ސްޓާލިންކް ހިދުމަތް ދޭ ސްޕޭސްއެކްސް ކުންފުނީގެ ވެރިޔާ އީލޮން މަސްކު އިންޑޮނީޝިއާގެ ހެލްތު މިނިސްޓަރު ބުދީ ގުނާޑީ ސަދިކިން (ވ) އާ އެކު ސްޓާލިންކް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި.

އިންޑޮނީޝިއާގައި ސްޓާލިންކް އިންޓަނެޓް ހިދުމަތް ލޯންޗުކޮށްފި

އިންޑޮނީޝިއާގެ ޖަޒީރާ އެތައް ހާސް ރަށްތަކެއް އޮންނަ އިރު ބައެއް ރަށްތަކަށް އެއްގޮތަކަށް ވެސް އިންޓަނެޓް ހިދުމަތެއް ނުލިބޭ

އެމެރިކާގެ ޖައްވީ ކުންފުނި ސްޕޭސްއެކްސް އިން ދެމުން އަންނަ ސްޓާލިންކް އިންޓަނެޓް ހިދުމަތް އެ ކުންފުނީގެ ވެރިޔާ ބިލިއަނަރު އީލޮން މަސްކު އިންޑޮނީޝިއާގައި ލޯންޗުކޮށްދެއްވައިފި އެވެ.

މަސްކު މި ހިދުމަތް ލޯންޗުކޮށްދެއްވާފައި ވަނީ އިންޑޮނީޝިއާގެ ބާލީގައި ހުންނަ ކޮމިއުނިޓީ ހެލްތު ސެންޓަރެއްގައި މިކަމަށް ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ. 

މި ރަސްމިއްޔާތުގައި މަސްކު ވިދާޅުވީ އިންޓަނެޓް ހިދުމަތް ނުލިބޭ ސަރަހައްދުތަކަށް އިންޓަނެޓް ލިބޭނެ ގޮތް ހަދާ ދެވުމުން އުފާ ކުރައްވާ ކަމަށާއި، މިއީ ދުރު ހިސާބުތަކުގައި ވަކިން ހުންނަ މެޑިކަލް ކްލިނިކްތަކަށް ފުރާނަތަށް ސަލާމަތް ކުރުމަށް ވެސް މުހިންމު ހިދުމަތެއް ކަމަށެވެ.

"އިންޓަނެޓް ހިދުމަތުގެ ބޭނުންތެރިކަމަށް އަލިއަޅުވާލުމަކީ މުހިންމު ކަމެއް އަދި އޭގެ ސަބަބުން ދިރިއުޅުމަށް އިންގިލާބުތަކެއް އައިސް އަދި ފުރާނަތައް ސަލާމަތް ކުރެވޭ،" އިއްޔެ މަސްކު މީޑިއާއަށް ވިދާޅުވި އެވެ.

ބޮޑެތި ރޮކެޓުތަކާއި ޖައްވީ އުޅަނދުތައް ތައްޔާރުކޮށް ލޯންޗު ކުރަމުން އަންނަ ސްޕޭސްއެކްސް ކުންފުނިން ސްޓާލިންކް އިންޓަނެޓު ހިދުމަތް ދެނީ ޖައްވުގައި ގާއިމްކޮށްފައިވާ ސެޓެލައިޓް ނެޓްވޯކެއް މެދުވެރި ކޮށެވެ. ދެކުނު އިރުމަތީ އޭޝިއާގައި ސްޓާލިންކް މިހާރު ވެސް ލިބެން ހުރި ގައުމުތަކުގެ ތެރޭގައި މެލޭޝިއާ އާއި ފިލިޕީންސް ހިމެނެ އެވެ. 

ގާތްގަނޑަކަށް 17،000 ވަރަކަށް ރަށް އޮންނަ އިންޑޮނީޝިއާ އަކީ ދުނިޔޭގައި އެންމެ ގިނަ ރަށްތައް އޮންނަ ޖަޒީރާ ގައުމެވެ. މި ސަބަބާ ހުރެ ކުދި އާބާދީތައް ދިރިއުޅެމުން އަންނަ ބައެއް ރަށްތަކުގައި އެއްގޮތަކަށް ވެސް އިންޓަނެޓް ހިދުމަތް ލިބޭކަށް ނުހުރެ އެވެ.

މުވާސަލާތީ ކުންފުނިތަކުން މިހާރު ހިދުމަތް ފޯރުކޮށް ނުދޭ ހިސާބުތަކަށް ސްޓާލިންކް އިން ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އިންޑޮނީޝިއާގެ މުވާސަލާތީ ވަޒީރު ބުދީ އަރީ ސެތިއާދީ ވިދާޅުވި ކަމަށް އިންޑޮނީޝިއާގެ އަންތާރާ ނޫސް އެޖެންސީއިން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ސްޓާލިންކުގެ ސަަބަބުން މިހާރު ތިބި ކުންފުނިތަކަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް ދެކެވޭ ވާހަކަތައް ވަޒީރު ވަނީ ދޮގުކުރައްވާފަ އެވެ. 

"އިންޓަނެޓް ހިދުމަތް ލިބޭނަމަ ބޭނުން ކޮންމެ ކަމެއް ދަސްކޮށް ލެވިދާނެ. އެކަމު އިންޓަނެޓް ކަނެކްޝަން ނެތް ނަމަ ވަރަށް އުނދަގޫ ވާނެ ދަސްކުރަން،" މަސްކު އިއްޔެ ވިދާޅުވި އެވެ.

އަދި "ދުނިޔެއަށް ވިއްކަން ބޭނުންވާ އުފެއްދުމެއް ނުވަތަ ހިދުމަތެއް އޮތް ނަމަ، އެކަހެރި އަވަށެއްގައި ހުރެ ވެސް މިހާރު އެ ކަން ކުރެވިދާނެ. [އެކަހެރި] މުޖުތަމައުތަކަށް ބޮޑު މުއްސަނދިކަމެއް ގެނެވިދާނެ."

އިންޑޮނީޝިއާގައި ސްޓާލިންކް ހިދުމަތް ލޯންޗުކުރުމާ ގުޅޭ (ވީޑިއޯ/އަރީރާންގް ނިއުސް)

އިންޑޮނީޝިއާގެ ރައީސްއާ ބައްދަލު ކުރެއްވުމަށް ފަހު އެ ގައުމުގައި ޓެސްލާގެ ބެޓެރީ ކާރުހާނާއެއް ގާއިމް ކުރުމަށް މަސްކު ވިސްނަވަމުންދާ ކަމަށް އެ ގައުމުގެ ވަޒީރަކު ވަނީ މިއަދު ވިދާޅުވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް