އެޕަލްގެ އައިފޯން 15 ފޯނުތަކެއް ފިހާރައެއްގައި ވިއްކަން ބަހައްޓާފައި
އެޕަލް އިން ފުރަތަމަ ފަހަރަށް މެލޭޝިއާގައި ފިހާރައެއް ހުޅުވަނީ
އޭޝިއާ ސަރަހައްދުގައި ވިޔަފާރި ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އަންނަ މަހު ފުރަތަމަ ފަހަރަށް މެލޭޝިއާގައި ފިހާރައެއް ހުޅުވަން ނިންމާފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ.
މި ފިހާރަ ހުޅުވާނީ މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރްގެ 'ދަ އެކްސްޗޭންޖް ޓީއާރްއެކްސް' މޯލްގަ އެވެ.
އަދި ފިހާރަ ހުޅުވާނީ އަންނަ މަހުގެ 22 ވަނަ ދުވަހު ހެނދުނު 10 ޖަހާއިރު ކަމަށް އެޕަލް އިން ބުންޏެވެ.
އެޕަލްގެ އެންމެ ބޮޑު އޭޝިއާ މާކެޓު ކަމުގައިވާ ޗައިނާގައި ހުއާވޭ ފަދަ ބްރޭންޑުތަކުގެ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން އެޕަލް އަން އަންނަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވަމުން ނެވެ. މިއާ އެކު ޗައިނާއަށް ވެފައި އޮތް ބަރޯސާ ކުޑަކުރުމަށް އެޕަލް އިން އަންނަނީ ފިޔަވަޅުތަކެއް އަޅަމުން ނެވެ.
މިދިޔަ އަހަރު އެޕަލް އިން ވަނީ ފުރަތަމަ ފަހަރަށް އިންޑިއާގައި ވެސް ފިހާރަތަކެއް ހުޅުވައިފަ އެވެ. އައިފޯނުތައް މިހާރު ވެސް އުފައްދަމުން އަންނަ އިންޑިއާ އަކީ މުސްތަގުބަލުގައި ވަރަށް މުހިންމުވާނެ މާކެޓެއް ކަމަށް އެޕަލް އިން ދެކެ އެވެ.
އެޕަލް އިން މެލޭޝިއާގައި އައިފޯނު ނުއުފެއްދި ނަމަވެސް ބައެއް މެކް ކޮމްޕިއުޓަރުތައް އަންނަނީ އުފައްދަމުން ނެވެ.
އޭޝިއާގައި އިންޑިއާގެ އިތުރުން ސިންގަޕޫރާއި ތައިލެންޑް ފަދަ ގައުމުތަކުގައި ވެސް އެޕަލްގެ އަމިއްލަ ފިހާރަތައް ހުރެ އެވެ.
ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އެޕަލް އިން އަންނަނީ ސްމާޓްފޯން މާކެޓުގައި ޗައިނާގެ އޮއްޕޯ އާއި ޝާއުމީ އަދި ދެކުނު ކޮރެއާގެ ސެމްސަންގް ފަދަ ބްރޭންޑުތަކާ ވަރުގަދައަށް ވާދަކުރަމުން ނެވެ.