ހުއާވޭ އާއި ޗައިނާގެ ގިނަ ޓެކްނޮލޮޖީ ކުންފުނިތަކެއްގެ މައްޗަށް އެމެރިކާއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި.
ހުއާވޭއަށް އަނެއްކާ ވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި
ޓެކްނޮލޮޖީ ރޮނގުން ޗައިނާ ވަކި ގިންތިއެއްގައި ހިފެހެއްޓުމަށް ވޮޝިންޓަނުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން ޗައިނާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ހުއާވޭއަށް އެމެރިކާގައި އުފައްދާ ޗިޕުތައް އެކްސްޕޯޓު ކުރުން އަނެއްކާ އިތުރަށް ހަރުކަށިކޮށްފި އެވެ.
"ބަދަލުވަމުން އަންނަ ދުނިޔެ އާއި ޓެކްނޮލޮޖީގެ މާހައުލުގެ މައްޗަށް ބިނާކޮށް އަހަރުމެންގެ ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތުތަކާއި މަސްލަހަތުތައް ރައްކާތެރި ކުރުމަށް އަހަރުމެންނަށް ކޮންޓްރޯލު ކުރެވިދާނެ ކަންކަން އަބަދު ވެސް ވަޒަން ކުރަމުން ގެންދަން،" އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓްގެ އޮފިޝަލަކު ސީއެންބީސީ އަށް މައުލޫމާތު ދެއްވި އެވެ.
"މި ފިޔަވަޅުތަކުގެ ދަށުން، ކުރިން ވެސް އަމަލުކޮށްފައިވާ ފަދައިން، ބައެއް ފަހަރު އަހަަރުމެން އެކްސްޕޯޓު ކުރަން ދޫކޮށްފައިވާ ލައިސަންސްތައް ބާތިލް ކުރަން،" ވަކި ވަކި ލައިސަންސްތަކުގެ މައުލޫމާތު ދިނުމަށް ދެކޮޅު ހައްދަވަމުން އެ އޮފިޝަލް ވިދާޅުވި އެވެ. "ނަމަވެސް ހުއާވޭއަށް ދޫކޮށްފައި ހުރި ބައެއް ލައިސަންސްތައް އަތުލާފައިވާކަން ޔަގީން ކޮށްދެން."
ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކާ ގުޅިގެން ކަމަށް ބުނެ ހުއާވޭއަށް 5ޖީ ޗިޕުތައް ފަދަ ބައެއް ކަހަލަ ޓެކްނޮލޮޖީތައް ބޭރުކުރުން ވޮޝިންޓަނުން މަނާކުރީ 2019 ވަނަ އަހަރު އެވެ. އަދި އެމެރިކާގެ ޓެކްނޮލޮޖީތައް ބޭނުންކޮށް އެހެން ގައުމުތަކުގައި ޗިޕު އުފައްދާ ކުންފުނިތަކުން ވެސް ހުއާވޭއާ އެކު ވިޔަފާރި ކުރުމަށް އެމެރިކާއިން ވަނީ 2020 ވަނަ އަހަރު ފިޔަވަޅުތަކެއް އަޅާފަ އެވެ.
އެ ފަހުން ހުއާވޭ ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް މިދިޔަ އަހަރު އެ ކުންފުނިން ވަނީ 'މޭޓް 60 ޕްރޯ' ސްމާޓްފޯނު ލޯންޗުކޮށް ކުންފުނީގެ މޯބައިލް ފޯނު އަދި ލެޕްޓޮޕް ވިޔަފާރިއަށް ބޮޑު ދިރުމެއް ގެނުވާފަ އެވެ.
އެމެރިކާގެ ކުއަލްކޮމް އާއި އިންޓެލް ކުންފުނިން ހުއާވޭއަށް މިހާރު ވެސް ޗިޕު އެކްސްޕޯޓު ކުރެ އެވެ. ނަމަވެސް މި އަހަރަށް ފަހު ހުއާވޭއިން އެއްވެސް އާމްދަނީ އެއް ވަންނާނެ ކަމަށް އުއްމީދު ނުކުރާކަމަށް ކުއަލްކޮމް އިން ވަނީ ބުނެފަ އެވެ.
ހުއާވޭއިން ވަނީ 'ޕިއުރާ 70' ސީރީސްގެ އާ ސްމާޓްފޯނުތަކަށް މިދިޔަ މަހު އެޕަލްއާ ވާދަކުރުމަށް ލޯންޗުކޮށްފަ އެވެ. އަދި ޗައިނާގައި ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން އެޕަލްގެ އާމްދަނީ އަންނަނީ ދަށްވަމުން ނެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު އެޕަލްގެ އާމްދަނީ ޗައިނާގައި %19.1 ދަށަށް ގޮސްފައި ވާއިރު، ހުއާވޭގެ އާމްދަނީ %69.7 މައްޗަށް ގޮސްފައިވާ ކަމަށް މިފަދަ ތަފާސްހިސާބުތައް ބަލަހައްޓާ ކައުންޓަޕޮއިންޓް ރިސާޗް އިން ބުނެ އެވެ.