ޗަންގްއީ 6 މިޝަން ލޯންޗުކޮސްފައި ވަނީ ޗައިނާގެ ވެންޗަންގް ސްޕޭސްޕޯޓް އިން މޭ މަހު.

ޗައިނާގެ ޖައްވީ އުޅަނދެއް ހަނދުގެ ދުރު ފަރާތަށް ލޭންޑުކޮށްފި

ހަނދުގެ ދުރު ފަރާތައް ޖައްވީ އުޅަނދެއް ކާމިޔާބު ކަމާ އެކު ޖެއްސި ހަމަ އެކަނި ގައުމަކީ ޗައިނާ. މިކަން ޗައިނާއިން ފުރަތަމަ ހާސިލް ކުރީ 2019ގައި

ޖައްވީ އިދާރާތަކުން ދިރާސާ ކުރުމަށް ޖެހިލުންވާ ހަނދުގެ ދުރު ފަރާތުގައި ކާމިޔާބު ކަމާ އެކު ޖައްވީ އުޅަނދެއް ލޭންޑުކޮށްފައިވާ ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ) އިން ހާމަކުރި ގޮތުގައި މިއަދު ހެނދުނު 6:23ގައި ޗައިންގްއީ 6ގެ ނަންދީފައިވާ މިޝަން ވަނީ ހަނދުގެ ސައުތު ޕޯލް-އައިޓްކެން ބޭސިންގައި ލޭންޑުކޮށްފަ އެވެ. 

މޭ މަހުގެ 3 ވަނަ ދުވަހު ލޯންޗު ކުރި މި މިޝަންގެ މަގްސަދަކީ އިންސާނީ ތާރީހުގައި ފުރަތަމަ ފަހަރަށް ދިރާސާކުރުމަށް ހަނދުގެ މި ސަރަހައްދުން ގަލާއި ވެލި ނެގުމެވެ. ހަނދުގެ ސައުތު ޕޯލުގައި އޮންނަ ބޮޑު ކްރޭޓާ އަކުން ހަނދުގައި އެންމެ ދުވަސްވީ ސާމްޕަލްތައް ޗަންގްއީ ނަގާނެ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.

ހަނދުގެ ދުރު ފަރާތައް ޖައްވީ އުޅަނދެއް ފޮނުވުމުން މުވާސަލާތު ކުރުމަށް ދިމާވާ ހުރަސްތަކާ އެކު މިފަދަ ދަތުރުތަކަކީ ބޮޑެތި ގޮންޖެހުންތަކެއް އޮންނަ ކަމެކެވެ. ޗައިނާ އަކީ މިހާތަނަށް މިފަދަ މިޝަންއެއް ކާމިޔާބު ކުރިހަމަ އެކަނި ގައުމެވެ. ޗައިނާއިން ވަނީ 2019ގައި ވެސް ހަނދުގެ ދުރު ފަރާތަށް ޖައްވީ އުޅަނދެއް ކާމިޔާބު ކަމާ އެކު ޖައްސާފަ އެވެ.

ޗަންގްއީ 6 މޭ މަހު ކުރީ ކޮޅު ލޯންޗުކުރީ ޗައިނާގެ ވެންޗަންގް ސްޕޭސް ލޯންޗު ސެންޓަރުން ނެވެ. 

ސީއެންއެސްއޭ އިން މައުލޫމާތު ދިން ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ޗަންގްއީ އިން މަސައްކަތް ކުރާނީ ހަނދުގެ މަތީ ފަށަލައިން ސާމްޕަލްތައް ނެގުމަށެވެ.

"އެއްވެސް މީހަކަށް މީގެ ކުރިން ނުފެންނަ ސާމްޕަލްތަކެއް ބަލާލަން ފުރުސަތު ލިބިގެން ދާނެތީ އެންމެން ތިބީ ކެތްމަދުވެފައި،" ޔުނިވާސިޓީ އޮފް މެންޗެސްޓާގެ ހަނދާ ބެހޭ ޖިއޮލޮޖީގެ ޕްރޮފެސަރު ޖޯން ޕާނެޓް-ފިޝާ ވިދާޅުވި އެވެ.

އޭނާ ވަނީ އެމެރިކާ އެޕޯލޯ މިޝަން އާއި ޗައިނާގެ ކުރީގެ މިޝަންތަކުން ގެނެސްފައިވާ މިފަދަ ސާމްޕަލްތައް ތަހްލީލު ކުރައްވާފަ އެވެ. ނަމަވެސް ހަނދުގެ އެހެން ސަރަހައްދަކުން ސާމްޕަލްތައް ލިބުމުން ޕްލެނެޓުތައް އުފެދޭ ގޮތް ދެނެގަތުން ފަދަ އަސާސީ ކަންކަމާ ބެހޭ ސުވާލުތަކަށް ޖަވާބު ލިބުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށް ޕާނެޓް-ފިޝާ އުއްމީދު ކުރައްވަ އެވެ.

މިހާތަނަށް ހަނދުން ގެނެސްފައިވާ ގިނަ ސާމްޕަލް ތަކަކީ ހަވާއީ އާއި އައިސްލެންޑް އިން ވެސް ލިބެން ހުންނަ ފަދަ ވޮލްކެނިކް ސާމްޕަލްތަކެކެވެ.

ސީއެންއެސްއޭ އިން މައުލޫމާތު ދިން ގޮތުގައި، ބުރުމާ އަކާއި މެކޭނިކަލް އަތެއް ބޭނުންކޮށް ޗަންގްއީ އިން ދެ ކިލޯގެ މެޓީރިއަލް ނަގާނެ އެވެ.

ސައުތު ޕޯލް-އެއިޓްކެން ބޭސިން އަކީ އަހަރުމެންގެ ސޯލާ ސިސްޓަމްގައިވާ އެންމެ ބޮޑު އެއް އިމްޕެކްޓް ކްރޭޓާ އެވެ.

ހަނދުގެ ދުރުފަރާތުގައި އައިސް ހުރެދާނެކަމަށް ބެލެވޭތީ ކުރިއަށް ހުރި މިޝަންތަކުގައި އެ ސަރަހައްދު ތަހްލީލު ކުރުމަށް ގިނަ ގައުމުތަކަކުން ޝައުގުވެރިވެ އެވެ. އަދި އެ ސަރަހައްދުން ފެން ހޯދިއްޖެ ނަމަ ސައިންސްގެ ދިރާސާތައް ކުރުމަށް ހަނދުގައި ބޭސްއެއް ގާއިމު ކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ފުރުސަތު ހުޅުވިގެންދެ އެވެ.

ކުރިއަށް އޮތް ހަ އަހަރު ދުވަހުގެ ތެރޭ ހަނދަށް އަދި އިތުރު ތިން މިޝަން ފޮނުވުމަށް ޗައިނާއިން ވަނީ ރާވާފަ އެވެ. އަދި 2030 އަންނަން ވާއިރަށް ހަނދަށް އެސްޓްރޯނޯޓެއް ފޮނުވުމަށް ޗައިނާއިން ވަނީ އަމާޒު ހިފައިފަ އެވެ.

ވާދަވެރި އެެމެރިކާއިން ވެސް އަންނަނީ 2026ގައި ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށް ތައްޔާރުވަމުން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް