ގޫގުލްގެ އައި/އޯ ޑެވެލޮޕާ ކޮންފަރެންސްގެ ލޯގޯ އެ ކޮންފަރެންސްގައި ދައްކާލާފައި.
ގޫގުލް އިން ބާރުގަދަ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްތަކެއް ލޯންޗުކޮށްފި
ގޫގުލްގެ މި އަހަރުގެ ޑެވެލޮޕާ ކޮންފަރެންސްގައި މިހާތަނަށް އެ ކުންފުނިން ތައްޔާރުކޮށްފައިވާ އެންމެ ލުއި އަދި ހަރުދަނާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ މޮޑެލްތައް ދައްކާލައިފި އެވެ.
ގޫގުލްގެ ޖެމިނައި މޮޑެލް ސީރީސްގެ އޭއައި މޮޑެލްތަކުގެ އާ ވާޝަން ކަމުގައިވާ "ޖެމިނައި 1.5 ފްލޭޝް" އަންގާރަ ދުވަހު ގޫގުލްގެ އައި/އޯ ކޮންފަރެންސްގައި ވަނީ އިއުލާނުކޮށްފަ އެވެ.
"ޑެވެލޮޕަރުންގެ ފަރާތުން އަހަރުމެންނަށް އަޑު އިވުނީ އެ މީހުން ބޭނުން ވަނީ ތަންކޮޅެއް އަވަސް އަދި ހަރަދު ކުޑަ އެއްޗެއްކަން،" ގޫގުލް ޑީޕްމައިންޑްގެ ސީއީއޯ ޑެމިސް ހަސާބިސް ނޫސްވެރިންނަށް މައުލޫމާތު ދެއްވި އެވެ.
ގޫގުލް އިން އޭއައިގެ އާ މޮޑެލްތަކެއް ދައްކާލާފައި މިވަނީ ޓެކްނޮލޮޖީ ކުންފުނިތަކުން ބިނާކުރަނިވި އޭއައި މޮޑެލްތައް އިތުރަށް ފައްކާކުރުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ޖެނެރޭޓިވް އޭއައިގެ މައްޗަށް ބިނާކުރުމަށް ޓެކްނޮލޮޖީ ކުންފުނިތަކުން އަންނަނީ މަސައްކަތް ކުރަމުން ނެވެ.
ޒަމާނުއްސުރެ އިންޓަނެޓުގައި އެއްޗެހި ސާޗް ކުރުމަށް ކަންކަން ކުރަމުން އަންނަ ގޮތުގެ ބަދަލުގައި އޭއައިގެ އާ ޓޫލްތަކާ އެކު އިންޓަނެޓުގައިވާ މައުލޫމާތުތައް ކަސްޓަމަރުންނަށް މާ ފުޅާ އަދި އުފެއްދުންތެރި ގޮތެއްގައި ފޯރުކޮށްދިނުމަަކީ ގޫގުލްގެ އަމާޒެކެވެ.
އޭއައި ސިނާއަތުގައި އެންމެ މަޝްހޫރު ކުންފުނި އޯޕެންއޭއައި އިން ވަނީ ހޯމަ ދުވަހު ޗެޓްޖީޕީޓީ ޑެސްކްޓޮޕް ވާޝަނެއް ތައާރަފްކޮށް އާ އޭއައި މޮޑެލް އެއްވެސް ލޯންޗުކޮށްފަ އެވެ. 'ޖީޕީޓީ 4-އޯ'ގެ ނަންދީފައިވާ އާ މޮޑެލް 'ޖީޕީޓީ-4' އާ ބަލާފައި ދެގުނަ ހަލުވި ވެފައި، ދެގުނަ ހަރަދު ވެސް ކުޑަވާނެ ކަމަށް އޯޕެންއޭއައި އިން ވަނީ ބުނެފަ އެވެ.