ޗައިނާގައި ކަސްޓަމަރުންތަކެއް އައިފޯން ވިއްކާ ފިހާރައެއްގައި.
ވިޔަފާރި ރަނގަޅު ކުރަން އެޕަލް އިން ޗައިނާގައި ވަރުގަދަ ޑިސްކައުންޓްތަކެއް އަޅުވައިފި
ހުއާވޭ ފަދަ ޗައިނާގެ ސްމާޓްފޯން ބްރޭންޑުތަކުގެ ވާދަވެރިކަން ބޮޑުވެ ވިޔަފާރި ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި އެޕަލް އިން ޗައިނާގައި ބޮޑެތި ޑިސްކައުންޓްތަކެއް އަޅުވައިފި އެވެ.
ޗައިނާގައި ފާހަގަކުރާ 618 ޝޮޕިން ފެސްޓިވަލާ ދިމާކޮށް އެ ގައުމުގެ އީކޮމާސް ވެބްސައިޓުތައް ކަމަށްވާ ޖޭޑީ.ކޮމް އާއި އަލީބާބާގެ ޓީމޯލްގައި އިއްޔެއިން ފެށިގެން އައިފޯންތައް ވަނީ %20އާ ހަމައަށް ޑިސްކައުންޓް އަޅުވާފަ އެވެ.
ކުރިން 9،999 ޔުއާން އަށް ލިބެން ހުރި އައިފޯން 15 ޕްރޯ މެކްސް 256 ޖީބީ ފޯނެއްގެ އަގު މިހާރު ވަނީ 7،949 ޔުއާން (އެމެރިކާ ޑޮލަރު 1،120) އަށް ދަށްކޮށްފަ އެވެ. މިއީ މިދިޔަ ފެބްރުއަރީ މަހު އެޕަލް އިން އެޅުވި ޑިސްކައުންޓުތަކަށް ވުރެ ބޮޑު ޑިސްކައުންޓެކެވެ.
އަހަރުގެ މެދުތެރޭ އޮންނަ 618 ޝޮޕިން ފެސްޓިވަލާ ދިމާކޮށް މި އަހަރު ދެ އިވެންޓެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އަލިބާބާއިން ވަނީ ބުނެފަ އެވެ. އެއީ 20-28 މޭ އަށް އަދި 31 މޭ އިން 20 ޖޫން އަށެވެ.
މީގެ އިތުރުން އައިފޯން 11 ނުވަތަ އޭގެ ފަހުގެ މޮޑެލްއެއް އަނބުރާ ގެނެސްދޭ ނަމަ އައިފޯން 15ގެ އަގު 6،100 ޔުއާން އަށް އެޕަލް އިން ވަނީ ދަށްކޮށްފަ އެވެ.
ޓެކްނޮލޮޖީ މާކެޓުތައް ދިރާސާ ކުރާ ކެނަލިސްގެ އެނަލިސްޓް ލެ ޝުއާން ޗެއީ ވިދާޅުވި ގޮތުގައި، ޝޮޕިން ފެސްޓިވަލާ ދިމާކޮށް އެޕަލް އިން ޑިސްކައުންޓުތައް އަޅުވާފައި މިވަނީ އައިފޯން ވިޔަފާރި މަޑުޖެހުމުންނެވެ.
"މިއީ 2024 ގައި އެޕަލް އިން އަގުތައް ވައްޓާލި ދެވަނަ ފަހަރު. ފުރަތަމަ ފެބްރުއަރީ މަހު. މިއީ ވިޔަފާރި މަތިކޮށް ހުއާވޭގެ ވާދަވެރިކަމަށް ރައްދު ދޭން އެޕަލް އިން އަޅާ ފިޔަވަޅެއް،" ކުރިން އެޅުވި ޕްރޮމޯޝަންގައި ވެސް ވިޔަފާރި ރަނގަޅުވިކަން ފާހަގަކުރައްވައި ޗެއީ ވިދާޅުވި އެވެ.
މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެޕަލްގެ ޗައިނާ ވިޔަފާރި ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %25 ދަށަށް ގޮސްފަ އެވެ. މިއާ އެކު އެޕަލްގެ މާކެޓް ޝެއާ ވެސް ވަނީ މިދިޔަ އަހަރު ހުރި %20 އިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި %15 އަށް ދަށަށް ގޮސްފަ އެވެ.