އެޕަލްގެ ސީއީއޯ ޓިމް ކުކް.
އެޕަލް އައިޕޯނުތަކާއި އޮޕަރޭޓިންގް ސިސްޓަމް އަށް ޗެޓްޖީޕީޓީގެ ހިދުމަތް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރޭހުގައި ވާދަވެރިވެ ދެމިހުރުމަށް އެޕަލް އިން ސިރީ ވޮއިސް އެސިސްޓަންޓްގައި އާއި މެކް އޮޕަރޭޓިންގް ސިސްޓަމްގައި އޯޕެންއޭއައި ކުންފުނީގެ ޗެޓްޖީޕީޓީ ހިދުމަތް ހިމަނައިފި އެވެ.
އެޕަލް އިން އޭއައިއާ ގުޅޭ މި ފީޗާތަކާއި އިތުރު ފީޗާތަކެއް އިއުލާނުކޮށްފައި ވަނީ އިއްޔެ އޮތް ޑިވެލޮޕާސް ކޮންފަރެންސް ގަ އެވެ. މިއާ އެކު އެޕަލްގެ އައިފޯނުތަކާއި މެކް އޮޕަރޭޓިންގް ސިސްޓަމްތައް އަޕްޑޭޓު ކުރުމުން ޗެޓްޖީޕީޓީގެ ހިދުމަތް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.
އެޕަލްގެ އާ އޭއައި ނިޒާމް "އެޕަލް އިންޓެލިޖެންސް" ބައްޓަންކޮށްފައި ވަނީ ބޭނުންކުރާ ފަރާތްތަކަށް އެޕަލްގެ އާލާތްތައް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަކަށެވެ. އަދި ޗެޓްޖީޕީޓީ ބޭނުންކޮށް ޓެކްސްޓް އާއި ކޮންޓެންޓު އުފެއްދުން ފަދަ އިތުރު ހިދުމަތްތައް އިތުރަށް ފުރިހަމަވާނެ ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ.
ކެލިފޯނިއާގެ ކޫޕަޓީނޯގައި އޮތް ކޮންފަރެންސް ހުޅުއްވާދެމުން ސީއީއޯ ޓިމް ކުކް ވިދާޅުވީ އޭއައިގެ މި އާ ހިދުމަތްތަކާ އެކު އެޕަލްގެ ޕްރޮޑަކްޓުތައް "އާ އުސްމިންތަކަކަށް" އުފުލިގެން ދާނެ ކަމަށެވެ.
ނަމަވެސް ޓެސްލާ އާއި ސޯޝަލް މީޑިއާ އެކްސްގެ ވެރިޔާ އީލޮން މަސްކު ވިދާޅުވީ އެޕަލްގެ މި ނިންމުމާ ގުޅިގެން އައިފޯނުތަކުގެ ޑޭޓާ ސެކިއުރިޓީ މައްސަލަތަކެއް ފެންމަތިވާ ކަމަށެވެ. އަދި އޭނާގެ ކުންފުނިތަކުގައި އައިފޯނުތައް ބޭނުން ކުރަން މަނާކުރާނެ ކަމުގެ އިންޒާރު ވެސް މަސްކު ވަނީ ދެއްވާފަ އެވެ.
"އޯޕެންއޭއައި ކުންފުންޏަށް ޑޭޓާތައް ދިނުމުން ވާނުވާއެއް އެޕަލް އަށް އެއްގޮތަކަށް ވެސް ނޭނގޭ. އެމީހުން [މި ޑޭޓާތައް] ވިއްކަނީ،" އެކްސްގައި މަސްކު ޕޯސްޓު ކުރައްވާފައިވެ އެވެ.
ޓެކްނޮލޮޖީ ސިނާއަތުގެ ބޮޑެތި ގިނަ ކުންފުނިތަކުން އޭއައިގެ އެކި ހިދުމަތްތައް ތައާރަފްކޮށްފައި ވާއިރު އެޕަލް އިން ވެސް މިކަން ކުރުމަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައި އޮންނަތާ ދުވަސްގަނޑެއް ވެއްޖެ އެވެ.
އަދި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ ލަގަބުގައި އެތައް އަހަރެއް ވަންދެން ދަމަހައްޓާފައިވާ އެޕަލް ފަހަތަށް ޖައްސާލުމަށް ފަހު އޭއައި އަށް ބޮޑެތި އިންވެސްޓްމަންޓުތަކެއް ކޮށްފައިވާ މައިކްރޮސޮފްޓް އާއި އެންވިޑިއާއިން ވަނީ ކުރިއަށް ޖެހިލާފަ އެވެ.