އެންވިޑިއާ.

އެންވިޑިއާގެ ހިއްސާގެ އަގު 1،000 ޑޮލަރުން މައްޗަށް އަރައިފި

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 2 ބިލިއަން ޑޮލަރުގެ އާމްދަނީއާ ބަލާފައި މިއަހަރު 14 ބިލިއަން ޑޮލަރު އެންވިޑިއާއަށް ވަނީ ލިބިފައި

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް އެނަލިސްޓުންގެ އަންދާޒާތަކަށް ވުރެ ރަނގަޅުވެ ޗިޕު އުފައްދާ އެންވިޑިއާ ކުންފުނީގެ ހިއްސާއެއްގެ އަގު ފުރަތަމަ ފަހަރަށް 1،000 ޑޮލަރަށް ވުރެ މައްޗަށް އަރައިފި އެވެ.

ދުނިޔޭގައި މަގުބޫލުކަން ވަރަށް މައްޗަށް ގޮސްފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިނާއަތަށް އޮތް ޑިމާންޑު ދެނެގަތުމަށް މާހިރުން މިހާރު ބޭނުން ކުރަމުން އަންނަ އެއް އުކުޅަކީ އެންވިޑިއާ ކުންފުނިން ކޮންމެ ކުއާޓަރަކު ނެރެމުން އަންނަ މާލީ ހިސާބުތަކެވެ. 

އަދި ރޭ އެންވިޑިއާއިން ޝާއިއު ކުރި މާލީ ހިސާބުތަކާ އެކު އޭއައި ސިނާއަތަށް ބޭނުންވާ ޗިޕުތަކަށް އޮތް ޑިމާންޑު އަދިވެސް ވަރުގަދަކަން ވަނީ ކަށަވަރު ވެގެން ގޮސްފަ އެވެ.

އެންވިޑިއާ އިން އޭއައި އަށް ހާއްސަކޮށް އެންމެ ފަހުން އީޖާދުކޮށްފައިވާ 'ބްލެކްވެލް' ޗިޕުތަކުން އާމްދަނީ މިއަހަރު ފަހުކޮޅު ވަންނަން ފަށާނެ ކަމަށް ކުންފުނީގެ ސީއީއޯ ޖެންސެން ހުއާންގް ރޭ ވަނީ ވިދާޅުވެފަ އެވެ.

އެންވިޑިއާގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކާ އެކު ކުންފުނީގެ ހިއްސާގެ އަގު ވަނީ %7 މައްޗަށް ޖެހިލާފަ އެވެ. އަދި މިހާރު ހިނގަމުން މިދާ ކުއާޓަރުގައި 28 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަންނާނެ ކަމަށް ވެސް  އެ ކުންފުނިން ވަނީ އަންދާޒާކޮށްފަ އެވެ.

އޭޕްރިލް 28 ވަނަ ދުވަހަށް ނިމުނު ފުރަތަމަ ކުއާޓަރުގައި އެންވިޑިއާ އަށް ލިބިފައިވާ އާމްދަނީ ހުރީ 14.88 ބިލިއަން ޑޮލަރުގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރީ 2.04 ބިލިއަން ޑޮލަރުގަ އެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު އެންވިޑިއާއަށް އެންމެ ގިނަ އަދަދަކަށް ފައިސާ ވައްދާ ޑޭޓާ ސެންޓަރުތަކުގެ އާމްދަނީ ވަނީ %427 މައްޗަށް ޖެހި 22.6 ބިލިއަން ޑޮލަރަށް އަރާފަ އެވެ.

އެންވިޑިއާގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކާ ގުޅޭ (ވީޑިއޯ/އެންބީސީ ނިއުސް)

ފާއިތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެންވިޑިއާގެ ހިއްސާގެ އަގު އިންތިހާ މައްޗަށް އަރައިގެން ގޮސްފައި ވަނީ ގޫގުލް، މައިކްރޮސޮފްޓް، މެޓަ، އޯޕަންއޭއައި އަދި އެމެޒޯން ފަދަ ކުންފުނިތަކުން އޭއައި އުފެއްދުންތަކަށް ބޭނުންވާ ޗިޕުތައް އެންވިޑިއާއިން ގަންނަމުން ދިޔުމުގެ ސަބަބުން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް