ބައިނޭންސްގެ ކުރީގެ ސީއީއޯ ޗަންގްޕެންގް ޖާއޮ (މެދު) ފެޑެރަލް ކޯޓަކުން އޭޕްރިލް 30 ވަނަ ދުވަހު ނުކުންނަވަނީ
ބައިނޭންސްގެ ކުރީގެ ސީއީއޯ ޖަލު ހުކުމް ފައްޓަވައިފި
ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ބައިނޭންސްގެ ބާނީ އަދި ކުރީގެ ސީއީއޯ ބިލިއަނަރު ޗަންގްޕެންގް ޖާއޮ ޖަލު ހުކުމް ތަންފީޒު ކުރަން ފެއްޓެވުމަށް ޖަލަށް ވަޑައިގެންފައިވާ ކަމަށް އޭނާގެ ވަކީލުންގެ ޓީމުން ކަށަވަރު ކޮށްދީފި އެވެ.
ބައިނޭންސްގައި މަނީ ލޯންޑާ ކުރަން ފުރުސަތު ދިންކަމުގެ ތުހުމަތަށް އެއްބަސްވެވަޑައިގަތުމާ ގުޅިގެން ޖާއޮގެ މައްޗަށް ހަތަރު މަސްދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އޭޕްރިލް މަހު އެވެ.
ނަމަވެސް، މި މުއްދަތަކީ ޕްރޮސެކިއުޓަރުން ޖާއޮ ޖަލަށް ލުމަށް ވަކާލާތު ކުރަމުން ދިޔަ ތިން އަހަރުދުވަހަށް ވުރެ މާ ބޮޑަށް ވެސް ކުރު މުއްދަތެކެވެ. ޖާއޮގެ ވަކީލުންގެ ޓީމުން އެދުނީ ފަސް މަސްދުވަހުގެ ޕްރޮބޭޝަން ހުކުމެއް އިއްވުމަށެވެ.
ރޮއިޓާސް އިން އޭޕްރިލްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުކުމް އިއްވުމުގެ ކުރިން ޖާއޮ ވަނީ އޭނާގެ ކުށަށް ގާޒީ އަރިހުން މައާފަށް އެދިވަޑައިގެންފަ އެވެ.
"އަހަރެން ގަބޫލު ކުރާ ގޮތުގައި ޒިންމާދާރުވުމުގެ ފުރަތަމަ ފިޔަވަޅަކީ ކުށްތައް ގަބޫލުކުރުން،" ޖާއޮ ވިދާޅުވެފައިވެ އެވެ.
"މިތާ އަހަންނަށް މި ވަނީ އެކަށީގެންވާ މަނީ ލޯންޑަރިން ހުއްޓުވުމުގެ ޕްރޮގްރާމެއް ތަންފީޒު ކުރަން ފޭލުވެފައި. މިހާރު އަހަންނަށް ވިސްނޭ ކިހާ ސީރިއަސް ގޯހެއްކަން އެ ހެދުނީ."
މި މައްސަލައިގައި ބައިނޭންސް ކުންފުނީގެ މައްޗަށް 4.3 ބިލިއަން ޑޮލަރު އަދި ޖާއޮގެ މައްޗަށް 50 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް އެމެރިކާގެ އިދާރާތަކުން ވަނީ އަމުރުކޮށްފަ އެވެ.
އެމެރިކާގެ ސަރުކާރުން ހިންގަމުން އައި ތަހްގީގަކަށް އެހީތެރިކަން ދިނުމުގެ ގޮތުން ޖާއޮ ބައިނޭންސްގެ ސީއީއޯ މަގާމުން އިސްތިއުފާ ދެއްވީ ނޮވެމްބަރު މަހު އެވެ. އަދި ބައިނޭންސް ހިންގުމުގައި ޖާއޮގެ އެއްވެސް ރޯލެއް މިހާރު ނެތް ނަމަވެސް އެ ކުންފުނީގެ %90 ހިއްސާ ކުރަނީ އޭނާ ކަމަށް ގިނަ ފަރާތްތަކަކުން ރިޕޯޓު ކުރެ އެވެ.
ކްރިޕްޓޯކަރަންސީގައި މަޝްހޫރު އެހެން ކުންފުންޏެއް ކަމުގައިވާ އެފްޓީއެކްސްގެ ބާނީ އަދި ކުރީގެ ސީއީއޯ ސޭމް ބޭންކްމަން-ފްރައިޑްގެ މައްޗަށް ވެސް މިދިޔަ 25 މާޗުގައި ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.