ޗައިނާގައި ކަސްޓަމަރުންތަކެއް އައިފޯން ފިހާރައެއްގައި.
އައިފޯން ވިޔަފާރި ހުރިހާ މާކެޓުތަކެއްގައި ދަށަށް ހިނގައްޖެ
ގާތްގަނޑަކަށް ދުނިޔޭގެ ހުރިހާ މާކެޓުތަކެއްގައި އައިފޯން ވިޔަފާރި ދަށްވެފައިވާ ކަމަށް އެޕަލްގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
އެޕަލް ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، ޔޫރަޕު ފިޔަވައި އެހެން ހުރިހާ މާކެޓުތަކެއްގައި އައިފޯން ވިޔަފާރި ވަނީ %10 ދަށަށް ގޮސްފަ އެވެ.
އަދި އެޕަލް ކުންފުންޏަށް ލިބިފައިވާ އާމްދަނީ ވަނީ %4 ދަށަށް ގޮސް 90.8 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިއީ އަހަރަކަށް ވުރެ ގިނަ ދުވަހުގެ ތެރޭ އެޕަލްގެ އާމްދަނީ މިހާ ބޮޑުތަން ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
އެޕަލްގެ ވިޔަފާރި ދަށަށް ގޮސްފައިވީ ނަމަވެސް އިންވެސްޓަރުންގެ އަންދާޒާތަކަށް ވުރެ މި ނަތީޖާތައް ރަނގަޅުވުމުން އެޕަލްގެ ހިއްސާގެ އަގު ވަނީ މައްޗަށް ޖެހިލާފަ އެވެ.
ކޮވިޑަށް ފަހު އެޕަލްގެ ސަޕްލައިތަކަށް އައި ލޮޅުންތަކާ އެކު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ އުފެއްދުންތަކަށް އޮތް ޑިމާންޑު ވަނީ އާދަޔާހިލާފަށް އިތުރުވެފަ އެވެ. އެހެންކަމުން މި އަހަރުގެ ފުރަތަމަ ކުއާޓަރު ކުރީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާނުބެލޭނެ ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ.
އަދި ކުރިއަށް އޮތް މަސްތަކުގައި އާމްދަނީ އިތުރުވާނެ ކަމަށާއި އާ އުފެއްދުންތަކެއް ލޯންޗުކޮށް އާޓިފިޝަލް އިންޓެލިޖެންސް އަށް އިންވެސްޓް ކުރަމުން އަންނަކަމަށް ވެސް އެޕަލް އިން ބުންޏެވެ.
އެޕަލްގެ ވިޔަފާރި ޗައިނާ މާކެޓުގައި ވަނީ %8 ދަށަށް ގޮސްފަ އެވެ. މީގެ އެއް ސަބަބަކީ ޗައިނާގެ ހުއާވޭ ފަދަ އަމިއްލަ ބްރޭންޑުތަކުން އެޕަލްއާ ވަރުގަދައަށް ވާދަކުރަމުން ދިޔުމެވެ.
ނަމަވެސް އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ ދުރު ރާސްތާގައި ޗައިނާގެ މާކެޓު ވަރަށް ރަނގަޅުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ޖުމްލަ ގޮތެއްގައި މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހު ބައިނަލްއަގްވާމީ ސްމާޓްފޯން ޝިޕްމަންޓުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު %10 މައްޗަށް ޖެހިފައިވާ ކަމަށް މިކަމާ ބެހޭ ތަފާސްހިސާބުތައް ބަލަހައްޓާ ކެނަލިސް ކުންފުނިން ބުނެ އެވެ.