
ހިއްސާއެއްގެ އަގު ދުވަހަކު ނާރާހާ މައްޗަށް އަރާ، 3.3 ޓްރިލިއަން ޑޮލަރާ އެކު، ދުނިޔޭގެ އެންމެ އަގު ބޮޑު ކުންފުންޏަށް އެންވިޑިއާ ވެއްޖެ އެވެ.
ހިއްސާގެ ބާޒާރު އިއްޔެ ބަންދުކުރި އިރު އެންވިޑިއާގެ ހިއްސާގެ އަގު ވަނީ %3.5 މައްޗަށް ޖެހިލާ ހިއްސާއެއް 136 ޑޮލަރަށް އަރައިފަ އެވެ. މިއާ އެކު މައިކްރޮސޮފްޓް ކުންފުނި ފަހަތަށް ޖައްސާލާ އެންވިޑިއާއިން ވަނީ ދުނިޔޭގެ އެންމެ އަގު ބޮޑު ކުންފުންޏަށް ވެފަ އެވެ.
މި މަހު ކުރީ ކޮޅު އެންވިޑިއާއިން ވަނީ އޭރު ދެވަނައިގައި އޮތް އެޕަލް ވެސް ފަހަތަށް ޖައްސާލައިފަ އެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސޮފްޓްވެއާތައް މަސައްކަތް ކުރަން ބޭނުންވާ ޗިޕުތައް އުފައްދަމުން އަންނަ އެންވިޑިއާ ކުންފުނީގެ ވިޔަފާރި އާއި ހިއްސާގެ އަގު މިހާ މައްޗަށް އަރައިގެން އުޅެނީ 2022ގެ ފަހުކޮޅު ޗެޓްޖީޕީޓީ ލޯންޗުކުރުމާ އެކު އޭގެ ބޭނުންތެރިކަމާއި މަގްބޫލުކަމުގެ ހުޅު ފަޅައިގެން ދިޔުމުންނެވެ.
އެންވިޑިއާގެ އާމްދަނީ އާއި ހިއްސާގެ އަގު އަދި ވެސް މައްޗަށް ދާނެ ކަމަށް ގިނަ އިންވެސްޓަރުން ދެކެ އެވެ. ނަމަވެސް ބައެއް އިންވެސްޓަރުންގެ ސުވާލަކަށް ވެފައި އޮތީ އެ ކުންފުނީގެ ހިއްސާގެ އަގު މިހާ މަތިވުމުންނެވެ.
ހިއްސާގެ ބާޒާރުގައި އެންވިޑިއާގެ ހިއްސާގެ އަގު އިއްޔެ އުފުލުމާ އެކު އެ ކުންފުނީގެ މިހާރުގެ އަގަކީ 3.34 ޓްރިލިއަން ޑޮލަރެވެ. މިއީ މި އަހަރު ފެށުނުއިރާ ބަލާފައި ދެ ގުނަ މަތީ އަދަދެކެވެ.
އޭއައި ސިނާއަތުގައި އޮޕަރޭޓު ކުރަމުން އަންނަ ބިޔަ ޓެކްނޮލޮޖީ ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ވަރަށް މައްޗެވެ. މީގެ ތެެރޭގައި މައިކްރޮސޮފްޓް، އަލްފަބެޓް، މެޓަ އަދި އެޕަލް ހިމެނެ އެވެ. އޭއައިއަށް ބޭނުންވާ ޗިޕުތައް ތައްޔާރުކޮށްދޭ މާކެޓުގެ ރަސްކަން ކުރަމުން އަންނަ އެންވިޑިއާއަށް މި ވާދަވެރިކަމާ އެކު ބޮޑެތި ފައިދާތަކެއް އަންނަނީ ކުރަމުންނެވެ.