ސެމްސަންގް އަކީ އެންމެ ގިނަ އަދަދަކަށް މެމޮރީ ޗިޕު އުފައްދަމުން އަންނަ ކުންފުނި.
ސެމްސަންގް ޗިޕު ވިޔަފާރިއަށް އާ ވެރިއަކު ހަމަޖައްސައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިނާއަތުގެ އެންމެ އުހަށް އެރުމަށް މަސައްކަތް ކުރަމުން އަންނަ ސެމްސަންގް ކުންފުނިން އެ ކުންފުނީގެ ޗިޕު ވިޔަފާރިއަށް އާ ވެރިޔަކު ހަމަޖައްސާ އެކަން އިއްޔެ އިއުލާނުކޮށްފި އެވެ.
ސެމްސަންގް އެޑްވާންސްޑް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ވިޔަފާރި ކުރިއެރުވޭނެ އިތުރު ގޮތްތައް ހޯދުމުގެ މެންޑޭޓެއް އޮންނަ ސެންސަންގްގެ ޗިޕު ވިޔަފާރިއަށް އަލަށް ހަމަޖައްސާފައިވާ ވެރިޔަކީ ޔަންގް ހިޔުން ޖުން އެވެ.
ކުންފުނީގެ އަމާޒަކީ "ދުނިޔޭގެ ވިޔަފާރީގެ މާހައުލުގައި ޔަގީންކަން ނެތް ދުވަސްވަރެއްގައި ވާދަވެރިކަން ވަރުގަދަކުރުން،" ކުންފުނީގެ މެމޮރީ އަދި ބެޓެރީ އުފައްދާ ޑިވިޝަންތައް ހިންގެވުމުގައި ގިނަ ތަޖުރިބާތަކެއް ޖުން ހޯއްދަވާފައިވާ ކަމަށް ފާހަގަކޮށް ސެންސަންސްގް އިލެކްޓްރޯނިކްސް އިން ބުނެފައިވެ އެވެ.
ދުނިޔެއަށް އައިސްފައިވާ އޭއައި އިންގިލާބަށް ބޭނުންވާ އެންމެ ކުރިއަރާފައިވާ މެމޮރީ ޗިޕުތައް އުފެއްދުމަށް ސެމްސަންގް އިން އަންނަނީ 'އެސްކޭ ހައިނިކްސް' ކުންފުންޏާ ވަރުގަދައަށް ވާދަކުރަމުން ނެވެ. މި ވަގުތު މި މާކެޓުގައި އޮޕަރޭޓު ކުރާ އެންމެ ބޮޑު ކުންފުނިތަކަކީ ސެމްސަންގް، އެސްކޭ ހައިނިކްސް އަދި މައިކްރޮން އެވެ.
އޭއައި ސިނާއަތަށް ބޭނުންވާ ޗިޕުތައް އެންމެ ގިނައިން އުފައްދަމުން އަންނަ އެންވިޑިއާ ކުންފުންޏަށް ބޭނުންވާ 'އެޗްބީއެމް3' ޗިޕުތައް މިވަގުތު ހަމަ އެކަނި ސަޕްލައި ކުރަމުން އަންނަނީ ސެމްސަންގްއާ ވާދަކުރަމުން އަންނަ އެސްކޭ ހައިނިކްސް ކުންފުނިން ނެވެ. ދައި މި ޗިޕުތައް ސެމްސަންގް އިން ހޯދުމަށް ވެސް އެންވިޑިއާއިން ވިސްނަމުންދާކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.
މޯނިންގްސްޓާގެ ޑިރެކްޓަ އޮފް އިކުއިޓީ ރިސާޗް ކަޒުނޯރީ އީޓޯ ވިދާޅުވި ގޮތުގައި، "2025ގައި ހައި ބޭންޑްވިޑްތު މެމޮރީގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ ކަމަށް ވަނީ ލަފާކުރެވިފައި" އެވެ.
"އަދި ސެމްސަންގް އާއި އެސްކޭ ހައިނިކްސް އާ ދެމެދު ކުއާޓަރުތަކެއްގެ ޓެކްނޮލޮޖީ ފަރަގުތަކެއް ހުރިކަމަށް އަހަރުމެންނަށް ގަބޫލު ކުރެވޭ."
އެންމެ ފަހުގެ ޖެނެރޭޝަންގެ މެމޮރީ ޗިޕުތައް ކާރުހާނާތަކުގައި ތައްޔާރު ކުރަން ފެއްޓުމަށް އެސްކޭ ހައިނިކްސް އިން ތައްޔާރުވަމުން އަންނަނީ މިއަހަރުގެ ތިން ވަނަ ކުއާޓަރަށެވެ. ނަމަވެސް ސެމްސަންގް އިން މި ޗިޕުތައް މި ހިނގާ ދެ ވަނަ ކުއާޓަރުގައި އުފައްދަން ފައްޓާނެކަމަށް ވަނީ ކުރިން ބުނެފަ އެވެ.
"[މިކަމުން ފެނިގެން މި ދަނީ] ސެމްސަންގް އިން އަވަހަށް ޓެކްނޮލޮޖީގެ ފަރަގު ކުޑަކުރަމުންދާ ތަަން. ނަތީޖާއެއްގެ ގޮތުން މައިގަނޑު ތިން ސަޕްލަޔަރުން ވެސް އެޗްބީއެމް3އީ ޗިޕުތައް އެންވިޑިއާ އަށް ސަޕްލައިކޮށް އަގުގެ ވާދަވެރިކަން ބޮޑުކުރާނެ ކަމަށް ބެލެވޭ." އީޓޯ ވިދާޅުވި އެވެ.