މައިކްރޮސޮފްޓްގެ ސީއީއޯ ސަތުޔާ ނަޑެއްލާ ދެކުނު އިރުމަތީ އޭޝިއާގެ ތިން ގައުމަކަށް ކުރައްވާ ދަތުރެއްގައި.
މައިކްރޮސޮފްޓް އިން މެލޭޝިއާގައި 2.2 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ
މެލޭޝިއާއަށް އަންނަމުންދާ ޑިޖިޓަލް ކުރިއެރުންތަކަށް އެހީތެރިވެ ދިނުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ކްލައުޑް އިންފްރާސްޓްރަކްޗާ ދާއިރާއިން އެ ގައުމުގައި 2.2 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ނިންމާފައިވާކަން މައިކްރޮސޮފްޓް އިން މިއަދު ހާމަކޮށްފި އެވެ.
މައިކްރޮސޮފްޓްގެ ސީއީއޯ ސަތުޔާ ނަޑެއްލާ މިކަން އިއުލާނު ކުރައްވަމުން ވިދާޅުވިގޮތުގައި، މެލޭޝިއާގައި އޭއައި ދާއިރާގެ ސެންޓާ އޮފް އެކްސެލެންސްއެއް އުފައްދައި އެތަނުން 200،000 އެއްހާ މީހުންނަށް ތަމްރީން ދިނުން ވެސް ހިމެނެ އެވެ.
"މެލޭޝިއާގައި އަންނަމުންދާ އޭއައިގެ ބަދަލުތަކަށް އެހީތެރިވެ ދިނުމަށާއި އެކަމުން މެލޭޝިއާގެ ހުރިހާ ރައްޔިތުންނަށް ފައިދާވާނެ ގޮތް ކަށަވަރު ކުރުމަށް އަހަރެމެން މިތިބީ ތައްޔާރަށް،" ދެކުނު އިރުމަތީ އޭޝިއާގެ ތިން ގައުމަކަށް ކުރައްވާ ދަތުރެއްގެ ފަހު ގައުމު ކަމުގައިވާ މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރްގައި ހުންނަވައި ނަޑެއްލާ ވިދާޅުވި އެވެ.
"ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި ހުނަރުތައް މަތި ކުރުމަށް އަހަރެމެން ކުރާ އިންވެސްޓްމަންޓުތަކުގެ ސަބަބުން މެލޭޝިއާގެ ވިޔަފާރިތަކާއި މުޖުތަމައުތައް އަދި ޑިވެލޮޕަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށް އިގްތިސާދީ ކުރިއެރުމާއި އުފެއްދުންތެރިކަން ގައުމުގެ އެކި ހިސާބުތަކުގައި ފުޅާ ކުރުމަށް އެހީތެރިވެދޭނެ."
މެލޭޝިއާގެ އިންވެސްޓްމަންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ ވަޒީރު ޒަފްރުލް އަބްދުލް އަޒީޒް ވިދާޅުވީ މި އިންވެސްޓްމަންޓުން ފެނިގެން ދެނީ "އިތުބާރުގެ މައްޗަށް ބިނާވެފައިވާ މާނަ ފުން ޕާޓްނަޝިޕެއް" ކަމަށެވެ.
"ހަގީގަތުގައި ވެސް، އަޅުގަނޑުމެންގެ ސެމީކޮންޑަކްޓާ އީކޯސިސްޓަމްގެ ސަބަބުން ޓެކްނޮލޮޖީގެ އިންވެސްޓްމަންޓްތަކަށް އޮތް މަންޒިލެއްގެ ގޮތުގައި މެލޭޝިއާގެ ދަރަޖަ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވޭ،" އޭނާ ވިދާޅުވި އެވެ.
އަދި "އޭއައިގެ އިންގިލާބާ އެކު ވީހާ ވެސް ބާރަކަށް ކުރިއަރާ ޑިޖިޓަލް އިގްތިސާދަކަށް މެލޭޝިއާ ހެދުމަށް ކުރާ މި ދަތުރުގައި މައިކްރޮސޮފްޓާ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށް، އާންމުންނަށް އިތުރު އާމްދަނީ ލިބޭނެ ވަޒީފާތައް އުފެއްދުމަށް އަހަރެމެން އުއްމީދު ކުރަން."
މި ހަފްތާގެ ކުރީކޮޅު ނަޑެއްލާ ވަނީ އިންޑޮނޭޝިއާ އާއި ތައިލެންޑްގައި ވެސް އޭއައި އާއި ކްލައުޑް ހިދުމަތްތައް ފުޅާކުރުމަށް ބިލިއަން ޑޮލަރުގެ އަގުހުރި އިންވެސްޓްމަންޓުތަކެއް އިއުލާނު ކުރައްވާފަ އެވެ.
ބައިނަލްއަގްވާމީ ކޮންސަލްޓިން ކުންފުންޏެއް ކަމުގައިވާ ކިއާނީ އިން ލަފާކުރާ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް އަންނަ އިރު ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ޖުމްލަ ޖީޑީޕީގައި އޭއައި ދާއިރާއިން 1 ޓްރިލިއަން ޑޮލަރު ހިއްސާ ކުރާނެ އެވެ.