އެންވިޑިއާގެ ކޯ ފައުންޑާ އަދި ސީއީއޯ ޖެންސެން ހުއާންގް މިއަހަރުގެ މާޗު މަހު ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ.
އެންވިޑިއާ ސީއީއޯގެ މިލްކިއްޔާތުގެ އަގު 5 އަހަރު ތެރޭ 3 އިން 90 ބިލިއަން ޑޮލަރަށް
މީގެ ފަސް އަހަރު ކުރިން އެންވިޑިއާ ކުންފުނީގެ ސީއީއޯ ޖެންސެން ހުއާންގްގެ މިލްކިއްޔާތުގައި ހުރި އެ ކުންފުނީގެ ހިއްސާތަކުގެ ޖުމްލަ އަގު ހުރީ 3 ބިލިއަން ޑޮލަރުގަ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެންވިޑިއާގެ ހިއްސާގެ އަގު ރެކޯޑު މިންވަރަކަށް މައްޗަށް އުފުލުމާ އެކު ހުއާންގްގެ ހިއްސާތަކުގެ އަގު ވަނީ 90 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ.
އެންވިޑިއާއިން ބުދަ ދުވަހު ޝާއިއު ކުރި މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނީގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ ވަނީ އަންދާޒާތަކަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް އޮތް ޑިމާންޑާ އެކު ޖެހިޖެހިގެން ތިންވަނަ ކުއާޓަރަކަށް ކުންފުނީގެ އާމްދަނީ ވަނީ %200 އިތުރުވެފަ އެވެ.
ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖެންސެން ވިދާޅުވީ މިހާރު ހިނގަމުން މިދާ ކުއާޓަރުގައި ވެސް ނަތީޖާ ރަނގަޅުވާނެ ކަމަށެވެ.
"ކޮންޕިއުޓިން މަސައްކަތް ކުރާ ގޮތާއި ކޮމްޕިއުޓަރަށް ކުރެވޭނެ ކަންކަން އަހަރެމެން އަސާސީ ގޮތުން ބަދަލުކޮށްލަނީ މި،" ހުއާންގް ވިދާޅުވި އެވެ.
ހުއާންގްގެ އަތްޕުޅުގައި އެންވިޑިއާ ކުންފުނީގެ %3.5 ނުވަތަ 86.76 މިލިއަން ހިއްސާ އެބަހުއްޓެވެ. އަދި ބުރާސްފަތި ދުވަހު އެ ކުންފުނީގެ ހިއްސާގެ އަގު %9 މައްޗަށް ޖެހިލުމާ އެކު ހުއާންގްގެ މިލްކިއްޔާތުގެ އަގު 7.7 ބިލިއަން ޑޮލަރު މައްޗަށް ޖެހިފައި ވެ އެވެ.
އެންވިޑިއާ ކުންފުނީގެ ހިއްސާގެ އަގު މިދިޔަ އަހަރު ތިން ގުނަ މައްޗަށް ދިޔަ އިރު، މި އަހަރު މިހާތަނަށް ވަނީ ދެގުނަ މައްޗަށް ޖެހިލާފަ އެވެ.
ގޭމިން ސިނާއަތަށް ޗިޕު އުފެއްދުމަށްޓަކައި މިހާރު އުމުރުން 61 އަހަރުގެ ހުއާންގް އެންވިޑިއާ ކުންފުނި އުފެއްދެވީ 1993 ވަނަ އަހަރު އެވެ. ގޭމިން އަކީ އެތައް އަހަރެއް ވަންދެން އެންވިޑިއާއަށް އެންމެ ގިނަ އާމްދަނީ ވެއްދި ސިނާއަތް ކަމުގައިވީ ނަމަވެސް، ކްލައުޑް ގޭމިން، ސަބްސްކްރިޕްޝަންސް، މެޓަވާސް އަދި ކްރިޕްޓޯކަރަންސީ މައިނިން ޗިޕްސް ފަދަ ދާއިރާތަކަށް ވެސް އެ ކުންފުނިން އިންވެސްޓުކޮށްފައި ވެ އެވެ.
ނަމަވެސް އެންވިޑިއާގެ އަގު އިންތިހާ މައްޗަށް އަރަން ފެށީ 2022ގެ ފަހުކޮޅު އޯޕަންއޭއައި ކުންފުނިން އާންމުންނަށް ޗެޓްޖީޕީޓީ ދޫކޮށްލި ހިސާބުންނެވެ. ޖެނެރޭޓިވް އޭއައި ކޮންސެޕްޓްގެ މައްޗަށް ބިނާކޮށް އާންމުންނަށް އެތައް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީ ސިނާއަތުގެ ބޮޑެތި ކުންފުނިތަކުން އެންވިޑިއާގެ ވަރުގަދަ ޗިޕުތަކަށް އޮތް ޑިމާންޑު ބަންޑުން ކޮށްލުމާ ގުޅިގެންނެވެ.