އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގް އާ އޭއައި ޗިޕެއް އިއުލާނު ކުރައްވަނީ.
އެންވިޑިއާ ކުންފުނީގެ އަގު އެޕަލް ކުންފުންޏަށް ވުރެ މައްޗަށް އަރައިފި
މަޝްހޫރު އެޕަލް ކުންފުނި ފަހަތަށް ޖައްސާލާ އެންވިޑިއާގެ ކުންފުނީގެ އަގު 3 ޓްރިލިއަން ޑޮލަރު ހުރަސްކޮށް ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ކުންފުންޏަކަށް ވެއްޖެ އެވެ.
އިއްޔެ އެންވިޑިއާ ކުންފުނީގެ ހިއްސާގެ އަގު ވަނީ %5 މައްޗަށް ޖެހިލާ، 1،224 އެެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރައިފަ އެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް މަގުބޫލުކަން އިތުރުވުމާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން އެންވިޑިއާ ކުންފުނީ ހިއްސާގެ އަގު އަންނަނީ ހުއްޓުމެއް ނެތި މައްޗަށް އަރަމުން ނެވެ.
އެންވިޑިއާއަށް ވުރެ މިހާރު ދުނިޔޭގައި އޮތް ހަމަ އެކަނި އަގުބޮޑު ކުންފުންޏަކީ މައިކްރޮސޮފްޓް އެވެ. ނަމަވެސް މައިކްރޮސޮފްޓްގެ އަގު ވެސް އުޅެނީ އެންވިޑިއާއާ ދާދި ކައިރީގަ އެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ކުންފުނީގެ ގޮތުގައި މައިކްރޮސޮފްޓް އޮތް ސަބަބުތަކުގެ ތެރޭގައި އެ ކުންފުނިން އޭއައި ސިނާއަތުގައި އެންމެ މަޝްހޫރު ޗެޓްޖީޕީޓީ އުފެއްދި އޯޕެންއޭއައި ކުންފުންޏަށް ކޮށްފައިވާ އިންވެސްޓްމަންޓުތައް ހިމެނެ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އައި އިރުވެސް އެންވިޑިއާގެ އަގު ހުރީ 2 ޓްރިލިއަން ޑޮލަރުގަ އެވެ. ނަމަވެސް މިދިޔަ މަހު ހިއްސާތައް ބައިކޮށްލަން ނިންމާފައިވާކަން އެންްވިޑިއާއިން އިއުލާނު ކުރުމާ އެކު އެ ކުންފުނީގެ ހިއްސާއަށް އޮތް ޑިމާންޑު ވަނީ އިތުރުވެގެން ގޮސްފަ އެވެ.
މި ފިޔަވަޅާ އެކު ކުންފުނީގެ ކޮންމެ ހިއްސާއެއް 10 ހިއްސާއަށް ބަދަލުވެގެން ދާނެ އެވެ. އަދި އަގުގެ ގޮތުން އެ 10 ހިއްސާގެ އަގު އަރާނީ ކުރިން 1 ހިއްސާގެ އަގު ހުރި މިންވަރަށެވެ. މަގްސަދަކީ ހިއްސާގެ އަގު ދަށްކޮށް ކުދި އިންވެސްޓަރުންނަށް ހިއްސާ ގަނެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.
އެންވިޑިއާ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނަތީޖާތައް ދައްކާގޮތުން ކުންފުންޏަށް ލިބިފައިވާ އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 3 ގުނަ އިތުރުވެ 26 ބިލިއަން ޑޮލަރަށް އަރާފަ އެވެ.